މާޒީ ގޯސްކަމުން އެންމެންވެސް އޭނާއާ ކައިވެނިނުކުރަން ބުނަނިކޮށް ކައިވެނިކުރުމުން އޭނާގެ ރަނގަޅުކަމަށް ސަތޭކައިންސައްތަ ދޭންޖެހުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
މާޒީ ގޯސްކަމުން އެންމެންވެސް އޭނާއާ ކައިވެނިނުކުރަން ބުނަނިކޮށް ކައިވެނިކުރުމުން އޭނާގެ ރަނގަޅުކަމަށް ސަތޭކައިންސައްތަ ދޭންޖެހުނު އަންހެނެއްގެ ވާހަކަ-

އަޅުގަނޑު ބޭނުންވަނީ ވަރަށް ކުޑަކުޑަ އެކަމަކު ވަރަށް ބޮޑު ވާހަކައެއް ވަރަށް ކުރުކޮށް ބުނެލާށެވެ! ރަނގަޅަށް އަޑުއައްސަވާށެވެ!  

އަޅުގަނޑަށް އަންހެން ކުއްޖަކު ދެކެ ލޯބިވެވުނެވެ. ވަރަށް ބޮޑަށެވެ. ދުވަސްކޮޅެއް ފާއިތުވެ ކައިވެނިކުރަން އުޅެން ފެށުމުން ގިނަ ބައަކު ބުނީ އޭނާއާއި ކައިވެނިނުކުރުމަށެވެ. އޭނާގެ މާޒީއަކީ ރަނގަޅު މާޒީއެއް ނޫންކަމަށެވެ. ވަރަށް ހުތުރު މާޒީއެއް ކަމަށެވެ. 

އެކަމަކުވެސް އެކަން ޤަބޫލުކުރަން އުނދަގޫވިއެވެ. މިބުނަނީ އޭނާގެ މާޒީ ހުތުރުކަމަށް ޤަބޫލުކުރަން އުނދަގޫވިވާހަކައެއް ނޫނެވެ. އެމާޒީއަކީ ލޯބިވާ މީހަކާއި ކައިވެނިނުކުރަން އޮތް ސަބަބެއް ކަމަށް ޤަބޫލުކުރަން އުނދަގޫވިވާހަކައެވެ.  

ކޮންމެއަކަސް ހަވާނަފުސް ބޭނުންވިގޮތަށް ކަންކަން ކުރިއަށް ގެންގޮސް ކައިވެނިކުރީމެވެ. ކައިވެނިކުރުމުގެ ކުރިއަކުން އޭނާގެ މާޒީއާއިބެހޭގޮތުން ސުވާލެއްވެސް ނުކުރަމެވެ. އޭނާވެސް އެބާވަތުގެ ވާހަކައެއް ނުދައްކައެވެ.  

ކައިވެނިކޮށް 4 މަސްފުރުނުއިރުވެސް އަނބިމީހާގެ ކިބައިން އެއްވެސް ކުށެއް ނުފެނެއެވެ. އަންތބެއްގެ ޙައިޞިއްޔަތުން ހުރިހާ ކަމަކަށްވެސް 100 އިންސައްތަ ދޭންޖެހެއެވެ. އަހުރެންގެ ކަންކަން ބެލެހެއްޓުމުގެ އިތުރުން އަހުރެންގެ މައިންބަފައިންނަށްވެސް ރަނގަޅުކަމުންނެވެ. ގެންގުޅެނީވެސް ބައްތިފޯނެކެވެ. އެޕްލްފޯނެއްދޭން އުޅުމުން ބޭނުމެއްވެސް ނުކުރިއެވެ. ވީމާ ސިއްރުން ކުރާ އެއްވެސް ކަމެއް އޮތްކަމަށް ޤަބޫލުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.  

ކޮންމެއަކަސް އެއްރޭ ސުވާލުކުރީމެވެ. "ތިބާގެ މާޒީ ހުތުރުވެގެން ގިނަ ބައަކު ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ ތިބާއަށް ކޮންކުށެއް ކުރެވިފައި އޮވެގެން ހެއްޔެވެ؟" އަނބިމީހާގެ ޖަވާބަކަށްވީ ދޮންމަންމަގެ ބާރާ ނުފޫޒުން ކުރުވި ކަމެއް ނޫންކަމެއް ނުކުރާކަމަށެވެ. އެއިރުގެ ޙަޔާތަކީ އަލިފާންކަމަށެވެ. 

އެހިސާބުން އިތުރު ސުވާލެއް ނުކުރަމެވެ. އެކައިވެންޏަށް 15 އަހަރު ފުރުނީއެވެ. އަދިވެސް އަނބިމިހާއަށް ދޭންޖެހެނީ ހަމަ 100 އިންސައްތައެވެ. ވީމާ ބުނެލަން ބޭނުންވަނީ އެއްވެސް މީހެއްގެ މާޒީއަށް ނުބަލާށެވެ! އޭނާ މިހާރުއުޅޭގޮތަށްބަލާށެވެ. ކުށެއް ނުކުރެވޭ އެކަކުވެސް ނުހުންނާނެއެވެ. އަދި އަހުރެންގެ އަނބިމީހާފަދައިން މަޖުބޫރުވެގެން ކުށްކުރެވުނު މީހުންވެސް މަދެއްނުވާނެއެވެ.  

އަޅުގަނޑު ބުނަން ބޭނުންވި ވާހަަކ ބުނެނިމުނީއެވެ.

 

- ވަސީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން