ކުރެވެން ހުރި ހުރިހާ ފަރުވާއެއް ކުރުމުންވެސް ޝިފާ ނުލިބޭނަމަ އެލިބޭ މެސެޖް އެނގި ޢަމަލުކުރުމުން ފައިދާކުރާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކުރެވެން ހުރި ހުރިހާ ފަރުވާއެއް ކުރުމުންވެސް ޝިފާ ނުލިބޭނަމަ އެލިބޭ މެސެޖް އެނގި ޢަމަލުކުރުމުން ފައިދާކުރާނެ! އިން ޝާ ﷲ

ތިބާ ބަލިވީއެވެ. ޑޮކްޓަރަށް ދެއްކީއެވެ. ކުރި ތަހްލީލްތަކުން ބަލި ދެނެގަނެވިއްޖެއެވެ. އެބައްޔަށް ދޭންޖެހޭ އެންމެ ރަނގަޅު ފަރުވާ ނުވަތަ ބޭސް ޑޮކްޓަރުން ދީފިއެވެ. ބަދަލެއް ނައުމުން ނުވަތަ ޝިފާ ނުލިބޭތީ 2،3 ފަހަރު ބޭސް ބަދަލުވެސް ކޮށްފިއެވެ. އެކަމަކުވެސް ޝިފާއެއް ނުލިބެއެވެ.

މިވީ ކިހިނަކުން ހެއްޔެވެ؟ ހަމަ އެބަލި ޖެހޭ އެތައް ބައަކަށް ހަމައެބޭހުން ޝިފާ ލިބެއެވެ. އެކަމަކު ތިބާއަށް ޝިފާނުލިބުނީއެވެ. ޑޮކްޓަރުން ދެން ބުނާނީ މިވާގޮތެއް ނުއެނގުނު ކަމަށެވެ. އެމީހުންނަށް ކުރެވެންހުރި ހުރިހާ ކަންކަން ކުރެވިއްޖެ ކަމަށެވެ.  

އެކަން ވާނީވެސް ހަމައެހެންނެވެ. އެމީހުން މަސައްކަތްކުރަނީ އެމީހުންނަށް އެނގިފައިވާ މިންވަރުންނެވެ. އެމީހުންނަށް ލިބިފައިވާ ޢިލްމާއި ތަޖުރިބާއިންނެވެ. އިތުރަށް އެނގުމެއް ނެތެވެ. ﷲ ތަޢާލާ އަންގަވައިދެއްވެވުމުން މެނުވީއެވެ.  

މިޙާލަތުގައި ޑޮކްޓަރުން ކުށްވެރިނުކުރާށެވެ! ބޭސްކެއުންވެސް ހުއްޓައިނުލާށެވެ! އެލިބޭ މެސެޖަށް ވިސްނައިލާށެވެ! ﷲ ތަޢާލާގެ ޙަޟްރަތާއި އިތުރަށް ކުއްތަންވެލާށެވެ. ތަޤްވާވެރިކަން އިތުރުކުރާށެވެ! އަޅުކަންކުރުން ގިނަކުރާށެވެ! ދުޢާކުރުންވެސް ގިނަކުރާށެވެ!  

ވިސްނާށެވެ! ﷲ ތަޢާލާ މިފަދަ ޙާލަތު މިންވަރުކުރައްވަވަނީ އަހުރެމެންނަކީ އެއްވެސް ބާރެއް ލިބިގެންވާ ބައަކު ނޫންކަމާއި ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށްކަން ބަޔާންކޮށްދެއްވެވުމަށް ކަމުގައި ޤަބޫލުކުރާށެވެ! ކިތަންމެ މޮޅު ޑޮކްޓަރުން ކިތަންމެ މޮޅު ބޭހެއް ދިންނަމަވެސް ޝިފާލިބުން ވަނީ ﷲ ތަޢާލާ ދެއްވެވުމުން ކަމަށް ޤަބޫލުކުރާށެވެ!  

އެއިރުން އެއްވެސް މީހަކަށް މާޔޫސްވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން