ކޮންމެ މީހަކީވެސް ކޮންމެ ވަޤުތަކުވެސް ދެލޯ މަރައިލަން ޖެހިދާނެ މީހެކެވެ. އެއިގެ މާނައަކީ އެސްފިޔަޖެހުމެއް ނޫނެވެ. ނުވަތަ ހިނދުކޮޅަކަށް ލޯމަރައިލުމެއްވެސް ނޫނެވެ. އެއިގެ މާނައަކީ ދެން އަލުން ދުނިޔޭގައި ނުހުޅުވޭނެ ގޮތަށް ލޯމަރަންޖެހުމެވެ. އަދި މީހަކު ގަދަކަމުން ތިބާގެ ދެލޯ ހުޅުވިނަމަވެސް ތިބާއަށް އެއްވެސް ތަނެއް ނުފެންނާނެ ގޮތަށް ލޯމަރަންޖެހުމެވެ.
މިދައްކަނީ ހަށިގަނޑުގައިވާ ފުރާނަ ނުކުތުމުން ލޯމަރަންޖެހޭނެ ވާހަކައެވެ. މަރުވުމުން ލޯމަރަންޖެހޭނެ ގޮތުގެ ވާހަކައެވެ. މަރުގެ މަލާއިކަތާ ތިބާގެ ފުރާނަ ހިއްޕެވުމަށްފަހުގައިވެސް ތިބާއަށް ފެންނާނެ އެއްކަމެއް ވެއެވެ. އެއީ މަލާއިކަތުން ތިބާގެ ފުރާނަ ހިއްޕަވައިގެން އުޑަށް އަރާވަޑައިގަންނަވާތަނެވެ. މަރުވާ މީހުންނަށް މައްޗަށް ބަލަން އެއޮވެވެނީ އެ ސަބަބަށްޓަކައެވެ.
ކޮންމެއަކަސް މިއީ ކޮންމެ މީހަކާއިވެސް ބައްދަލުކުރާނެ ޙާލަތެކެވެ. ސުވާލަކީ ތިބާ ތިއަ ހުންނަނީ އެޙާލަތަށް ތައްޔާރުވެގެން ހެއްޔެވެ؟ ތިބާ މަރުވެ ދުނިޔެއިން ނުކުންނާނީ ކޮން ދުވަހަކުހެއްޔެވެ؟ މިސުވާލު މުސްލިމަކަށް ކުރެވިއްޖެނަމަ ޖަވާބަކަށްވާންޖެހޭނީ އަހުރެންގެ އެދުމަކީ ﷲ ތަޢާލާ އަހުރެންގެ މައްޗަށް ރުހިވޮޑިގެންވާ ޙާލު އެކަލާނގެ އިރާދަކުރައްވަވާ ވަޤުތެއްގައެވެ.
ވިސްނާށެވެ! އަހުރެމެން ދުނިޔޭގައި ލައްވަވާފައި މިވަނީ ހަމަ ކުޑަކުޑަ ހިނދުކޮޅަކަށެވެ. ދުނިޔެއިން ނުކުތުމުގެ ވަޤުތު ޖެހުމުން އަހުރެމެންނަށް ޖެހޭނީ ދުނިޔެއާއި ވަކިވެގެން ދާށެވެ. އިތުރަށް ހިނދުކޮޅަކުވެސް ނުހުރެވޭނެއެވެ. ވީމާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާފުޅުކުރައްވަވަމުން ގެންދެވީ "މިއަޅާއަށް ފައިދާހުރީ ދުނިޔެއާއި ވަކިވުމުން ކަމުގައިވެއްޖެނަމަ ފުރާނަ ހިއްޕެވުން އެދިވަޑައިގެންނެވެ. އަދި މިއަޅާއަށް ފައިދާހުރީ ދުނިޔޭގައި ހުރުމުން ކަމުގައިވާނަމަ ދުނިޔޭގައި ލަހައްޓަވައި ދެއްވެވުމަށެވެ."
ވީމާ އަހުރެމެން ވެސް ދުޢާކުރަންވާނީ މިފަދައިންނެވެ.
حَدَّثَنَا آدَمُ، حَدَّثَنَا شُعْبَةُ، حَدَّثَنَا ثَابِتٌ الْبُنَانِيُّ، عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ النَّبِيُّ صلى الله عليه وسلم " لاَ يَتَمَنَّيَنَّ أَحَدُكُمُ الْمَوْتَ مِنْ ضُرٍّ أَصَابَهُ، فَإِنْ كَانَ لاَ بُدَّ فَاعِلاً فَلْيَقُلِ اللَّهُمَّ أَحْيِنِي مَا كَانَتِ الْحَيَاةُ خَيْرًا لِي، وَتَوَفَّنِي إِذَا كَانَتِ الْوَفَاةُ خَيْرًا لِي ".
اللَّهُمَّ أَحْيِنِي مَا كَانَتِ الْحَيَاةُ خَيْرًا لِي، وَتَوَفَّنِي إِذَا كَانَتِ الْوَفَاةُ خَيْرًا لِي ".
Narrated Anas bin Malik:
The Prophet (ﷺ) said,
"None of you should wish for death because of a calamity befalling him; but if he has to wish for death, he should say: "O Allah! Keep me alive as long as life is better for me, and let me die if death is better for me.' "
|
Reference |
: Sahih al-Bukhari 5671 |
|
In-book reference |
: Book 75, Hadith 31 |
ވީމާ ކިތަންމެ ބޮޑު މުޞީބާތެއްގައި އުޅެންޖެހުނަސް އަވަހަށް މަރުވުމަށް އެދިގެނެއް ނޫވާނެއެވެ. އަވަހަށް މަރުވުން އެދި ދުޢާކޮށްގެން ނުވާނެއެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން