ހިލޭ ފިރިހެނުން ޝައުޤުވެރިވާނެ ގޮތަށް އަނބިން ބާޒާރަށް ނެރުނީމަ ގަންނަން އުޅޭ މީހުންދެކެވެސް އަނބިމީހާ ދެކެވެސް ރުޅިއައުމަށް އޮތީ ކޮން ޙައްޤެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ހިލޭ ފިރިހެނުން ޝައުޤުވެރިވާނެ ގޮތަށް އަނބިން ބާޒާރަށް ނެރުނީމަ ގަންނަން އުޅޭ މީހުންދެކެވެސް އަނބިމީހާ ދެކެވެސް ރުޅިއައުމަށް އޮތީ ކޮން ޙައްޤެއްތަ؟

އަހުރެން މިވާހަކަ ފަށާނީ އަނބިންނަށް ފޯރުކޮށްދޭންޖެހޭ ޙިމާޔަތާއި ރައްކައުތެރިކަމާއި ހަމައިންނެވެ. އެކަމަށް ބޭނުންވަނީ ކޮންކަމެއްކަމާއިމެދު ވިސްނައިވެސް ނުލާ މީހުން އަންނަނީ ގިނަވަމުންނެވެ. އެހެންވެ ބަހެއް ބުނެލަން މިއުޅެނީ އެކަމުން ކުރިމަތިވާ މައްސަލަތަކާއި އަދި އެކަމަށް އޮތް ޙައްލާއި ބެހޭގޮތުންނެވެ.  

ބައެއް ފިރިހެނުން އެމީހުންގެ އަނބިން ގޮވައިގެން ބޭރަށްދާން ބޭނުންވަނީ، ޙަފްލާތަކަށްދާން ބޭނުންވަނީ އެންމެ ގިނަ ބައެއްގެ ސަމާލުކަން އަނބިމީހާއަށް ލިބޭނެ ގޮތަށް ހެދުން އަޅުވައިގެންނެވެ.  

އެކަމަކު ފިރިހެނަކު އަނބިމީހާއަށް ބޮޑަށް ބަލައިފިނަމަ ރުޅިއާދެއެވެ. ފިރިހެނަކު އަނބިމީހާއަށް ސަމާލުކަންދީފިނަމަ ރުޅިއާދެއެވެ. އަނބިމީހާގެ ފޯނުނަންބަރު އޮޅުންފިލުވަން އުޅެފިނަމަ ވަކިން ބޮޑަށް ރުޅިއާދެއެވެ. ސޯޝަލް މީޑިއާގައި ޗެޓްކޮށްފިނަމަ އިތުރަށް ރުޅި އައުދެއެވެ.

ނިކަން ބުނެބަލާށެވެ! މިއީ އެއްވެސް ގޮތަކުން ދެކޮޅުޖެހޭ ގޮތެއް ހެއްޔެވެ؟ ބުއްދިއަށް މިކަން މިގޮތަށް ޤަބޫލުކުރެވޭނެ ހެއްޔެވެ؟  

ފިރިން ވިސްނާށެވެ! ބޭރަށް ނުވަތަ ޙަފްލާއަކަށް ދާންވުމުން އެމީހެއްގެ ކެރިކުޅަދާނަކަން، ތަނަވސްކަން ހުރި ފެންވަރަކުރުން އަނބިމީހާ ރީތި ފޭރާން ލެއްވުމަކީ މައްސަލައެއް ނޫނެވެ. އެކަމުގައި އެއްވެސް ގޯހެއް ނެތެވެ. ނުބައިކަމެއް ނެތެވެ. މައްސަލައަކަށްވަނީ ފޭރާން ލައްވާގޮތެވެ. ނިވާކުރުވަންޖެހޭ މިންވަރަށް ނިވާ ނުކުރުވުމެވެ.  

މީހުން ގަންނަން ބޭނުންވާ އެއްޗެއް ހިފައިގެން ވިއްކަން ތިބާ ހިނގަނީއެވެ. އެއެއްޗެއްގައި އަތްލައި ބަލާނީ ހަމައެކަނި ގަނެވޭނެ ފެންވަރުގެ ތަނަވަސްމީހުން އެކަންޏެއްވެސް ނޫނެވެ. ފެންވަރު ނެތަސް ގިނަ ބައަކު އަގުވެސް އަހާނެއެވެ. އަތްވެސްލާނެއެވެ. މަޢުލޫމާތުވެސް އޮޅުންފިލުވާނެއެވެ. ގަނެވޭ ފެންވަރުގެ މީހުން ގަންނާނެއެވެ.  

އަޢުރަ ނިވާނުކޮށް އަނބިން ގެއިން ބޭރުގައި ގެންގުޅުމަކީ މިފަދަ ކަމެކެވެ. ގިނަ ބައަކު ޝައުޤުވެރިވާނެއެވެ. ޖަހައިގަނެވޭ ފެންވަރުގެ މީހުން ޖަހައިގަންނަން މަސައްކަތްކުރާނެއެވެ. އެނޫން މީހުންވެސް އެކިއެކި "އެޕްރޯޗް" ޖަހާނެއެވެ. އެކަމާއި ރުޅި އައުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެކަންކަންވާނީ ތިބާ ކުރުވާ ކަންކަމަށް ނޫންހެއްޔެވެ؟  

މިފަދަ ޙާލަތަށް އަހުރެން ބުނާނީ އެއީ އަނބިން އިޝްތިހާރުކޮށް ނީލަންކިޔުން ކަމަށެވެ. ކުރެވެނީ އެއްކަމަކަށްވާތީއެވެ! ހަމަޔަޤީނުންވެސް އެކަން ވާނީ ކުރެވޭ ބޮޑު ފާފައަކަށެވެ. އެކަމުގެ ޒިންމާއަކީ ކުޑަ ޒިންމާއެއް ނޫނެވެ. ބޮޑުޒިންމާއެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން