ޒިނޭކުރެވުމުން ވީދެރައިން ތައުބާވުމަށް އަވަސްވެގަތް ޒުވާނަކު ސަޖިދައިގަ އޮއްވާ މަރުވި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 38ސ
ޒިނޭކުރެވުމުން ވީދެރައިން ތައުބާވުމަށް އަވަސްވެގަތް ޒުވާނަކު ސަޖިދައިގަ އޮއްވާ މަރުވި ގޮތުގެ ވާހަކަ-

ޒިނޭކުރުން ފަދަ ބޮޑު ފާފައެއް ކުރެވުނަސް ތައުބާވުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެންމެ މަތީ ދަރަޖައިގަ ލިބޭނެތަ؟  

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބަކީ ކިތަންމެ ބޮޑު ފާފައެއް ކުރެވުނަސް އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ ހެޔޮ ޢަމަލުކުރަން ފެށުމުން އެމީހެއްގެ ދަރަޖަ ދާނީ އިތުރަށް މަތިވެރިވަމުންނެވެ. އެކަމުގެ ހެކިތަށްވެސް ގެންދަވަނީ ދައްކަވަމުންނެވެ. ދަލީލަކަށް ތިރީގައިވާ ޙާދިސާގެ ވާހަކަ ފުދޭނެއެވެ. އިން ޝާ ﷲ  

އެއީ ޒިނޭކުރެވުނު ޒުވާނެކެވެ. ކުރެވުނު ފާފަ ވިސްނި ތައުބާވެ ހެޔޮ ޢަމަލުތައް ކުރަންފެށިތަނާ ފުރާނަ ގެންދެވީ ސަޖިދައިގައި އޮއްވައެވެ. އެއީ އެންމެ ހެޔޮ ނިމުން ކަމަށް ބެލިދާނެއެވެ. ޢިލްމްވެރިން އެގޮތަށް ބަޔާންކުރައްވާތީއެވެ. އެކަމުން އެނގެނީ އޭނާގެ ތައުބާ ޤަބޫލުފުޅު ކުރައްވަވައި އެންމެ ހެޔޮ ގޮތް މިންވަރުކުރެއްވެވި ކަމެވެ. އިން ޝާ ﷲ  

އަޙްމަދު ނިޞްބަތްވަނީ ސައުދިއަރަބިޔާގެ ރިޔާޟް އަށެވެ. އަޙްމަދުގެ މައިން ބަފައިން އޭނާ އިނިގިރޭސިވިލާތަށް ފޮނުވީ މޮޅަށް ކިޔަވައިދޭށެވެ. ކިޔަވަންދާން ޖެހުނީ ދެޖިންސުގެ ޒުވާނުން ކިޔަވާ ޔުނިވަރސިޓީއަކަށެވެ. އަޙްމަދަށް މުޞީބާތް ކުރިމަތިވީ ދެ ޖިންސުގެ ޒުވާނުން ބޭއްވި ޕާޓީއެއްގައެވެ. ހުރިހާ ކަމެއް ގޯސްވެއްޖެކަން އަޙްމަދަށް ވިސްނުނީ ޒިނޭ ކުރެވުނުފަހުންނެވެ.  

ހަމަ ވަގުތުން އަޙްމަދު ބޭނުންވީ އެނބުރި ޤައުމަށްދާށެވެ. ގޮސް އަމިއްލައަށް ތައުބާވާށެވެ! އިސްލާމް ދީނުގައި ކަނޑައަޅުއްވަވާފައިވާ ޙައްދު ލިބިގަންނާށެވެ. ފުރައިގެން އައި ދަތުރު މަތީގައި ޤަތަރުގައި މަޑުކުރިއެވެ. ފުރަތަމަ ވެސް ދިއައީ މިސްކިތަށެވެ. މިސްކިތަށް ގޮސް ނަމާދުކޮށްގެން އަޑުންއަޑުނަގައި ރޯން އިންދައި މީހަކު އައިސް ސަބަބު އޮޅުން ފިލުވަން ސުވާލުކުރުމުން އަހްމަދު އޭނާގެ ވާހަކަތައް ކިޔައިދިނެވެ.  

އެ މީހާވީ އިމާމް ބިންބާޒްގެ ދަރިވަރަކަށެވެ. އޭނާ ބޭނުންވީ އަޙްމަދާއިއެކު ރިޔާޟަށް އަންނާށެވެ. ރިޔާޟަށް އައުމަށް އޭނާ އެދުނީ ހެނދުނު އޭނާ ގުޅަންދެން އަހްމަދު އެއްވެސް ކަމެއް ނުކޮށް މަޑުކުރުމަށެވެ.  

ހެނދުނު އޭނާ ގުޅާފައި ބުނީ އިމާމް ބިންބާޒް ވިދާޅުވަނީ އެކަމަކީ އެންމެ ފަހަރަކު ކުރެވުނު ކަމަކަށްވެފައި އެކަމަކީ ސިއްރުވެފައި އޮތް ކަމަކަށްވުމުން އެވާހަކަ އެއްވެސް މީހެއްގެ ގާތު ނުދެއްކުމަށް ކަމަށެވެ. އަދި ފުރިހަމަ ތައުބާއަކުން ތައުބާވެ ﷲ ތައާލާގެ މަގުގައި ސާބިތުވެ ހުރުމަށް ކަމަށެވެ. އަޅުކަމުގައި ކުރިއަށް ދިއުމަށް ކަމަށެވެ. ފާފަ ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުމަށް ކަމަށެވެ.  

އޭނާ އެގެއަށް ގޮސް އުޅުނެވެ. އަހްމަދާއި ބައްދަލުކޮށް ހިތްވަރު ދިނެވެ. އަޙްމަދުގެ ޢާއިލާ އާއިވެސް ގުޅުން ބަދަހިކުރިއެވެ.  

އެއިގެ 2 މަހެއްހައި ދުވަސް ފަހުން އެއްދުވަހު އަޙްމަދު އޭނާއަށް ގުޅިއެވެ. އަދި ބައްދަލުކުރުމުން އެ ރޭ ޢިޝާ ނަމާދުން ނިމިގެން ދާނެ ކަމަށްވެސް ބުންޏެވެ. ޢިޝާ ނަމާދު ނިމި ގަޑިއެއްހައި އިރު ފަހުން އަޙްމަދުގެ ގޭގެ ލޭންޑްލައިނުން އަހްމަދުގެ ބައްޕަ ގުޅާފައި އަވަހަށް އައިސް ދިނުމަށް އެދުނެވެ. ދިއުމުން އަޙްމަދުގެ ކޮޓަރި ހުޅުވާފައި އަޙްމަދު ދެއްކި އެވެ. އަޙްމަދު ވަނީ ސަޖިދައިގައި އޮވެ މިދުނިޔެ ދޫކޮށްފައެވެ.  

އަޙްމަދުގެ ބައްޕަ ބުނީ އަހްމަދު އެންމެ ނަމާދެއްވެސް ނުއަޅާ ކަމަށެވެ. އެރޭގެ ޢިޝާ ނަމާދު އެންމެން އެކުގައި ކުރުމަށްފަހު އަހްމަދު ކޮޓަރިއަށް ވަނީ ސުންނަތްކުރަން ކަމަށެވެ. ކާން ނުކުތުން ލަސްވެގެން ދޮރުހުޅުވައި ބެލިއިރު އޮތީ މަރުވެފައި ކަމަށެވެ. އަހްމަދަށް މަގުދައްކައިދީ އެހީތެރިވެދީ ހެދި މީހަކީ އޭނާ ކަމަށްވުމުން އަޙްމަދު މަރުވެފައި އޮތް ގޮތް އޭނާއަށް ދައްކާފައި ނޫނީ ނުނަގަން އޮތްގޮތަށް ބޭއްވީ ކަމަށެވެ.  

މީސްތަކުންނޭވެ! ފުރަތަމަ ކަމަކީ މޮޅުކުރަން ދަރިންނަށް އެގޮތަށް މިނިވަންކަން ލިބޭނެ ގޮތަށް ބޭރު ޤައުމުތަކަށް ނުފޮނުވުމެވެ. އެހެން ގޮތެއް ނެތިގެން ފޮނުވި ނަމަވެސް ދަރިންގެ ކަންކަން ވީހައި ގާތުން އަބަދުވެސް ބަލަމުން ގެންދިއުމެވެ. 

ދެން އޮތީ އަޙްމަދު ނިމިދިއަ ގޮތެވެ. އެއްވެސް މީހަކާއިމެދު އާޚިރަތް ދުވަހު ވާނެ ގޮތް ކަނޑައަޅާކަށް ނުއެނގޭނެއެވެ. ނަމަވެސް އަޙްމަދު މަރުވެގެން އެދިއައީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިޢްމަތުގައެވެ. ސަޖިދައިގައި އޮވެ މަރުވުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު ނަޞީބެވެ. އެމީހަކާއިމެދު ޤިޔާމަތް ދުވަހު ބައްލަވައިވޮޑިގަންނަވާނީ އެމީހަކު އެންމެ ފަހުން އުޅުނު ގޮތަކަށް ކަމުގައިވާތީއެވެ. އެންމެ ފަހުން ކުރިއަމަލަށް ކަމުގައިވާތީއެވެ. އަބަދުވެސް ތައުބާވެ ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުންނަން މިޖެހެނީ އެހެންވެގެންނެވެ. މަރުވާނެ ވަގުތު އެކަކަށްވެސް ނުއެނގޭނެތީއެވެ.

 

- މިއީ "މަރސިފުލް ސަރވަންޓް" އިން 2014 ވަނަ ޢާންމުކޮށްފައިވާ ދަރުސަކުން ކޮށްފައިވާ ޚުލާޞާ ތަރުޖަމާއެކެވެ.

 

 

މިއަދު އޮންލައިން