ޢިބްރަތްތެރި ވާހަކަ: ތަނަވަސް މީހުންގެ ފަހަތުން ނުދުވެ ﷲ އަށް އިތުބާރުކޮށް ދުޢާކުރަމުން ދިއަ ޒުވާނަކަށް އޭނާގެ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދަވައި ދެއްވެވި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ޢިބްރަތްތެރި ވާހަކަ: ތަނަވަސް މީހުންގެ ފަހަތުން ނުދުވެ ﷲ އަށް އިތުބާރުކޮށް ދުޢާކުރަމުން ދިއަ ޒުވާނަކަށް އޭނާގެ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދަވައި ދެއްވެވި ގޮތުގެ ވާހަކަ-

މިރޭގެ ދަރުސް ފަށަމުން ފުރަތަމަ ކަމަކަށް ޢިބްރަތްތެރި ވާހަކައެއް ވަރަށް ކުރުކުރުކޮށް ކިޔައިލަދޭނަމެވެ. ސަމާލުކަންދީގެން އަޑުއަހާށެވެ!

ރެސްޓޯރަންޓްތަކަށް ދިއުމުން ވެއިޓަރުންގެ ސަމާލުކަން އެންމެ ބޮޑަށް ދެވެނީ މުއްސަނދިންނަށެވެ. އެމީހުން މެނޫ ބަލައި ސުވާލުކުރަން ކިތަންމެ ގިނަ ވަގުތުތަކެއް ހޭދަކުރިނަމަވެސް އެކަން މައްސަލައަކަށް ނުވެއެވެ. އެއީ ކައި ނިމިގެން އެމީހުން ހަދިޔާއަށް ދިއްކޮށްލާ ފައިސާކޮޅުގެ ދަހިވެތިކަމުގައެވެ.

ނަމަވެސް ތަންކޮޅެއް މަދުން އޯޑަރުކުރާ އާދައިގެ މީހަކު 2 ފަހަރަކަށް ސުވާލެއް ކޮށްފިނަމަ އެކަން ވަރަށް ބޮޑުކަމަކަށް ހަދައެވެ. އެއީ އެފަދަ މީހުންގެ އަތުން ޓިޕްސްއަށް ވަކިލާރިއެއްވެސް ނުލިބިދާނެކަމަށްޓަކައެވެ.

އަޒްލިފްއަކީވެސް މަޝްހޫރު ރެސްޓޯރަންޓެއްގެ ވެއިޓަރެކެވެ. އޭނާގެ ފަޤީރުނަމަވެސް އޭނާ ބޮޑަށް ބަލަނީ ވީހާގިނައިން ދަށްފަންތީގެ މީހުންނަށް ޚިދުމަތްކުރުމަށެވެ. ރެސްޓޯރަންޓަށް ގޮސް އުޅޭ އެންމެ އާދައިގެ ފެންވަރުގެ ކަސްޓަމަރުންނަށް ޚިދުމަތް ކުރުމަށެވެ. އެމީހުންނަށް ގިނަ ވަގުތުި ދިނުމަށެވެ.

އެއް ދުވަހަކު ރެސްޓޯރަންޓަށް އައި ކަސްޓަމަރެކެވެ. ލައިގެންހުރީ އެންމެ އާދައިގެ ފެންވަރުގެ މީހުން ލާފަދަ ހެދުމެކެވެ. އޭނާ އިށީން މޭޒުގެ ވެއިޓަރު އޭނާއަށް ޚިދުމަތްދޭން ބޭނުން ނުވެ އަޒްލިފް ގާތުބުނުމުން އޭނާއަށް ޚިދުމަތްދިނީ އަޒްލިފްއެވެ.

ކައިނިމިގެން ތަށިތައް ނަގަން ދިއުމުން އެމީހާ އަޒްލިފްގެ ބައެއް ކަންކަން އޮޅުންފިލުވިއެވެ. ދިރިއުޅުމުގެ ޙާލަތެވެ. އަޒްލިފް ކިޔައިދިނެވެ. "އަޅުގަނޑުގެ ޢާއިލާއަކީ ވަރަށް ފަޤީރު ޢާއިލާއެކެވެ. އެޙާލުގައި ދިރިއުޅެމުންދަނިކޮށް މަންމައަށް މިހާރުވަނީ ކެންސަރުޖެހިފައެވެ. ބޭސްފަރުވާ ކުރެވޭނެ ގޮތެއްވެސް މިއުޅެނީ ނުހޯދިގެންނެވެ. އެހެންވެ 10 އަހަރުގެ ކޮއްކޮވެސް މިހާރު އެބަ ވަޒީފާ އަދާކުރެއެވެ.

އަޅުގަނޑުގެ ޢާއިލާގެ އެންމެން އެކުގައި އަޅުކަންކުރަމުއެވެ. ދުޢާކުރަމުއެވެ. ދަމުނަމާދުވެސް ކުރަމުއެވެ. އަދި މަގެއް ނުފެންނަނީއެވެ. ނަމަވެސް އަޅުގަނޑުމެންގެ ދުޢާ ޢިޖާބަކުރައްވަވާނެ ކަމަށް ޝައްކެއް ނުކުރަމުއެވެ. އިން ޝާ ﷲ"

އެމީހާ ޖަވާބެއް ނުދެއެވެ. ދިއައީ އަޒްލިފްގެ ފޯނު ނަމްބަރު ހިފައިގެންނެވެ. އިރުކޮޅެއްފަހުން އެތަނަށް ދިއަ މީހަކު އަޒްލިފް ހޯދައި އެއްފަރާތްކުރުމަށްފަހު ވަރަށް ސިއްރުން ބުންޏެވެ. "މިއޮތީ ދެންމެ މިތަނުން ކައިގެން ދިއަ މީހާ އަޒްލިފްގެ ޢާއިލާއަށް ދިން ހަދިޔާއެކެވެ. 10،000 ޑޮލަރެވެ. މަންމައަށް ބޭސްކުރަންވެސް އަދި އެހެން ކަމަކުވެސް އިތުރަށް ބޭނުންވާނަމަ ----- މިނަންބަރާއި ގުޅާލަން ބުންޏެވެ."

މިފަދަ ކަންކަން ހިނގަނީ މަދަކުން ނޫނެވެ. އިޚްލާޞްތެރިންނަށް އެކަމުގެ ރަޙްމަތް ދެދުނިޔޭގައިވެސް މިންވަރުކުރައްވަވަތެވެ. އަޒްލިފާއި އޭނާގެ ޢާއިލާއަށް އެންމެ ބޮޑުވެފައިވާ ކަންތައް ހަމަޖެހިގެން އެދިއައީ ހަމަ އަޒްލިފްގެ އިޚްލާޞްތެރިކަމުންނެވެ. އަޒްލިފާ ޢާއިލާއިން ކުރަމުން ދިއަ ދުޢާ ޢިޖާބަކުރެއްވެވީއެވެ. އެތަނަވަސް މީހާ މެދުވެރިކުރައްވަވައި މާތް ﷲ އެމީހުންގެ ބޭނުން ހިންމަވައިދެއްވެވީއެވެ.

އަދި އަހުރެންނަށް އެނގިފައިވާ ގޮތުން ފަހުން އަޒްލިފަށާއި އޭނާގެ ޢާއިލާގެ މީހުންނަށް އެ ތަނަވަސް މީހާ ވަނީ ރަނގަޅު ވަޒީފާވެސް ހަމަޖައްސައިދީފައެވެ.

ތަނަވަސްމީހުންނަށް ކުރުނީސްކުރުން ދޫކޮށްލާށެވެ! މާތް ﷲ އަށް ސަޖިދަކުރުން ގިނަކުރާށެވެ! ހުރިހާ ކަންކަންވެސް ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

މިވާހަކައިން ޙާޞިލްވާ އެންމެ ބޮޑު އެއް ޢިބްރަތަކީ ތަނަވަސް މީހުންގެ ފަހަތުން ނުދުވުމެވެ. މަސްއޫލިއްޔަތެއް އަދާކުރާނަމަ އިންޞާފްވެރިވުމެވެ. ދެރަމީހާއަށް ނުވަތަ މޮޅުމީހާއަށް ބަލައި އިސްކަން ނުދިނުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން