ޢަލީ އިޙްޞާން ފިރާޤް
ޚުލްޤްފުޅު:
سليمان عليه السّلام އަކީ ވަރަށް އުޅުއްވުން ރީތި ޚުލުޤުފުޅު ރަނގަޅު ބޭކަލެކެވެ. އެކަލޭގެފާނަށް ދުނިޔަވީ އެންމެހައި ބޮޑެތި މުދަލާއި، އެއްވެސް މީހަކަށް ނުދެއްވާ ވަރުގެ ބޮޑު ރަސްކަމެއް ދެއްވުމުން އެކަމާ އެކަލޭގެފާނު ބޮޑާވެވަޑައިގެން ނޫޅުއްވައެވެ. އަދި ކީއްތޯ؟ އެކަލޭގެފާނު، މާތްﷲ ގެ މަތީން ހަނދުމަފުޅު ނައްތާލެވޭނެ ފަދަ ހުރިހާކަމަކުން މަނާވެވަޑައިގެން ރައްކާތެރިވެވަޑައިގެން އުޅުއްވައެވެ.
އެއްދުވަހަކު سليمان عليه السّلام އަށް ވެދުމަށް ވަރަށް ރީތި އަސްތަކެއް ގެނެވުނެވެ. އެއަސްތަކަކީ އެތަކެތި ދެކޭ މީހުން ޙައިރާންވާފަދަ ރީތި އަސްތަކެކެވެ. ޚާއްޞަ ސިފަތަކެއް ދެއްވާފައިވާ އަސްތެކެކެވެ. މުޖާހިދު ވިދާޅުވެފައި ވާގޮތުގައި އެއަސްތަކަކީ، އޭގެ ތިން މޮއްގަނޑު ބިމުގައި ޖައްސައި ހަތަރުވަނަ މޮއްގަނޑު އުފުލާލެވޭ ފަދަގޮތަކަށް ތަމްރީނު ދެވިފައިވާ އަސްތަކެއް ކަމަށެވެ. މި އަސްތަކުގެ އަނެއް ޙާއްޞަ ސިފައަކީ އެ އަސްތައް ދުވާއިރު ހަލުވިވެފައި ހުއްޓި ތިބޭއިރު ތިބޭލެއް މަޑުމައިތިރި ކަމެވެ. މިވާހަކައަށް އިޝާރާތް ކުރައްވައި ޞާދު ސޫރަތުގެ 31 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
إِذْ عُرِضَ عَلَيْهِ بِالْعَشِيِّ الصَّافِنَاتُ الْجِيَادُ ﴿٣١﴾
މާނައީ: [(އެއްދުވަހެއްގެ) ހަވީރުކޮޅުގައި އެކަލޭގެފާނު (އެބަހީ: سليمان ގެފާނު) ބެއްލެވުމަށް، ދުވާއިރު ހަލުވި، ހުއްޓި ތިބޭއިރު ހަމަހިމޭން އަސްތައް ހުށަހެޅުނުހިނދު ހަނދުމަކުރާށެވެ!]
سليمان عليه السّلام ގެންގުޅުއްވި އަސްތަކުގައި ހުރި އަނެއް ސިފައަކީ އެ އަސްތަކުގައި ދެފިޔަގަނޑު ހުރުމެވެ. أمّ المؤمنين السّيّدة عائشة رضى اللّـه عنــها ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޚައިބަރު ހަނގުރާމައިން ނުވަތަ ތަބޫކު ހަނގުރާމައިން ވަޑައިގެންނެވިއިރު ތިމަންކަމަނާގެ ގެކޮޅުގެ އެތެރޭގައި ދަމާފައިވާ ފަރުދާއެއް ޖެހުނު ވައިރޯޅިއަކުން ކެހިގެންގޮސް ތިރިއަށް ސޮއްސާލައިފައިވެއެވެ. އެތަނުން ތިމަންކަމަނާ ކުޅެން ގެންގުޅުނު ބުދުތަކެއް ދެކެވަޑައިގެން މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [މިއީ ކޮން އެއްޗެއް ތޯއެވެ؟]
ތިމަންކަމަނާ ދެންނެވީމެވެ. [އެއީ ތިމަންކަމަނާ ކުޅުއްވަން ގެންގުޅުއްވާ ބުދުތަކެވެ.] އެތަނުން ބޯފޮތިން ހަދާފައިވާ އަހެއް ދެކެވަޑައިގެން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. [އެއެއްޗެހިތަކުގެ ތެރެއިން އެފެންނަނީ ކޮންއެއްޗެއް ހެއްޔެވެ؟] އެކަމަނާ ދެންނެވީމެވެ. [އެއީ އަހެކެވެ.] ޙަދީޘް ކުރެއްވިއެވެ. [އެހެންވިއްޔާ އެއަހުގެ މަތީގައި އެވަނީ ކޮންތަނެއްހެއްޔެވެ؟] ތިމަންކަމަނާ ދެންނެވީމެވެ. [އެއީ އެ އަހުގެ ދެފިޔަގަނޑެވެ.] ޙަދީޘް ކުރެއްވިއެވެ. [އަހުގައިވެސް ފިޔަ ހުރޭ ހެއްޔެވެ؟] ތިމަންކަމަނާ ދެންނެވީމެވެ. ސުލައިމާނުގެފާނު ގެންގުޅެއްވި އަސްކޮޅެއްގައި ދެފިޔަ ހުންނަ ވާހަކައެއް ކަލޭގެފާނު ނާއްސަވަމުތޯއެވެ؟. އެހެން ތިމަންކަމަނާ ދެންނެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ފޭރާދަތްޕިލާފުޅު ފެންނަށް ވަރަށް ހިނިފުޅުވެޑުވިއެވެ.
{كتاب الأدب، باب فِي اللَّعِبِ بِالْبَنَاتِ، ޙަދީޘް 4932، صحيح الألباني}
ކޮންމެއަކަސް، سليمان عليه السّلام އަށް މިއަސްތައް ފެނިވޑައިގެންނެވުމުން އެކަލޭގެފާނު ވަރަށް ބޮޑަށް ޙައިރާފުޅުވެވަޑައިގެން އެތަކެއްޗާއިގެން މަޝްޣޫލުވެވަޑައިގެންނެވިއެވެ. އެތަކެތީގައި އަތްޕުޅުން ފިރުންމަވައި ހެއްދެވިއެވެ. އިމާމު އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. ސަލަފުންނާއި ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. سليمان عليه السّلام އަސަތްކާއި މަޝްޣޫލުވެވަޑައިގެން އުޅުއްވަން ހައްދަވައިގެން އެކަލޭގެފާނަށް ޢަޞްރު ނަމާދު ފާއިތުވެގެންދިޔައެވެ. އެކަލޭގެފާނަށް ޢަޞްރުނަމާދު ފާއިތުވެގެން ދިޔައީ ހަނދުމަފުޅު ނެތުމުންގެ ސަބަބުންނެވެ. މިވާހަކައަށް އިޝާރާތް ކުރައްވައި ޞާދު ސޫރަތުގެ 32 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
فَقَالَ إِنِّي أَحْبَبْتُ حُبَّ الْخَيْرِ عَن ذِكْرِ رَبِّي حَتَّىٰ تَوَارَتْ بِالْحِجَابِ ﴿٣٢﴾
މާނައީ: [ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެ ހަނދުމަކޮށް ذِكر ކުރުން ފިޔަވައި، އިރު ފަރުދާވެ ނިވައިވެއްޖައުމަށްދާނދެން އަހަށް ލޯބިކުރުން، އަހުރެންނަށް އިސްކުރެވިއްޖެއެވެ.]
سليمان عليه السّلام ޤަޞްދުކުރެއްވީ އެ އަސްތައް ޤުރުބާން ކުރެއްވުމަށެވެ. އެހެންކަމުން އެކަލޭގެފާނު ކަނޑިކޮޅުން ޖައްސަވައި އެ އަސްތައް ޤުރުބާން ކުރެއްވިއެވެ. އަދި އެތަކެތީގެ މަސްތައް މާތްﷲ ގެ މަގުގައި ޞަދަޤާތް ކުރެވި ކަމަށް މުފައްސިރުން ލިޔުއްވައެވެ. މިވާހަކަ ޞާދު ސޫރަތުގެ 33 ވަނަ އާޔަތުގައި ބަޔާންކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
رُدُّوهَا عَلَيَّ ۖ فَطَفِقَ مَسْحًا بِالسُّوقِ وَالْأَعْنَاقِ ﴿٣٣﴾
މާނައީ: [އެ އަސްތައް އަހުރެންގެ ކައިރިޔަށް އަނބުރައި ގެންނާށެވެ! ދެން އެތަކެތީގެ ކަނދުރާގައި (ކަނޑިން) ޖައްސަވައި (ކަތިލައްވައި) ފައިތައް ބުރިކުރެއްވިއެވެ. (އަދި އެތަކެތިން صدقات ކުރެއްވިއެވެ.)]
މިދެންނެވި ސިފަފުޅުގެ އިތުރަށް سليمان عليه السّلام އަކީ ވަރަށް ގިނަ ގިނައިން މާތްﷲ ގެ ޙަޟުރަތުން ފާފަފުއްސެވުމާއި މަޣުފިރަތު އެދިވަޑައިގަންނަވާ ބޭކަލެކެވެ. ގިނަގިނައިން ތައުބާވެވަޑައިގެންނެވުމަކީ، ނަބީބޭކަލުންގެ ޚާއްޞަ ސިފަފުޅެކެވެ. އެބޭކަލުންނަކީ ފާފަތަކުން ޠާހިރުކުރައްވައި ސާފުކުރައްވައިފައިވާ ބޭކަލުންކަމުގައި ވިނަމަވެސް އެކަމުގައި އެބޭކަލުންވަނީ ނަމޫނާ މިސާލުތައް ދުނިޔެއަށް ދައްކަވައިފައެވެ. ޞާދު ސޫރަތުގެ 38 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَوَهَبْنَا لِدَاوُودَ سُلَيْمَانَ ۚ نِعْمَ الْعَبْدُ ۖ إِنَّهُ أَوَّابٌ﴿٣٠﴾
މާނައީ: [ތިމަންރަސްކަލާނގެ داود ގެފާނަށް سليمان ގެފާނު ދެއްވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ.]