ގޮތްހުސްވެ ދިރިއުޅުންމަތިން މާޔޫސްވެފައި ހުރި މީހަކަށް އެހީތެރިވެދީ އެކަމުން ސަލާމަތްކޮށްދިން މީހަކަށް ލައްވަވާނެ ބޮޑު ރަޙްމަތް އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ގޮތްހުސްވެ ދިރިއުޅުންމަތިން މާޔޫސްވެފައި ހުރި މީހަކަށް އެހީތެރިވެދީ އެކަމުން ސަލާމަތްކޮށްދިން މީހަކަށް ލައްވަވާނެ ބޮޑު ރަޙްމަތް އެނގޭތަ؟

މުސްކުޅިން ބުނާ ބަހެއް އޮވެއެވެ. ގިނަ ބައަކު ބޭނުންވާނީ ފެތޭއޮޑި ފައްތައިލާށެވެ! އެއޮޑި ސަލާމަތްކުރަން ަމސައްކަތްކުރާނީ މަދު މީހެކެވެ. މިބަސް މިއަދު މިވަނީ އިންސާނުންގެ ދިރިއުޅުމާއި ގުޅިފައެވެ. މީހަކަށް ދެރަ ނިކަމެތިކަމެއް ލިބިއްޖެނަމަ ނުވަތަ ހިތްދަތި ޙާލަތެއް ކުރިމަތިވެއްޖެނަމަ ގިނަ މީހުން ހަދާގޮތަކީ ފެތޭ އޮޑި ފެތެން ދޫކޮށްލަނީއެވެ. ހެޔޮ ނިޔަތުގައި އޭނާ ސަލާމަތްކުރަން މަސައްކަތްކުރަނީ ވަރަށް މަދު މީހެކެވެ. އެހެންވެ މިބަލައިލަނީ އެކަމުގެ މައްޗަށެވެ.  

ކުރިމަތިވާ ކަމެއްގެ ގޮތުން މީހުންގެ މާޔޫސްކަން އިތުރުވެ ދިރިއުޅުމަށް ބަދަލުތަކެއް އަތުވެއްޖެނަމަ މިފެންނަނީ އެމީހަކު ނިކަމެތިކޮށްލެވޭތަނެވެ. ހިތާމައަކީ ފުރަތަމަވެސް އެކަންކުރަނީ އޭނާގެ ޢާއިލާގެ މީހުންނާއި އެކުވެރިންކަމެވެ.  

އެގޮތަށް އެކަން މެދުވެރިވުމުން އޭނާއަށް ވިސްނެނީ އެންމެ ނުބައިކޮށެވެ. "އަހުރެންގެ އެންމެ ގާތް މީހުން ކަމުގައިވާ މައިންބަފައިންނާއި ޢާއިލާގެ މީހުންވެސް އަހުރެން ދޫކޮށްލައިފިއެވެ. އެންމެ ގާތް އެކުވެރިންވެސް އަހުރެން ދޫކޮށްލައިފިއެވެ. ވީމާ ދުނިޔޭގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެންމެ ރަނގަޅު ގޮތަކަށްވާނީ އެއިން އެއްވެސް މީހަކަށް އަހުރެން ނުވެސް ފެންނާނެ ގޮތަށް ކަންތައް ކުރުމެވެ."

އެޙާލަތަށް ވިސްނުން ދިއުމުން ބުއްދިފިލައިދަނީއެވެ. ކުރެވޭ ނުކުރެވޭ ކަމެއް އޭނާއަކަށް ނުއެނގެއެވެ. އެންމެފަހުން އެންމެ ބޮޑު ގޯސްވެސް ހެދެނީއެވެ. ގޯސް ހެދުމުން ވިސްނައިލުމެއް ނެތި އޭނާ ކުށްވެރިކުރެވެއެވެ.  

އަދި ބައެއް މީހުން އޭނާއަށް ވަންނަން ޖެހޭނެ ތަނަކީ ނަރަކަ ކަމަށްވެސް ބުނެއެވެ.  މިއީ ހެދޭނެ އެންމެ ބޮޑު އެއް ގޯހެވެ. އޭނާ މަރުވި ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އޭނާއަށް ޙުކުމް ކުރައްވަވާނީ ﷲ ތަޢާލާއެވެ. އެޙުކުމަކީ ކޮބައިކަމެއް ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ.  

ދަންނާށެވެ!  

އިންސާނާގެ ޢަމަލުތައް މަލާއިކަތުން ނުލިޔުއްވަވާ 3 ޙާލަތެއްވެއެވެ. އެއީ 1 ނިދާފައި އޮންނައިރު، 2 ހަމަހޭ ނެތުން 3 ބުއްދިފިލައިދިއުން  

އެހެންކަމުން މީހަކަށް ނުބައިކަމެއް ކުރެވޭއިރަށް އޭނާ ކުށްވެރިކުރުމެއް ނެތެވެ. ފުރަތަމަ ކަމަކަށް އޮތީ އޭނާ އެކަންކުރިއިރު އޭނާ ހުރި ޙާލަތު ދެނެގަންނަން މަސައްކަތްކުރުމެވެ. އޭނާ ހުރީ އެހީތެރިކަމަށް ބޭނުންވެގެންނަމަ އެހީތެރިވެދޭށެވެ. ފަރުވާއަށް ބޭނުންވެގެންނަމަ ފަރުވާކުރަން އެހީތެރިވެދޭށެވެ. 

ބުނަން ހެއްޔެވެ؟ އެފަދަ ޙާލުގައި ހުރި މީހަކަށް އެހީތެރިވެދީ އެޙާލަތުން އޭނާ ސަލާމަތްކުރަން މަސައްކަތްކުރުން ވާނީ ކުރެވޭނެ އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ޢަމަލަކަށެވެ. ސަބަބަކީ އެކަންވާނީ މީހެއްގެ ފުރާނަ ސަލާމަތްކޮށް ދެވަނަ ދިރިއުޅުމެއް ހޯދައިދޭން މަސައްކަތްކުރުން ފަދަ ކަމަކަށެވެ. އެކަމަށް ޙައްޤު ޖަޒާ އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން