ދީނަށް ނަޞްރުދޭން ކުރަންހުރި މަސައްކަތް އަތުގަ އޮތް ފޯނުންވެސް މިހާރު ކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ދީނަށް ނަޞްރުދޭން ކުރަންހުރި މަސައްކަތް އަތުގަ އޮތް ފޯނުންވެސް މިހާރު ކުރެވޭނެ!

އިސްލާމް ދީނަށް ނަޞްރުދިނުމަށްޓަކައި ހަނގުރާމައިގެ މައިދާނަށް ނުކުމެވޭނީ އެފަދަ ހަނގުރާމައެއް ހަތިޔާރުން ކުރާނަމަތާއެވެ. މިއަދުގެ ހަނގުރާމަ ތަފާތެވެ. ޙަމަލާދީ ބަލިކުރަންޖެހިފައި މިވަނީ އިސްލާމް ދީނާއި ދެކޮޅަށް ފަތުރާ ދޮގުމައުލޫމާތުތަކާއިއެވެ.  

ކޮންމެ މުސްލިމަކުވެސް މިއަދު ކުރަންވީ ކަމަކީ އިސްލާމް ދީނުގެ ޙާޤީޤަތާއި މަތިވެރިކަން ހާމަވާނެ އެންމެ މެސެޖެއް ނަމަވެސް ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކުވެސް ހާމަކުރަމުން ގެންދިއުމެވެ. ހަމައެއާއިއެކު އިސްލާމް ދީނަށް ފުރިހަމައަށް ޢަމަލުކުރާ މީހަކު ކަމުގައިވުމެވެ. ޚާއްޞަކޮށް ފަރުޟު 5 ނަމާދަށް ރައްކައުތެރިވާ މީހަކު ކަމުގައި ވުމެވެ.  

ދުނިޔޭގެ ކަންކޮޅުތަކުގައި ގެންދަނީ އިސްލާމް ދީނަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ. އިސްލާމް ދީނާއިމެދު ޝައްކުތައް އުފަދައި ބަލިކަށިކުރެވޭތޯ ތަފާތު މަސައްކަތްތައް ގެންދަނީ ކުރަމުންނެވެ. އެކަމުގެ އަސަރު ނުފޯރާ މުސްލިމް މުޖުތަމަޢުއެއް މިއަދަކު ނެތެވެ. މުސްލިމް ބޯހިޔާވައްސެއް ނެތެވެ.  

މުސްލިމުންނަކީ ކެތްތެރިވާން ޖެހޭ ބައެކެވެ. މުސްލިމުންނަށް އެންމެ ފުރިހަމަ ގޮތުގައި އާރާއި ބާރު ލިބިފައި އޮތް ދުވަސްތަކުގައިވެސް މުސްލިމުން ވަނީ ކެތްތެރިކަމުގެ ނަމޫނާ ދައްކައިފައެވެ. ޚާއްޞަކޮށް 4 ޚަލީފާއިންނާއި ޞަހާބީންނެވެ. 

ﷲ ތަޢާލާ އެކަލާނގެ ދީން މަތިވެރިކުރައްވަވާނެ ކަމަށާއި ޙިމާޔަތްކުރައްވަވާނެ ކަމަށް އޮންނަ ބަސްފުޅުގެ މާނައަކީ އެކަމަށް ކުރަންޖެހޭ މަސައްކަތް ނުކުރުމެއް ނޫނެވެ. ކޮންމެ މުސްލިމަކުވެސް ވާންޖެހޭނީ ﷲ ތަޢާލާގެ ދީން ޙިމާޔަތްކޮށް މަތިވެރިކުރަން މަސައްކަތްކުރާ މީހަކަށެވެ.  

އެގޮތުން ފުރަތަމަވެސް ކުރަން އޮތްކަމަކީ އެމީހެއްގެ އަހުލުވެރިންނަށް އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުވައިދީ ހޭލުންތެރިކުރުވުމެވެ. މީހަކު ނުބައި ވަސްވާސެއް ދިން ނަމަވެސް ޤަބޫލު ނުކުރާނެވަރަށް އެމީހުންގެ ސިކުނޑިތަކަށް އިސްލާމް ދީނުގެ ކަންކަން ވެއްދުވުމެވެ.  

މުސްލިމުން އަބަދުވެސް ތިބެން ޖެހޭނީ ތައްޔާރަށެވެ! އިސްލާމް ދީން ދިފާޢުކޮށް ނަގަހައްޓަން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރަން ތައްޔާރަށެވެ. ނަމަވެސް މުޝްރިކުންނާއި މުނާފިޤުން އެދޭފަދައަކުން ނޫނެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ ބަސްފުޅާއި އެއްގޮތަށެވެ.  

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ކެތްކުރާށެވެ! އަދި، (ދުޝްމިނުންނާ ހަނގުރާމަ ކުރުމުގައި އެއުރެންނަށްވުރެ ބޮޑަށް) ތިއަބައިމީހުން ކެތްތެރިވާށެވެ! އަދި، ދުޝްމިނުން އަތުވެދާނޭ މަގުތަކަށް ބަލަބަލާ ޖިހާދު ކުރުމަށް ތައްޔާރީގައި ތިބޭށެވެ! އަދި، ތިއބައިމީހުން ﷲ އަށް ތަޤްވާ ވެރިވާށެވެ! (އެއީ) ތިއަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ." (އާލްޢިމްރާން: 200) 

މިއާޔަތުން އެނގިގެންދަނީ މުސްލިމުންނަކީ ފަހަތަށް ޖެހި އަމާން ދޭން ބައެއް ނޫން ކަމެވެ. އަދި ދުޝްމިނުން ދީފާނެ ހަމަލާއަކަށް އަބަދުވެސް ތިބެން ޖެހޭނީ ތައްޔާރީގައި ކަމެވެ. ކުރީ ޒަމާނުގައި ހަމަލާ ދެމުން އައީ ފެނި ތިބެގެން ކަނޑިތަކާއި ލޮންސިންނެވެ. މިއަދު އެންމެ ގިނަ ހަމަލާތައް ދެނީ ސޯޝަލް މީޑިއާގައެވެ. ސާބިތުކަމާއިއެކު ރައްދު ދޭށެވެ! އެއީ އަތުގައި އޮންނަ ފޯނުންވެސް ކުރެވޭނެ ކަމެކެވެ. މަސައްކަތްކުރަންވާނީ ވިސްނުންތެރިކަމާއި އަދި ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއިއެކުގައެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން