އަޅުގަނޑުގެ ފިރިމީހާއަކީ އަޅުގަނޑަށާއި ދަރިންނަށް ބޭނުންވާ ކަންކަން އޭނާގެ ފެންވަރުން ކޮސްދޭ މީހެކެވެ. ނަމަވެސް ރުޅި ކޮންޓްރޯލުކުރުމަކީ އޭނާ ދަންނަ ކަމެއް ނޫނެވެ. ކިތަންމެ ކުޑަކަމަކާ ރުޅިއަޔަސް ކޮންމެ ފަދަ ބަހެއްވެސް ބުނެފާނެއެވެ. ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ޙައްލަކީ ކޮބައިތޯ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ މައްސަލައިގައި ވަރަށް ގިނައިން ލިޔެވިފައި ހުންނާނެއެވެ. ތިރީގައިވާ ލިޔުން ފިރިކަލުންނަށް ޝެއާކޮށްލައްވައިގެންނަމަވެސް އަޑުއިއްވައިގެން ނަމަވެސް އޭނާއަށް ފޯރުކޮށްދެއްވާށެވެ! ފައިދާކުރާނެއެވެ. އިން ޝާ ﷲ
އިންސާނާއަށް ކުރިމަތިވާނެ އެންމެ ބޮޑު ކަމަކީ، އެންމެ ގެއްލުން ހުރި، އެންމެ ހިތަދަތިކަންބޮޑުކަމަކީ އަދި އެންމެ ބޮޑު ބިރުވެރިކަމަކީވެސް ނަރަކައަށް ވަންނަން ޖެހުމެވެ. އެހެންކަމަށްވާއިރު އަމިއްލައަށް ނަރަކައަށް ވެއްޓިގަނެވުމަށްހުރެ އަމިއްލަ ނަފްސަށް ދެވޭނެ ބޮޑު އަނިޔާއަކީ ކޮބައިހެއްޔެވެ؟
މިމޭރުމުން ނިކަން ވިސްނައިލަބަލާށެވެ! މީހަކު ބާރަށް ހުނުން އާދަކޮށް ކިރިޔާ ކަމެއްވާއިރަށް "ކަކައަޅާފައި" ބާރަށް ހެމުން ގެންދާނަމަ އެމީހަކަށް ބޭނުންވެގެން ނަރަކަ ކެކިއުތުރިއަރައިގަންނަކަމަށް ބުނެއުޅެނީ އެކަމުގެ ހުރި ނުބައިކަން ބަޔާންކުރުމަށެވެ. ހަމަ އެމޭރުމުން އަހުރެން ބުނާނީ މީހަކު ރުޅިއައުމުން ކޮންޓްރޯލް ނުކުރެވި ދުލުން ކުފްރުގެ ނުބައިބަސްތައް ބުނެ ހަދާނަމަ އެމީހަކު ބޭނުންވެގެންވެސް ނަރަކަ ކެކި އުތުރިއަރައިގަތުން މާގާތް ކަމަށެވެ. މާނައަކީ އެއީ އެހައި ނުބައިކަންބޮޑު ޢަމަލެކެވެ.
ބައެއް މީހުން ރުޅި އަންނަ ހިނދު ދުލުން ނުބައި ބަސްތައް ބުނަމުން ގޮސް ކުފްރުގެ ބަސްތައްވެސް ބުނެއެވެ. ދުލުން އެއްގޮތަކަށްވެސް ބުނެގެން ނުވާނެ ބަސްތައް ބުނެއެވެ. މިޘާލަކަށް "ތިބާ މަރައިލާނަން" ކަމަށް ބުނުމުން ވިސްނައިދޭން މީހުން މެރުމަކީ ނަރަކައަށް ވަންނަން ޖެހޭނެ ޢަމަލެއް ކަމަށް ބުނެފިނަމަ "ނަރަކައަށް ވަންނަން ޖެހުނަސް ހެޔޮ" ކަމަށް އެބަ ބުނެއެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަކަމަށް ނުބައިބަސްތައް އެބަބުނެއެވެ.
މިފަދަ ބަސްތައް އެބުނެވެނީ ރުޅިގަދަވުމުން އަމިއްލަ ނަފްސްގެ ކޮންޓްރޯލް އެމީހެއްގެ އަތުން ގެއްލިގެންދާތީއެވެ. ސިކުނޑިއަށް ޝައިޠޯނާ ވެރިވެގަނެ ބުއްދީގެ ކޮންޓްރޯލް ޝައިޠޯނާ އަތުލާތީއެވެ.
މީސްތަކުންނޭވެ! މިއީ ވަރަށް ބިރުހުރި ކަމެކެވެ. ޙަދީޘްފުޅުގައި އޮތީ އެންމެ ބާރުގަދަ މީހާއަކީ އަތުގެ ބާރު އެންމެ ގަދަފަދަ މީހާ ނޫން ކަމަށާއި ރުޅިއަންނަ ހިނދު ރުޅި ކޮންޓްރޯލް ކުރެވޭ މީހާ ކަމަށެވެ. އެއީ މިފަދަ ބޮޑެތި ނުބައިކަންކަމުން މީހާއަށް ސަލާމަތްވެވޭނީ ރުޅި ކޮންޓްރޯލްކުރެވިގެން ކަމަށްވާތީއެވެ.
ތިރީގައިވާ ލިޔުންވެސް ކިޔައިލާށެވެ.
ކިރިޔާ ކަމެއްވާއިރަށް މީހުން ދެކެ ރުޅި އަންނައިރު އަމިއްލަފުޅު އެއްވެސް ކަމެއްގަ ރަސޫލާ (ﷺ) ދުވަހަކުވެސް ކޯފާއިސްކުރައްވާފައެއް ނުވޭ!
ރަސޫލް (ﷺ) ގެ ސުންނަތާއި ދުރުވެވެމުން އައިސް މިހާރު ގިނަ މީހުން ބަލަނީ ކިތަންމެ ކުޑަކަމަކާއިހުރެ ނަމަވެސް ރުޅި އައިސް އަޑުގަދަކުރުމަކީ އެމީހާގެ ދަރަޖަ މަތިވެރިވާ ކަމެއް ކަމަށެވެ. ތިމާގެ ހައިބަތު ބޮޑުވެ މީސްތަކުންގެ ކުރިމަތީގައި ޤަދަރު މަތިވެރިވެގެންދާނެ ކަމެއް ކަމަށެވެ.
ގެއަށްވަނުމަށްފަހު ކުނި މޫނުދައްކައި ރުޅިވެރިބަހެއް ބުނެނުލެވުމަކީ ތިމާގެ ހައިބަތުގެއްލޭކަމެއްކަމަށް ބަލާ މީހުންވެސް އެބަ އުޅެއެވެ. އެހެންވެ މައިންބަފައިންނަށާއި އަނބިދަރިންނަށް ރުޅިވެރި ނުބައިބަސްތައް އެބަބުނެއެވެ.
ނަމަވެސް ޙަޤީޤަތް އެއާއި މުޅިން ތަފާތެވެ.
އަހަރެމެން މިއަދު އުޅެމުން މިދާ ގޮތަށް ބަލާއިރު ކިރިޔާ ކަމެއްވާއިރަށް އޮންނަނީ ރުޅިއާދެވިފައެވެ. މައިން ބަފައިން ދެކެވެސް އަނބިދަރިން ދެކެވެސް ރުޅިއާދެވިފައެވެ. އެންމެ ގާތް ރަޙްމަތްތެރިން ދެކެވެސް ރުޅި އާދެވިފައެވެ. އެންމެ ގިނައިން ރުޅި އާދެވެނީވެސް ތިމާގެ އަމިއްލަ ޒާތީ ކަންކަމުގައެވެ.
އަހަރެމެން އެބޭކަލެއްގެ ސުންނަތަށް ތަބަޢަވާން ޖެހޭ މިއުންމަތުގެ މާތް ސާޙިބާ، މުޙައްމަދު ރަސޫލް (ﷺ)ގެ މުޅި ޙަޔާތްޕުޅަށް ބެލި ނަމަވެސް ދުވަހަކުވެސް އިތުރުއެކަލޭގެފާނުގެ އަމިއްލަފުޅު ޒާތީ އެއްވެސް ކަމެއްގައި ކޯފާ އިސްކުރައްވާފައެއް ނުވެއެވެ. އެފަދަ ބަސްފުޅެއްވެސް ޙަދީޘްފުޅު ކުރައްވަވާފައެއް ނުވެއެވެ. ކިރިޔާވެސް އެފަދަ ބަސްފުޅެއް ޙަދީޘްފުޅު ކުރައްވަވާފައިވަނީ އިސްލާމް ދީނާއި ގުޅުންހުރި ކަންކަމުގައެވެ. އެ ޙާލަތުގައިވެސް ކޯފާ އިސްކުރައްވަވާފައެއް ނުވެއެވެ. އަބަދުވެސް ދައްކަވާފައިވަނީ އަޚްލާޤީ އެންމެ ރިވެތި ނަމޫނާއެވެ.
އެހެންކަމުން މިއީ މިއަދު ހަމަ ކޮންމެ މީހަކުވެސް ވަރަށް ފުންކޮށް ވިސްނައިލަން ޖެހިފައިވާ ކަމެކެވެ. ތިމާގެ އަމިއްލަ ޒާތީ އެއްވެސް ކަމެއްގައި ރުޅި އައުމެއް ނެތެވެ. ހަސަދަވެރިވުމެއްވެސް ނެތެވެ. ރުޅިއަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެކެވެ. ވީމާ ރުޅި އައުމާއި ވީހައި ބޮޑަށް ދުރުހެލިވާން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
ރުޅިއަކީ އެއްވެސް ކަމެއް ޙައްލުކޮށްދޭނެ ކަމެއް ނޫނެވެ. ރުޅިއަކީ ފިތުނަ އާއި ހަސަދައިގެ ތަޅުދަނޑިއެވެ. ކަމަކާއިމެދު ރުޅި އައުމަކީ އަލިފާނަށް ޕެޓްރޯލު އުކުން ފަދަ ކަމެކެވެ. އަލިފާނަށް ޕެތްރޯލް އުކިމާ ހުލުގަނޑު ބޮޑުވާ ފަދައިން ރުޅީގެ ސަބަބުން ކަންކަން ޙައްލުވުމުގެ ބަދަލުގައި ކަންކަން ދާނީ އިތުރަށް ގޯސްވަމުންނެވެ.
އުފާވެރި އަދި ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންނަމަ ރުޅި އާއި ވީހައި ބޮޑަށް ދުރުހެލިވާށެވެ. އެއްވެސް ކަމެއްގެ ޙައްލަކީ ރުޅިކަމަށް ނުދެކޭށެވެ! އެހެނީ ކޮންމެ މައްސަލައެއްގެ ޙައްލަކީވެސް ލޯތްބާއި ކުލުނެވެ އަޅައިލުމާއި އޯގާތެރިކަމެވެ. މިއީ ބަދަލުކުރެވޭނެ ކަމެއް ނޫނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން