ކަންކަން ކުރިމަތިވުމުން ގިނަބައަކަށް ކުރިއަށް ދެވެނީ ޝައިޠޯނާގެ ފަޅިން! ސަލާމަތްވެވޭނީ ކިހިނެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ކަންކަން ކުރިމަތިވުމުން ގިނަބައަކަށް ކުރިއަށް ދެވެނީ ޝައިޠޯނާގެ ފަޅިން! ސަލާމަތްވެވޭނީ ކިހިނެއްތަ؟

އިބިލީސް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވި މިބަހާއިމެދު ނިކަން ވިސްނައިލަބަލާށެވެ! "އިންސާނުންނަށް ކަންބޮޑުވާން ޖެހިއްޖެނަމަ އިނބަ ﷲ ގެ ޙަޟްރަތުން ވާގިއެދުމުގެ ބަދަލުގައި އެމީހުން އަންނާނީ އަހުރެންނާއި ދިމާއަށެވެ!" މިއީ އިބްލީސް ﷲ ތަޢާލާ އަށް ދެންނެވި އެއް ވާހަކައެވެ. މިއަދު ފެނިގެން މިދަނީ އިބިލީހުގެ އެބަސް ތެދަކަށްވަމުން އަންނަތަނެވެ. 

މީހަކަށް ކަމެއް ކުރިމަތިވެއްޖެނަމަ މިއީވެސް ﷲ ތަޢާލާގެ ޙަޟްރަތުން ކުރިމަތިވިކަމެއްކަން ޤަބޫލުކުރެވި އެކަމަކުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ދުޢާކުރުމުގެ ބަދަލުގައި ގިނަ ބައަކަށް ދެވެނީ ޝައިޠޯނާގެ މަގުންނެވެ. ކުރިމަތިވި ކަންތަކުން ލިބުނު ހާސްކަން ފިލުވާލަން އަވަސްއަވަހަށް ދުއްވައިގަނެވެނީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކޮންމެވެސް ކަމެއް ކުރާށެވެ. 

އެއްބައަކު އަވަސްވެގަންނަނީ ޙަރާމް ކުރައްވަވާފައިވާ ކޮންމެވެސް އެއްޗެއް ބޭނުންކޮށްގެން ތިމާގެ ސިކުނޑި ތަޣައްޔަރުކޮށްލުމަށެވެ. ސިކުނޑިއަށް ހިތަށް ހަމަޖެހުން ހޯދައިދެވޭނީ އެގޮތުން ކަމަށް ޤަބޫލުކުރެވޭތީއެވެ. 

ޒަވާޖީ ޙަޔާތް ވޭތިކުރަމުން ދަނިކޮށް އަނެކާގެ ކިބައިން ތިމާގެ ހިތް ހަމަނުޖެހޭ ކަމެއް ފެނިއްޖެނަމަ މައްސަލަ ޙައްލުކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އަވަސްވެ ގަނެވެނީ ހިލޭ މީހަކާއިއެކު ގުޅުން އުފައްދައިގެން އުފާވެރިކަން ހޯދުމަށެވެ.  

ބުނަން ހެއްޔެވެ؟ މިފަދަ ކޮންމެ ކަމެއް ކުރިނަމަވެސް ޢަމަލު އެކުރެވެނީ އިބިލީސް އެބުނި މަގުންނެވެ. އެހީތެރިކަން ހޯދަން އެދެވެނީ އިބިލީހުގެ ގާތަށެވެ. އިބިލީހުގެ ގާތުން ހޯދާ އެހީތެރިކަމަކުން ލިބޭނީ ކޮން ޙައްލެއް ހެއްޔެވެ؟ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟ ތިބާ އެކަން ކުރުމުން ހިތްހަމަޖެހުން ލިބޭނީ އިބިލީހަށެވެ. ތިބާއަށް ލިބޭނީ އިތުރު ގެއްލުމާއި އަނިޔާއެވެ. ގެއްލިގެންދާނީ ތިބާގެ ދުނިޔެއާއި އާޚިރަތެވެ!  

ވީމާ މިކަމަކީ ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެކަމަކުން ސަލާމަތްކޮށްދެއްވެވުން އެދެންވާނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެކަމަށް ކުރަން އޮތް ކަމަކީ ދުޢާކުރުމެވެ. ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމެވެ. ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރުމެވެ.

 

- މައްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން