ބަންގިއަށް ވަޤުތުން ޢިޖާބަ ނުދެވޭ މީހުން ހަމައެކަނި ޢުމަރުގެފާނުގެ މިބަސްފުޅަށް ވިސްނައިލިޔަސް ބިރުވެތިވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ބަންގިއަށް ވަޤުތުން ޢިޖާބަ ނުދެވޭ މީހުން ހަމައެކަނި ޢުމަރުގެފާނުގެ މިބަސްފުޅަށް ވިސްނައިލިޔަސް ބިރުވެތިވެވޭނެ! އިން ޝާ ﷲ

އެންމެ ހިތާމަހުރިކަމެއްގެ ގޮތުގައި ފާހަގަކުރަން ޖެހެނީ ބަންގިއަށް ޢިޖާބަ ނުދެވޭ ކަމެވެ. ބަންގިއަށް ޢިޖާބަދިނުން އަހުރެން މާނަކުރަނީ ބަންގިގޮވާއިރަށް ނުވަތަ ބަންގީގެ އަޑަށް ނުވަތަ ބަންގިގޮވާ ވަޤުތަށް މިސްކިތަށް ދިއުމަށެވެ. އަންހެނުން ގޭގައި ނަމާދުކުރުމަށެވެ.

މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ބަނޑުފުޅަށް ހަމައެކަނި ޚަންޖަރު ހަރައިލީ އެއްނޫނެވެ. ކަފައިލިލެއް ބޮޑުކަމުން ބޮޑު ބައުގަނޑެއްވެސް ވަނީ ހެދިފައެވެ. ނަމަވެސް ބަންގީގެ އަޑު އިވިވަޑައިގަތުމުން މަސައްކަތްޕުޅު ކުރެއްވެވީ ތެދުވެވަޑައިގެން ނަމާދަށް ވަޑައިގަތުމަށެވެ.

އަރިއަހުގައި ތިއްބެވި ބޭކަލުން ޢުމަރުގެފާނުގެ ޙާލުކޮޅު ބަޔާންކޮށް ދެއްވަވައި "ތިއަ އަވަހާރަވަނީ" ކަމަށް ދެންނެވުމުން ވިދާޅުވީ ކީކޭ ކަމަށް ހެއްޔެވެ؟ "ބަންގީގެ އަޑު އިވިވަޑައިގަންނަވާ ކަމަށާއި ނަމާދަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ނަމާދު އަޅުއްވަވަން ދެއްކެވޭނެ އުޒުރެއް ނެތް ކަމަށެވެ. ޤަޞްދުގައި ނަމާދު އެޅުމަކީ ދީނުން ބޭރުވުން ކަމަށާއި އެކަން ނުކުރައްވާނެ ކަމަށެވެ."

މަރްޔަމް ސޫރަތުގެ 31 ވަނަ ޢާޔަތުގައި އެވަނީ ޢީސާގެފާނު ވިދާޅުވެފައިވާ ބަސްފުޅެކެވެ. ބަސްފުޅު އެވަނީ ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވަވައިފައެވެ. އެންމެހައި މީސްތަކުން އެގޮތަށް ޢަމަލުކުރަން ޖެހޭނެކަން ބަޔާންކުރެއްވެވުމުގެ ގޮތުންނެވެ.

"އަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، ބަރަކާތް ލައްވާފައިވާ އަޅަކު ކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި، ޒަކާތްދިނުމަށް، އެކަލާނގެ މިއަޅާއަށް ވަޞިއްޔަތް ކުރެއްވިއެވެ." (މަރްޔަމް: 31)

ދެން ބަލައިލަންވީ ރަސޫލް (ﷺ) ޢަމަލުފުޅު ކުރެއްވެވި ގޮތުގެއެވެ. ރަސޫލް (ﷺ) ވަނީ ދުނިޔޭގައި ހުންނެވިހައި ދުވަހު މިބަޔާންކުރި އާޔަތަށް ޢަމަލުކުރައްވަވައި އުންމަތަށް ނަމޫނާ ދައްކަވައި ދެއްވަވައިފައެވެ. ސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅުޖެހިވަޑައިގަތުމުން ދެ ޞަހާބީންގެ ކޮނޑުފުޅުގައި އެލިވަޑައިގެން މިސްކިތަށް ވަޑައިގެން ނަމާދުކުރެއްވެވިއެވެ. ހޭފުޅުނެތިގެން ބިންމައްޗަށް ވެއްޓިވަޑައިގަންނަވަމުން ދިއައިރުވެސް ހޭފުޅު އެރުމާއިއެކު ހަށިކޮޅަށް ފެން އަޅުއްވައިގެންވެސް މިސްކިތަށް ޖަމާއަތަށް ވަޑައިގަންނަވަން މަސައްކަތްޕުޅު ކުރެއްވެވިއެވެ.

މިކަންކަމުން އެނގިގެންދަނީ ދެން އެހެން އެއްވެސް ގޮތެއް ނެތިގެން ނޫނީ ޖަމާޢަތުގައި ނަމާދުކުރުން ދޫކޮށް ނުލެވޭނެ ކަމެވެ. އެއީ އެންމެ ފަހުނޭވާ އާއި ހަމައަށް ވެސް ކުރަން ޖެހޭނެ ކަމެއް ކަމެވެ!

ރަސޫލް ﷺ ގެ ޒަމާނުގައިވެސް ޢުމަރުގެފާނުގެފާނުގެ ޒަމާނުގައިވެސް އަދި މިއަދުވެސް މިސްކިތްތަކުން ގޮވަނީ ހަމަ ބަންގިއެވެ. ގޮވަނީ އެއް ކަލިތަކެކެވެ. ތަފާތަކީ އެޒަމާނަށްވުރެ މާ އަޑުބާރުވެފައި މާދުރަށް އަޑު އިވޭކަމެވެ. ކޮންމެ ގެއަކުންވެސް އަޑުއިވޭކަމެވެ. އަދި އަމިއްލަ ޖީބުންވެސް އަޑު އިވޭކަމެވެ. އަޑު ކަންފަތަށް ފޯރައެވެ. އެހެނަސް ކަންފަތް ނަޖިސްވެފައިވާތީ އަޑު އިވެންވާ ގޮތަށް ނުއިވެނީއެވެ. ފުރަތަމަކަމަކަށްވެސް ކަންފަތް ޠޯހިރުކޮށް ބަންގީގެ އަޑު އިވޭނެ ގޮތް ހަދަމާ ހިނގާށެވެ!

--ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން