އަޅުގަނޑުގެ ދައްތަގެ ފިރިމީހާ ދެވަނަ ކައިވެނިކޮށްފަ ދައްތަ ވަރިކޮށްފަ ދިއައިމަ ވީދެރައިން މިއުޅެނީ ކާންވެސް ކޮޓަރިން ނުނުކުމެގެންނެވެ. ލިބިފައި ތިބި 3 ދަރިންނަކަށްވެސް ސަމާލުކަމެއް ނުދެއެވެ.
މިޙާލަތުގައި ދައްތައަށް ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯ؟
ތިއަޙާލަތުގައި ދައްތައަށް ވިސްނައިދޭން މަސައްކަތްކުރަންވީ ތިއައީ ދައްތައަށް އެކަނި ކުރިމަތިވާ ކަމެއް ނޫންކަމާއި ދުނިޔޭގެ ކަންކޮޅުތަކުގައި އެތައް މިލިއަން އަންހެނުންނަށް ކުރިމަތިވާ ކަމެއްކަމެވެ. އަދި ތިއަ ޙާލަތުކުރިމަތިވުމުން ﷲ ގެ މަގުގައި ޘާބިތުވެއްޖެ ކޮންމެ އަނހެނަކަށްވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާ ކަމެވެ. ޘާބިތުކަން ދެއްވަވާކަމެވެ. މާރަނގަޅު ބައިވެރިއަކުވެސް ދެއްވަވާ ކަމެވެ.
ތިރީގައިވާ ލިޔުން ދައްތައަށް އަޑުއިއްވާށެވެ! ފައިދާކުރާނެއެވެ. އިން ޝަ ﷲ
ހިތާމައިން ހިތްހަލާކުވެގެންދާ ﷲ ގެ އަޅާއެވެ! ތިއަ ރަޖާގަނޑުގެ ދަށަށް ވަދެ ފިލައި އޮތުމަކުން އެއްވެސް ކަމެއް ޙއްލެއް ނުވާނެ ނޫންހެއްޔެވެ؟ އަންހެނުންނަކީ ތިއަހައި ހިތްވަރު ދެރަ ބައަކަށް ވެގެން ނުވާނެއެވެ. ތިއައީ މާހިތްވަރުގަދަ ބައެކެވެ.
ބުނަން ހެއްޔެވެ؟ ވިހަން އަންހެނެއްގެ ބަނޑުގައި އަޅާވޭނުގެ އެންމެ އިންސައްތައެއް ފިރިހެނެއްގެ ބަނޑުގައި އެޅިނަމަވެސް އެމީހަކު ދެން ދުވަހަކުވެސް އަންހެނަކާއި ކައިރިވެސް ނުވާނެއެވެ. ކީއްވެގެންކަން އެނގޭހެއްޔެވެ؟ ވިހަންޖެހިދާނެތީއެވެ. އެކަމަކު ތިއަ ކަނބަލުން 15، 20 ދަރިންވެސް ތިއަ ވިހަނީ އުފަލުންތިބެގެންނެވެ. އަހަރު ދެކޮޅު ވިހަންޖެހުނަސް ކަންބޮޑެއް ނުވެއެވެ. ތިއައީ އެހައިވެސް ހިތްވަރުގަދަ ބައެކެވެ.
ވީމާ މީހަކު ގޮތެއް ހަދައިލާއިރަށް ގޮދަޑިއަށް މޫނު ހަރައިގެން އޮންނަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟ ހިތްވަރުކޮށްލާފައި ތެދުވާށެވެ! ފާޚާނާއަށް ވަދެ މޫނު ދޮވެލައި ވުޟޫކޮށްލައިގެން ނުކުންނާށެވެ. މުސައްލަ މަތީގައި އިނދެލާށެވެ. ކުރަންޖެހޭ ނަމާދުތައް ކޮށްގެން ހުރިނަމަ އެވަޤުތު ނަމާދެއް ނުކުރިޔަސް ސަޖިދަވެސްކޮށްލާށެވެ! ތެދުވާށެވެ! ހިތްވަރާއި އުފާވެރިކަން ދެއްވެވުން އެދި ދުޢާކޮށްލާށެވެ!
އިން ޝާ ﷲ ހިތްވަރު ދެއްވަވާނެތެވެ. ހިތްވަރުލިބުމުން ތެދުވެ 2 ރަކްޢަތް ނަމަވެސް ނަމާދެއްކޮށްލާށެވެ! ނަމާދަށްފަހުގައިވެސް ދުޢާކޮށްލާށެވެ! ރޭއަޅުކަމުގެ 2 ރަކްޢަތް ނަމަވެސް ކުރަން ފަރުވާތެރިވާށެވެ! ރޭގަނޑުގެ ފަހުބައިގެ މަތިވެރިކަން ތިބާއަށްވެސް އެނގޭނެއެވެ. އެއީ "ތިމަން ﷲ ގެ ހަޟްރަތުން ކަންކަމު އެދޭ މީހުންނަކީ ކޮބައިތޯ؟" ﷲ ތަޢާލާ އަމިއްލަފުޅަށް މީސްތަކުންނާއި ސުވާލުކުރައްވަވާ ވަޤުތެވެ. އެވަޤުތު ތިބާ އެދި ދަންނަވާ ކަންކަން އެންމެ ފައިދާހުރި ގޮތުގައި ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
ބުނަން ހެއްޔެވެ؟ ދެރަވީމާ ދެން އެދަށް ނުއަރާށެވެ! ވުޟޫކޮށްލައިގެން މުސައްލަމައްޗަށް ގޮސް މިބުނި ފަދައިން ކަންތައް ކުރާށެވެ! ދުވާލަސް ރޭގަނޑަސް މިބުނި ފަދައިން ކަންކަން ކުރާށެވެ!
އުފާކުރާށެވެ! މިގޮތުގައި އެންމެ 3 ދުވަސް ހޭދަކޮށްލެވިއްޖެނަމަވެސް ހުރިހާ މާޔޫސްކަމެއް ފިލައިގެން ހިނގައިދާނެތެވެ! އިން ޝާ ﷲ