ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ ތަގްވާވެރިކަމުގައި ކުރިއަރައިދިއުމާއި ސުވަރުގެ ލިބި އަދި ސުވަރުގޭގެ މަތީ ދަރަޖަތައްވެސް ލިބުމެވެ. ވީމާ އެކަމަށް ހުރި ހުރަސްތަކާއި އެކަމަށް މަގުފަހިވާނެ ކަންކަމަށް ބަލައިލަމާ ހިނގާށެވެ.
ތިބާއަށް ތަނަވަސްކަމާއި ބާރުލިބިދާނެއެވެ. މަތީ މަޤާމާއި އަދި ރީތިކަންވެސް ލިބިދާނެއެވެ. އަދި މިނޫން ނިޢުމަތްތައްވެސް ލިބިދާނެއެވެ. ނަމަވެސް މިފަދަ އެއްވެސް ކަމަކުން ތަޤްވާވެރިކަމެއް ނުލިބޭނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަދަރު އުފުލިގެންވާ މީހަކަށްވެސް ނުވެވޭނެއެވެ.
ތަޤްވާވެރިކަން ލިބޭނީވެސް، ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީވެސް އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަދަރު އުފުލިގެންވާ މީހަކަށް ވެވޭނެ ހަމައެކަނި ގޮތަކީ ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުންތައް ރަނގަޅުވުމެވެ. އެގުޅުންތައް ބަދަހިވީވަރަކުންނެވެ.
ވިސްނާށެވެ! މުޅިދުނިޔޭގެ ސަމާލުކަން ތިބާއަށް ލިބުނަސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނެތް މީހަކަށް ޤިޔާމަތް ދުވަހު ވާނީ ކިހިނަކުން ހެއްޔެވެ؟ މިކަންކަމަށް ވިސްނައި ތަޤްވާވެރިކަން ލިބިގަންނަން ގިނަބައަކު މަސައްކަތްވެސް ކުރެއެވެ. ނަމަވެސް ގިނައީ އެކަން ޙާޞިލްނުކުރެވޭ މީހުންނެވެ.
ސަބަބަކަށްވަނީ ތިމާ އާއި ﷲ ތަޢާލާ އާއި އޮންނަންޖެހޭ ގުޅުންތައް ކުޑަވުމެވެ. މިޘާލަކަށް ތަޤްވާވެރިވުމުގެ ބޭނުމުގައި މީހަކު ނަމާދުކޮށްފާނެއެވެ. ނަމަވެސް ފާފަކުރުންމަތީގައި ދެމިހުރެދާނެއެވެ. އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތުންމަތީގައި ދެމހުރެދާނެއެވެ. ބައިވެރިޔާއަށް ބޭވަފާތެރިވަމުންދާ މީހަކަށްވެސްވެދާނެއެވެ.
މިފަދަ އެއްވެސް ސިފައެއް ހުރި މީހަކަށް ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަމަށް ބަލައިގެން ނުވާނެއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބަހައްޓައިގެންނެވެ. އެހެންކަމުން ފާފަ ނުކުރުމާއި އެހެންމީހުންގެ ޙައްޤުތަކަށް އަރައިނުގަތުމާއި އަދި ކޮންމެ ކަމެއްގައިވެސް ތެދުވެރިވުން އެއީ އެންމެ މުހިންމު ސިފަތަކެވެ.
ނަމާދުކުރާ މީހަކުނަމަ މިސިފަތައް ލިބިގަތުމަކީ އުނދަގޫކަމަކަށްނުވާނެއެވެ. ނަމާދުކުރާ މީހަކު އޭނާ ކުރާ ޢަމަލުތައް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކު ކުރަންފަށައިފިނަމަ އެމީހެއްގެ ކިބައިގައި ރަނގަޅު ސިފަތައް ވަރަށް ފަސޭހައިން ހަރުލަން ފަށާނެއެވެ. ހެޔޮ ޢަމަލުކުރުން ގިނަކުރަން ވަރަށް ފަސޭހައިން މަގުފަހިވާނެއެވެ. އިން ޝާ ﷲ
މަސައްކަތްކުރަންވީ ވީހާގިނަ ހެޔޮ ޢަމަލުތައް ހިފައިގެން ދުނިޔެއިން ނުކުންނާށެވެ. ކުރެވޭ ފާފަތަކަށް ތައުބާވެ އެއްވެސް ފާފައެއް ތިމާއާއިއެކުގައި ކައްވަޅަށް ނުގެންދަން މަސައްކަތްކުރާށެވެ! މި 2 މަޤްޞަދު ޙާޞިލުކުރަން މަސައްކަތްކުރާ މީހެއްގެ ތަޤްވާވެރިކަން ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން