އެއްވެސް ކަމެއް ކުރަން އަލިފާން ބޭނުންވެއްޖެނަމަ އަހުރެމެންނަށް ޖެހޭނީ ވަޅުގަނޑެއްގައި ނަމަވެސް މިފަދަ ގޮތަކަށް އަންދާށެވެ. އަންދާނެ ދަރު ނުވަތަ އެހެން އެއްޗެއް ނަމަވެސް ވަޅުގަނޑަށް އަޅަން ޖެހޭނެއެވެ. ހުޅުގަނޑު ދެމިހުންނާނީ އެޅި އެއްޗެއް އަނދައި ހުސްވަންދެންނެވެ.
ކައްވަޅުގައި މީހަކަށް ޢަޛާބު ދެއްވަވާނީ އެމީހަކަށް ޢަޛާބް ޙައްޤުވުމުންނެވެ. އަލިފާނުގެ ހޫނުން ޢަޛާބު ޙައްޤުވުމުން ދެއްވަވާ ޢަޛާބު، ކައްވަޅު ކޮނުނަސް އަހުރެމެންނަކަށް އެއަލިފާނެއް ނުފެންނާނެއެވެ. މިބުނަނީ އަލިފާނުން ޢަޛާބު ލިބެމުންދާ މީހެއްގެ ކައްވަޅު ކޮނުނު ނަމަވެސް ނުފެންނާނެ ވާހަކައެވެ. ނަމަވެސް އެމީހަކަށް ކައްވަޅުގައި ދާނީ އަލިފާނުން ޢަޛާބުލިބެމުންނެވެ. އެކަން ހިނގާ ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
ﷲ ތަޢާލާ އިރާދަކުރައްވަވާފައިވާ މުއްދަތަކަށް ޢަޛާބު ލިބޭނެއެވެ. އެއި ބަރުޒަޚުގެ ޢާލަމުގައި ހޭދަކުރަންޖެހޭ ޒަމާންތައް އެކުގައި ނަމަ މަރުވީންސުރެ ޤިޔާމަތްވެ ކައްވަޅުން ތެދުވުމަށް އިރާދަކުރައްވަވަންދެންވެސް ދާނީ ޢަޛާބު ލިބެމުންނެވެ. ޙިސާބު ބެއްލެވުމަށްފަހު ދެންވާނެ ގޮތް އެނގޭނީ ޙިސާބު ބެއްލެވުމުންނެވެ.
ނަމަވެސް އެނގެން އޮތް މިންވަރެއް އެބަ އޮތެވެ. އެއްވެސް މީހަކަށް ކައްވަޅުގެ ހަޔާތް ލުއިފަސޭހަ ކުރައްވަވައިފިނަމަ ޤިޔާމަތް ދުވަހުވެސް އެމީހަކަށް އެނިޢުމަތް ދެއްވެވުން ގާތްކަމެވެ.
ކޮންމެއަކަސް ޔަޤީންވާ ކަމަކީ މަރުވުމަށްފަހު އެމީހާގެ އަމިއްލަ ހުރިހާ ބާރުތަކެއް ކެނޑިގެންދާނެ ކަމެވެ. އެމީހާގެ މައްޗަށް ބާރުވެރިވެ ބާރު ހިންގާނީ އެމީހާ ދުނިޔޭގައި ހުރެ ކޮށްފައިވާ ޢަމަލުތައް ކަމެވެ. މާނައަކީ އެމީހާގެ މައްޗަށް ކަންކަން މެދުވެރިކުރައްވަވާނީ އެމީހާ ދުނިޔޭގައި ހުރެ ޢަމަލުކުރި ގޮތެއްގެ މައްޗަށް ކަމެވެ.
ރަނގަޅެވެ. އެކަންކަން މިންވަރުކުރައްވަވާނީ ﷲ ތަޢާލާއެވެ. ﷲ ތަޢާލާ މިންވަރު ކުރައްވަވާނީ ކުރިން މިބުނި ފަދައިން އެމީހާ ދުނިޔޭގައި ހުރެ ޢަމަލުކުޅަ ގޮތެއްގެ މައްޗަށެވެ. ވީމާ ކައްވަޅުގައިވެސް ނަރަކައިގައިވެސް ޢަޛާބު ލިބެނީ އެމީހާ ދުނިޔޭގައި ހުރެ ޢަމަލުކުޅަ ގޮތަކުންނެވެ. ކުރި ޢަމަލުތަކަށެވެ. އެކަމުގައި އެއްވެސް މީހަކަށް ﷲ ތަޢާލާ ބޭއިންޞާފުން އެއްވެސް ކަމެއް ނުކުރައްވަވާނެތެވެ.
ވީމާ ދުނިޔޭގައި ހުންނަން މިލިބޭ މަދު ދުވަސްކޮޅު ވީހާ ގިނަ ހެޔޮ ޢަމަލުތައް ކުރަން މަސައްކަތްކުރާށެވެ. ކައްވަޅުގެ ޢަޛާބުންނާއި ނަރަކައިގެ ޢަޛާބުން ސަލާމަތްކަން ލިބެން އޮތީ އެއިރުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން