މުއްމިނުންގެ ތެރެއިން އެންމެ މާތް ދަރަޖަ ނުހަނު ފަސޭހައިން ލިބިގަންނަން ކުރަން އޮތީ އެއްވެސް ބުރައަކާ ނުލައި ކުރެވެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
މުއްމިނުންގެ ތެރެއިން އެންމެ މާތް ދަރަޖަ ނުހަނު ފަސޭހައިން ލިބިގަންނަން ކުރަން އޮތީ އެއްވެސް ބުރައަކާ ނުލައި ކުރެވެން އޮތް ކަމެއް!

ކޮންމެ މުސްލިމަކުވެސް އެންމެ އެދޭނެ އެއްކަމަކީ ތިމާއަކީ އެންމެ މާތް މުއުމިނަކަށްވުމެވެ. އެހެންކަމުން މިބުނެދެނީ ނުހަނު ފަސޭހައިން އެ މަތިވެރި ދަރަޖަ ޙާޞިލްކުރެވެން އޮތް ކަމެއްގެ ވާހަކައެވެ.

އެއްދުވަހަކު ރަސޫލް (ﷺ) މުސްލިމުންގެ އެންމެ އިސް ބޭކަލުން ހިމެނިވަޑައިގަންނަވާ ގޮތަށް ބައަކާއިއެކު އިންނަވަނިކޮށް ޒުވާނަކު އައިސް ދެންނެވިއެވެ.

"އޭ ރަސޫލާ (ﷺ) އެވެ. އެންމެ މާތް މުއުމިނަކީ ކޮބައިހެއްޔެވެ؟" މިފަދައިން ސުވާލު ދެންނެވުމުން ޖަވާބުގައި ރަސޫލް (ﷺ) ޙަދީޘް ކުރެއްވެވީ "އެންމެ މާތް މުއުމިނަކީ އެމީހާގެ ޝަޚްޞިއްޔަތާއި އަޚްލާޤް އެންމެ ރަނގަޅު މީހާ" ކަމަށެވެ.

ކަން މިފަދައިން އޮތްއިރު ވިސްނާލަންވީ އަހަރެމެންގެ އަމަލުތައް މިއަދު މިހުރި ގޮތާއިމެދުގައެވެ. އިސްލާމް ދީނަށް ޢަމަލުކުރާ މީހުންކަމުގައި ފެންނަ ބައެއް މީހުންގެ އަމަލުތައް ހުންނަ ގޮތުން އެއީ ކޮންކަހަލަ އަޚްލާޤެއްގެ މީހަކު ކަމާއިމެދު އެބަ ސުވާލު އުފެދެއެވެ.

މިސާލަކަށް ބުނާނަމަ ތަނަކަށް ދިއުމަށްފަހު ވެހިކަލް ޕާކުކުރަނީ ޖެހިގެން ހުރިމީހާގެ ގޭގެ ކުރިމަތީގައި އެގޭގެ މީހުންނަށް ބޭރަށް ނުނުކުމެވޭ ގޮތަށެވެ. މިސްކިތަށް ގޮސްފައި މިސްކިތަށް ވަންނަ ދޮރު ބަންދުވާގޮތަށްވެސް އެބަ ޕާކް ކުރެއެވެ. އެގޮތަށް އަމަލުކުރުމަށްފަހު އެމީހާ ވެސް ބުނާނީ ތިމަންނައަކީ ހަމަ މުއުމިނެއް ކަމަށެވެ.

ދިރިއުޅޭ ފެއަށްވަދެ ފުރަތަމަ ކަމަކަށް ގޭގެ އަހުލުވެރިންނާ، އަނބިދަރިންނާ އެބަ ޒުވާބުކުރެއެވެ. މިސްކިތަށް އަރަނީ ކޮންމެވެސް މީހަކާއި ދެބަސްވަމުންނެވެ. ފައިބަނީ މީހަކަށް އެއްޗެތިގޮވަމުންނެވެ.

މީސްތަކުންނޭވެ! މުއުމިނެކޭ ބުނެވިއްޖެނަމަ އެމީހަކީ ހަރުދަނާ، ރިވެތި އަޚްލާޤެއްގެ މީހެއް ކަމަށް އޮޓޮމެޓިކުން ހިތަށް ވަދެއެވެ. ނަމަވެސް މިބުނި ފަދަ ކަންކަމަށް ބެލުމުން އެއީ އަދި ތެދެއް ނުވަތަ ހަޤީޤަތް އެނގިގެން އެބަދެއެވެ. ފުރިހަމަ މުއުމިނަކަށް ވެވޭނީ އެމީހާގެ ޝަޚްޞިއްޔަތާއި އަޚްލާޤުން އެކަންކަން ފެންނަ ނަމައެވެ.

ފިރިއަކު އިޚްތިޔާރުކުރާނަމަ، ނުވަތަ ދަރިފުޅަށް ފިރިއަކު އިޚްތިޔާރުކުރާނަމަ އެންމެ ދީންވެރި، އެންމެ އަޚްލާޤް ރަނގަޅު މީހުން އިޚްތިޔާރުކުރަން ރަސުލް (ޞޢވ) ހަދީޘްކުރއްވަވާފައި އެވަނީވެސް ހަމަ މި ސަބަބަށްޓަކައެވެ. އެންމެ ދީންވެރި މީހާ އިޚްތިޔާރުކުރަން ބަޔާން ނުކުރެއްވެވީ ކީއްވެގެން ކަމާއިމެދު ވިސްނާށެވެ. ދީންވެރިކަމާއިއެކު އެމީހެއްގެ ކިބައިގައި ރިވެތި އަޚްލާޤް ހުންނަން ޖެހޭނެތީއެވެ.

އަދިވެސް ކުޑަ ކަމެއް ފާހަގަކޮށްލާނަމެވެ.

އިންސާނުންނަކީ އަބަދުވެސް އެންމެ މޮޅު ގޮތާއި އެންމެ މޮޅު ކަންކަން ހޯދަން ވިސްނާ ބައެކެވެ. އަދި އެކަމަށް ދަހިވެތިވެސްވާ ބައެކެވެ. މިގޮތުން ސުންނަތް ނަމާދު ނުކުރާ މީހުންވެސް އެންމެ ގިނަ ސަވާބު ލިބޭ ސުންނަތް ނަމާދު ހޯދަން މަސައްކަތް ކުރާނެއެވެ. ދުވަހަކު ދެ އަތް އުފުލައި ދުޢާ ނުކުރާ މީހުންވެސް އެންމެ "މޮޅު" ދުޢާ ހޯދަން ސުވާލުތައް ކުރާނެއެވެ. އެހެންކަމަށްވާއިރު މުއުމިނުންގެ ތެރެއިން އެންމެ މާތް މުއުމިނަކަށް ވުމަށް މަސައްކަތް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން