ގިނަބައަކަށް ދަޢުވަތުދީގެން ވަލީމާ ބާއްވާފަ، ދާދި އަވަހަށް މަދުބައަކާއެކު ވަރިޕާޓީ ބާއްވާފަ، ހިތްދަތިކަމުގަ ތިބެންޖެހޭ ސަބަބާ މައްސަލައަށް ޙައްލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ގިނަބައަކަށް ދަޢުވަތުދީގެން ވަލީމާ ބާއްވާފަ، ދާދި އަވަހަށް މަދުބައަކާއެކު ވަރިޕާޓީ ބާއްވާފަ، ހިތްދަތިކަމުގަ ތިބެންޖެހޭ ސަބަބާ މައްސަލައަށް ޙައްލެއް!

"އަޅުގަނޑުގެ 3 އެކުވެރިން މިދިއަ އަހަރުގެ ރީތި ތާރީކެއްގައި ކައިވެނިކުރިއެވެ. މިއަހަރުގެ އެތާރީޚު އައިއިރު ތިބީ ވަރިފަށުގައެވެ. މިހާރު 3 ކައިވެނީގެ ތެރެއިން 2 ކައިވެނި ރޫޅިއްޖެއެވެ. އަނެއް ކައިވެނިވެސް އޮތީ ހަމަ ކިރިޔަކިރިޔާއެވެ." 

މިފަދަ މައްސަލަތައް އަބަދުހެން މިދަނީ ކުރިމަތިވަމުންނެވެ. އެކަމަކުވެސް ޙައްލަކާއިމެދު އެބަވިސްނައިލެވޭ ހެއްޔެވެ؟ އެންމެ ކުޑަމިނުން މިގޮތަށް މެދުވެރިވާ ސަބަބުތަކާއިމެދު ވިސްނައިލެވޭހެއްޔެވެ؟ އަހުރެން މަސައްކަތް މިކުރަނީ އެކަންކަމަށް ބަލައިލެވޭތޯއެވެ.  

އެމީހުން ބުނާގޮތުން ކައިވެނިކުރަނީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން ދެމީހުން ވަރަށް ލޯބިން އެކުގައި އުޅުމަށްފަހުގައެވެ. ކޮންމެ ދެމީހަކުވެސް ބަލަނީ ވީހާބޮޑު ކައިވެނި ޙަފްލާއެއްވެސް ބޭއްވޭތޯއެވެ؟ ވީހާ ގިނަ ބައަކަށް ދަޢުވަތު ދޭންވެސް ބޭނުންވެއެވެ.  

އެކަމަކު ކުޑަ ދުވަސްކޮޅެއް ފަހުން ފިނިގެންދަނީ މަދު އެކުވެރިންކޮޅަކާއިއެކު "ވަރި ޕާޓީ" ބާއްވައި ކައިވެނި ރޫޅުނީތީ އުފާކުރާތަނެވެ. އަނެއް ދުވަހު ފެންނަނީ ކައިވެނި ރޫޅުނުކަމާއިމެދު ހިތާމަކުރަން ބިމަށް ތުންހަރައިގެން އިންނަ ތަނެވެ. ތިބޭތަނެވެ. މިވަނީ ކިހިނަކުން ހެއްޔެވެ؟  

މިވާގޮތަކާއިމެދު ވިސްނާލަމާ ހިނގާށެވެ!

ފުރަތަމަ ކަމަކީ ޙަޔާތަށް ބައިވެރިއަކު އިޚްތިޔާރުކުރުމުގެ ހުއްދަ ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ނަމަވެސް އިންތަކެއްގެ ތެރެއިންނެވެ. ޝަރުޠުތަކެއް ފުރިހަމަވާ ގޮތަށެވެ. އެކަންކަން ސުންނަތުން ފެންނަން އެބައޮތެވެ. އެގޮތުން އެންމެ މުހިންމު ކަމަކީ ދީންވެރިކަން، ތަޤްވާވެރިކަން އެންމެ ކުރިއަށް ނެރުމެވެ. ދީންވެރިކަމާ ތަޤްވާވެރިކަމަށް އިސްކަން ދިނުމެވެ.  

ހަމައެއާއިއެކު ކައިވެނިކުރުމުން ކުރަން ދެމީހުންނަށް ހުއްދަވާ ކަންކަން ކައިވެނީގެ ކުރިން ނުކުރުމެވެ. އެހެނީ ކައިވެނިކުރުމުން ކުރުން ހުއްދަވާ ކަންކަން ކައިވެނިނުކޮށް ކުރާނަމަ އެކުރެވެނީ ޙަރާމް ކަންކަމެވެ. ޙަރާމް ކަންކަން ކުރުމުން ކައިވެނީގެ ބަރަކާތް ކެނޑިގެންދެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިގެންދާތީއެވެ. ޝައިޠޯނާގެ ފަޅިއަށް ޖެހެވުމުގެ ސަބަބުންނެވެ.  

އެކުވެރިންނޭވެ! ކައިވެނީގެ ކުރިން އެއްވެސް ފާފައެއް ކުރެވިފައިވާނަމަ ކައިވެނިކުރުމުގެ ކުރިން ދެމީހުންވެސް ތައުބާވާށެވެ. ކުރިން ތައުބާ ނުވެވުނުނަމަ ފަހުން ނަމަވެސް ތައުބާވުމަށް އަވަސްވެގަންނާށެވެ! ތައުބާވުމަށްފަހު ކައިވެނީގައި ބަރަކާތް ލައްވަވައި ދެއްވެވުން އެދި ދުޢާކުރާށެވެ. އެބައަކަށް އުފާވެރި ޒަވާޖީ ޙަޔާތެއް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން