ދެމަފިރިން އެކަކުއަނެކަކަށް ނަމަވެސް މަކަރުހަދައި އޮޅުވައިލާނަމަ އެއީ ދެދުނިޔެ ގެއްލިދާނެ ސަބަބެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 45ސ
ދެމަފިރިން އެކަކުއަނެކަކަށް ނަމަވެސް މަކަރުހަދައި އޮޅުވައިލާނަމަ އެއީ ދެދުނިޔެ ގެއްލިދާނެ ސަބަބެއް-

ގިނަ ބައަކަށް ދެދުނިޔެ ގެއްލެމުން މިދަނީ ހަމައެކަނި އަޅުކަން ނުކުރެވޭތީއެއް ނޫނެވެ. އަޅުކަންކުރަމުންވެސް ތިމާއަށް ކުރެވޭ ނުރަނގަޅު ކަންތައްތަކުގެ ސަބަބުންނެވެ. ވީމާ މިކަމަކީ އެންމެންވެސް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ.  

ގިނަ ބައަކު އިސްލާމް ދީނުގެ ވާހަކަތައް ދައްކައެވެ. ނަމަވެސް މަދު ބައަކު ނޫނީ ރިވެތި އަޚްލާޤް އާއި އަޚްލާޤް ރިވެތި ކުރުމުގެ ވާހަތަކެއް ނުދައްކައެވެ. ކޮންމެ ގެއެއްވެސް އިމާރާތް ކުރެވެނީ ބިންގަލެއްގެ މަތީގައެވެ. ކޮންމެ ކަމެއްވެސް ކުރިއެރުވެނީ އަސާސްތަކެއްގައި ހިފަހައްޓައިގެންނެވެ. އެ ގޮތުން ބަލައިފިނަމަ އިސްލާމް ދީނުގެ ބިންގަލަކީވެސް އަސާސަކީވެސް ރިވެތި އަޚްލާޤްއެވެ.  

އިސްލާމް ދީނުގެ އެންމެ މުހިންމު އަސާސަކީ އަދުލުވެރިކަމެވެ. މީސްތަކުންގެ މެދުގައި ހަމަހަމަކަން އޮތުމެވެ. ވެރިންނާއި ރައްޔިތުންގެ މެދުގައިވެސް ހަމަހަމަކަން އޮތުމެވެ. މި ހުރިހާ ކަންކަން ގޮސް ގުޅި ލާމެހެނީ ރިވެތި އަޚްލާޤާއިއެވެ. 

ރަސޫލް () މަދީނާއަށް ހިޖުރަ ކުރެއްވެވުމުން މުސްލިމުންނަށް އަޅުކަން ކުރަން ލިބުނު މިނިވަންކަމާއިއެކު ގިނަ ބައަކު އުންމީދުކޮށްގެން ތިބީ ފުރަތަމަވެސް ބާވައިލައްވަވާނީ އަޅުކަމާއި ގުޅުންހުރި އާޔަތްތައް ކަމަށެވެ. ނަމަވެސް ކަންތައް ވެގެން ދިއައީ އެހެންނަކުން ނޫނެވެ. 7 އުޑު މަތިން ﷲ ތާޢާލާ ބާވައިލެއްވެވީ މީސްތަކުންގެ އަޚްލާޤާއި ގުޅުންހުރި އާޔަތްތެކެވެ.  

"އަލްމުތަޠައްފިފީން" ސޫރަތުގެ އާޔަތްތެކެވެ. މިނެ ކިރުމުގެ ވާހަކަތަކެވެ. "މިނެކިރުމުގައި އުނިކުރާ މީހުންނަށް، ގެއްލުމާއި ހަލާކު ހުށްޓެވެ. (1) އެއުރެންނީ، އެހެންމީހުންގެ ކިބައިން މިނާނަމަ، ހަމަކުރަން އެދޭމީހުންނެވެ. (2) އަދި އެހެންމީހުންނަށް މިނެދޭނަމަ، ނުވަތަ އެހެންމީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ. (3)

މިއާޔަތްތަކުގައި އެވަނީ ހަމައެކަނި މިނެ ކިރުމުގެ ވާހަކަތައް ކަމުގައި ނުބަލާށެވެ! ދިރިއުޅުމާއި ވެސް ގުޅުވައިލާށެވެ! ބައެއް މީހުންނަކީ އަބަދުވެސް އެމީހުންނަށް ކިތަންމެ ކުޑަ ނަމަވެސް ގެއްލުމެއް ލިބިދާނެތީ ކަންބޮޑުވާ މީހުންނެވެ. އެހެން މީހަކަށް ކިތަންމެ ބޮޑު ދެރައެއް ނުވަތަ ގެއްލުމެއް ދޭން އެމީހުން ބިރެއް ނުގަނެއެވެ. ޖެހިލުމެއް ނުވެއެވެ. އެމީހެއްގެ އަމިއްލަ

މަންފާއަށްޓަކައި ކިތަންމެ ބޮޑު މަކަރެއް ހަދަންވެސް ޖެހިލުމެއް ނުވެއެވެ.  

މިއަށްވުރެ ވެސް ގާތްކޮށްލާށެވެ! ބައެއް މީޙުން، އެމީހުންގެ އަނބިންނަށް، ފިރިންނަށް މަކަރުހަދައެވެ. އޮޅުވައިލައެވެ. އެކަމަކުން އެމީހަކަށް ދުނިޔަވީ ފައިދާ ހާޞިލުކުރެވިދާނެ ގޮތަށް ކަންކަން ކުރެއެވެ. ނަމަވެސް އަނެކާ ތިމާއަށް މަކަރެއް ހަދައިފިނަމަ އެކަން ވަނީ ވަރަށް ބޮޑު ކަމަކަށެވެ.  

މީސްތަކުންނޭވެ! އިސްލާމް ދީނަކީ ތެދުވެރިވުމާއި އަމާނާތްތެރިވުމުގެ ދީނެވެ. ކުރާ ކޮންމެ އަމަލެއްގައިވެސް މެއެވެ. އިސްލާމް ދީނުގެ ރިވެތިކަމާއި ފުރިހަމަކަމަކީ އެއީއެވެ. އިސްލާމް ދީން ގޮވައިލާ ރިވެތި އަޚްލާޤަކީ ވެސް އެއީއެވެ. އެގޮތަށް އަމަލު ނުކުރީމާށ ދެން ވާނެ ގޮތްވެސް އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ! ހަމަ އެސޫރަތުންނެވެ.  

"ބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން ޔަޤީންނުކުރަނީ ހެއްޔެވެ؟ (5) (އެއީ) ޢާލަމް ތަކުގެ ވެރިރަސްކަލާނގެ ހަޟްރަތުގައި މީސްތަކުން ޤާއިމް ވެ ތިބޭނޭ ދުވަހެވެ. (6) ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ނުލަފާ ކާފިރުންގެ ޢަމަލު ތަކުގެ ފަތްވަނީ ސިއްޖީންގައިކަން ކަށަވަރެވެ (7) ސިއްޖީން އަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ (8) (އެއީ) ލިޔުއްވައި، ފާހަގަކުރައްވާފައިވާ ފޮތެކެވެ (9) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ. (10) އެއުރެންނީ، ޤިޔާމަތް ދުވަސް ދޮގުކުރާ މީހުންނެވެ. (11) ހައްދުފަހަނަޅައިފައިވާ، ފާފަކުރުންގިނަ ކޮންމެ މީހަކު މެނުވީ، އެދުވަސް ދޮގެއް ނުކުރާނެތެވެ. (12)   

މީސްތަކުންނޭވެ! ރިވެތި އަޚްލާޤްގެ ސަބަބުން މީހާ ސުވަރުގެ ވައްދަވަތެވެ. ހަމައެފަދައިން އެ ފުރުޞަތު ގެއްލިގެންވެސް ދެއެވެ. އެމީހެއްގެ ކިބައިގައި ރިވެތި އަޚްލާޤް ނެތް ނަމަ އެމީހެއްގެ އިސްލާމްކަންވެސް އަދި އީމާންކަންވެސް ފުރިހަމައެއް ނުވާނެއެވެ. ވީމާ އިސްލާމް ދީނާއި ރިވެތި އަޚްލާޤަކީ ވަކިކުރެވޭނެ ދެ އެއްޗެއް ނޫނެވެ.  

ވީމާ ސުވަރުގެ އެދޭ މީހާ އެމީހެއްގެ ދިރިއުޅުމުގެ ހުރިހާ މަރުޙަލާތަކެއްގައިވެސް ކުރާ ހުރިހާ މުޢާމަލާތުތަކުގައިވެސް ރިވެތި އަޚްލާޤްގައި ހިފަހައްޓަން އެބަޖެހެއެވެ. އަމިއްލަ ދިރިއުޅުމުގައިވެސްމެއެވެ. ޒަވާޖީ ޙަޔާތުގައިވެސްމެއެވެ. މިގޮތުން ދެމަފިރިން އެކަކު އަނެކަކަށް މުޢާމަލާތުތައް ކުރުމުގައާއި ދެމަފިރިންވެސް ދަރިންނާއިމެދު މުޢާމަލާތުތައް ކުރުމާއި އިންޞާފުން ކަންކަން ކުރަން ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ނޫންނަމަ އެމީހަކަށް ދެ ދުނިޔެވެސް އެވަނީ ފޭލްވެފައެވެ.

 

- ޝައިޚް އަބޫބަކުރު ޒައުގެ ދަރުސަކުން

 

މިއަދު އޮންލައިން