ކުރާ ދުޢާތައް ޤިޔާމަތް ދުވަހު ޢިޖާބަކުރެއްވެވުމަކީ ތިބާއަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބެން އޮތް ކަމެއްކަން އެނގޭތަ؟ އިން ޝާ ﷲ އެއުފާވެރިކަމަކީ ސުވަރުގެ ލިބުންކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ކުރާ ދުޢާތައް ޤިޔާމަތް ދުވަހު ޢިޖާބަކުރެއްވެވުމަކީ ތިބާއަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބެން އޮތް ކަމެއްކަން އެނގޭތަ؟ އިން ޝާ ﷲ އެއުފާވެރިކަމަކީ ސުވަރުގެ ލިބުންކަން އެނގޭތަ؟

ތިބާ ދުނިޔޭގައި ހުރެ ދުޢާކުރަމުން ދިއައީ ވަރަށް ކުޑަކުޑަ ކަމަކަށް އެދިގެން ކަމަށްވެސް ވެދާނެއެވެ. އަދި ވަރަށް ބޮޑު ކަމަކަސް އެދިގެން ކަމަށްވެސް ވެދާނެއެވެ. އެކަން ހިންމަވައި ނުދެއްވެވުމުން ނުވަތަ ހިންމަވައި ދެއްވެވުން ލަސްވާތީ ތިބާ ކަންބޮޑެއް ނުވެއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެ ރެއަކުވެސް ތިބާ ދިއައީ ދުޢާކުރަމުންނެވެ.  

ޢިޖާބަނުކުރައްވަވާތީ މާޔޫސްނުވެ، ﷲ ތަޢާލާއަށް އިތުބާރުކުރުންމަތީގައި ހުރެ ދުޢާކުރަމުން ދަނިކޮށް ތިބާގެ ޢުމުރު ހުސްވީއެވެ. ދުނިޔޭގައި އުޅުމުގެ މުއްދަތު ހަމަވެ ތިބާ މަރުވީއެވެ.  

ބަރުޒަޚުގެ ޢާލަމްގައި ހޭދަކުރަންޖެހޭ ދިގު މުއްދަތު ހަމަވީއެވެ. ޤިޔާމަތްވީއެވެ. މަޙްޝަރުގެ މައިދާނަށް ޙާޒިރުކުރެއްވެވެވީއެވެ. ތިބާ ދުނިޔޭގައި ހުރެ ކުރަމުން ދިއަ ދުޢާ ޢިޖާބަ ނުކުރެއްވެވުމުންވެސް ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑާނުލައި ހުރެ ދުޢާކުރި ކަމުގެ ޖަޒާއަކީ ތިބާގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވައި ސުވަރުގެ ވެއްދެވުން ކަމުގައި ވެއްޖެނަމަ ތިބާއަށް ލިބިގެންދާނެ އުފާވެރިކަމަށްވުރެ ބޮޑު އުފާވެރިކަމެއް ލިބޭނީ ކިހިނަކުން ހެއްޔެވެ؟  

ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑާނުލައި، ޢިޖާބަ ކުރެއްވެވުން ލަސްވެގެން ޝަކުވާނުކޮށް ދުޢާކުރުންމަތީގައި ހުންނަ މީހަކަށް ޤިޔާމަތް ދުވަހު އުފާވެރިކަން ދެއްވަވާނެ ކަމާއި އެއުފާވެރިކަން ދެއްވެވުމުން ތިމާ ދުނިޔޭގައި ހުރެ ކުރި އެއްވެސް ދުޢާއެއް ޢިޖާބަ ނުކުރެއްވެވިނަމައެވެ ހިތަށް އަރާނެކަން އެއީ ޔަޤީނަށް އެނގެން އޮތް ކަމެކެވެ.  

މުސްލިމުންނަކީ ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ ހިނދުކޮޅަކަށް ވިޔަސް އުންމީދު ކަނޑާލައިގެންވާނެ ބައެއް ނޫންކަމަށް ބުނަން ޖެހެނީ އެސަބަބަސްޓަކައެވެ. ﷲ ތަޢާލާ މީހަކަށް ޤިޔާމަތް ދުވަހު އުފާވެރިކަން ދެއްވެވުމަކީ އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވައި އެމީހަކު ސުވަރުގެ ވެއްދެވުމެވެ. މިއީ އެއްވެސް މުސްލިމަކު ޝައްކުކުރާނެ ކަމެއް ނޫނެވެ.  

ވީމާ ބަލަންވީ ތިމާ ކުރާ ދުޢާ ދުނިޔޭގައި ތިމާ ހުއްޓައި ޢިޖާބަ ކުރައްވަވާ ކަމާއިމެދަކު ނޫނެވެ. ދުޢާކުރުންމަތީގައި ދެމިހުރުމުން ލިބެން އޮތް ބޮޑު ފައިދާއަށެވެ. އުންމީދުކުރަންވީ ސުވަރުގެ ވެއްދެވުމަށެވެ. ވީމާ ދުނިޔޭގައި ހުއްޓައި ތިމާ ކުރާ ދުޢާ ޢިޖާބަ ނުކުރެއްވެވުމަކީ ﷲ ތަޢާލާ ތިމާ ދޫކޮށްލެއްވެވުން ކަމުގައި ދެކެގެން ނުވާނެއެވެ. ދެކެންވާނީ އެއީ އެންމެ ބޮޑު ރަޙްމަތްކަމުގައެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން