މައިންބަފައިންގެ އަގުވަޒަންކޮށްބަލަ! މަތީ ތަޢުލީމު އަމިއްލައަށް ޙާޞިލުކުރަން ފުރުޞަތު ލިބުނީ ނާސަރީން ފެށިގެން މައިންބަފައިންވީ ޤުރްބާނީން ނޫންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މައިންބަފައިންގެ އަގުވަޒަންކޮށްބަލަ! މަތީ ތަޢުލީމު އަމިއްލައަށް ޙާޞިލުކުރަން ފުރުޞަތު ލިބުނީ ނާސަރީން ފެށިގެން މައިންބަފައިންވީ ޤުރްބާނީން ނޫންތަ؟

މިއަދު ގިނަ ބައަކަށް ޚާއްޞަކޮށް ބައެއް ދަރިންނަށް ކަންކަން މިވިސްނޭ ގޮތާއިމެދު އަހުރެން ވަރަށް ބޮޑަށް ކަންބޮޑުވަމެވެ. މަތީ ތަޢްލީމް ޙާޞިލުކުރެވުނީމާ ވިސްނުމަށް އަންނަ ބަދަލުތަކާއިމެދު އަދި މާބޮޑަށް ކަންބޮޑުވަމެވެ. 

މިހާރަކަށް އައިސް ގިނަ ކުދިން މަތީ ތަޢްލީމް ޙާޞިލުކުރަނީ ވަޒީފާ އަދާކުރަމުންނެވެ. އަދި ސްޓޫޑަންޓް ލޯނުވެސް ނަގައިގެންނެވެ. އެހިސާބުން ވިސްނެނީ ތިމާއަށް ޙާޞިލުކުރެވުނު ކާމިޔާބީ ޙާޞިލުކުރެވުނީ ތިމާގެ އަމިއްލަ މަސައްކަތާއި ހިތްވަރުން ކަމެވެ. އެހެންވެ ގިނަ ފަހަރަށް މައިންބަފައިންނަށް ބަލައިވެސްލެވެނީ ލޮލުގެ ކުޑަކަޅިންނެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވަޒީފާއެއް ހޯދުނީ އަމިއްލައަށް ކިޔަވައިގެން ހެއްޔެވެ؟ ނާސަރީން ފެށިގެން ސްކޫލް ނިންމައި އަދި ކޮލެޖުގައި ކިޔެވީ އަމިއްލަ މަސައްކަތުން ހެއްޔެވެ؟ ނޫނީ ސްޓޫޑަންޓް ލޯނުނަގައިގެން ހެއްޔެވެ؟

ނިކަން ވިސްނައިލަބަލާށެވެ! މަތީ ސާނަވީ ނިންމައިލެވެނީވެސް މައިންބަފައިން ކިހައި ބޮޑު ބުރައެއް އުފުލައިގެންކަމެވެ. ކިހައި ބޮޑު ހޭދައެއްކޮށްގެންކަމެވެ. އެޤުރްބާނީ މައިންބަފައިން ނުވިނަމަ ތިބާއަށް ލިބޭނީ ކޮން ވަޒީފާއެއް ހެއްޔެވެ؟ ޙާޞިލްކުރެވޭނީ ކޮން މަތީ ތަޢުލީމެއް ހެއްޔެވެ؟ 

ވީމާ ތިމާއަށް މީހަކަސްވެވުމުން މައިންބަފައިން ދެރަކޮށް ނިކަމެތިކޮށް ހިތުގައި ޖައްސުވަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އެމީހުން ތިބާއަށްޓަކައި ކޮށްދިން ޚިދުމަތާއި ވީޤުރްބާނީގެ އަގުވަޒަންނުކުރާނަމަ އެމީހަކީ އެންމެ ކުޑަމިނުން އިންސާނިއްޔަތުކަންހުރި މީހަކަށްވާނެ ހެއްޔެވެ؟ 

އަހުރެން ބުނާނީ ނުވާނެ ކަމަށެވެ. ފުރަތަމަ ތިމާއަކީ އިންށާނިއްޔަތުކަންހުރި މީހަކަށްވާށެވެ! ދިރިއުޅުމުގައި ކުރިއެރުން ލިބޭނީ އެއިރުންނެވެ.

 

- ހެޔޮ ނަޞީޙަތް / މިއަދުނޫސް

މިއަދު އޮންލައިން