ފަށްކުރުމެއް-: ސުލައިމާންގެފާނުގެ ވާހަކަ 13: އަވަހާރަވުން

ކިޔުމަށް ހޭދަވާނީ 5މ 39ސ
ފަށްކުރުމެއް-: ސުލައިމާންގެފާނުގެ ވާހަކަ 13: އަވަހާރަވުން

ޢަލީ އިޙްޞާން ފިރާޤް

 

ސުލައިމާނުގެފާނު އަވަހާރަވުން: 

سليمان عليه السّلام ގެ ޒަމާނުގައި، އުޅުނު ޖިންނީން ދަޢުވާކޮށްގެން އުޅެނީ އެބައިމީހުންނަށް ޣައިބު އެނގޭކަމުގައެވެ. އެބައިމީހުން އެކުރަމުންގެންދިޔަ ދަޢުވާއަކީ ތެދު ދަޢުވާއެއްކަމުގައި އެޒަމާނުގައި އުޅުނު މީސްތަކުންވެސް ޤަބޫލުކުރަމުން ގެންދިޔައެވެ. ޖިންނީން ކުރަމުންގެން ދިޔަ ދަޢުވާއަކީ ދޮގު ދަޢުވާއެއްކަން މީސްތަކުންނަށް އެނގިފާޅުވެގެން ދިޔައީ سليمان عليه السّلام އަވަހާރަވުމުންނެވެ. ޖިންނީންނަށް އެކަލޭގެފާނު އަވަހާރަވިކަން އެނގުނީ އެކަލޭގެފާނު އަވަހާރަވިތާ އެތަކެއް ދުވަހެއް ފަހުންނެވެ. މިވާހަކަ ސަބާ ސޫރަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.  

فَلَمَّا قَضَيْنَا عَلَيْهِ الْمَوْتَ مَا دَلَّهُمْ عَلَىٰ مَوْتِهِ إِلَّا دَابَّةُ الْأَرْضِ تَأْكُلُ مِنسَأَتَهُ ۖ فَلَمَّا خَرَّ تَبَيَّنَتِ الْجِنُّ أَن لَّوْ كَانُوا يَعْلَمُونَ الْغَيْبَ مَا لَبِثُوا فِي الْعَذَابِ الْمُهِينِ ﴿١٤

މާނައީ: [ދެންފަހެ، އެކަލޭގެފާނު އަވަހާރަވުމަށް ތިމަންރަސްކަލާނގެ ނިޔާކުރެއްވިހިނދު، ކަތުރުފަނި ނޫންއެއްޗެއް އެއުރެންނަށް އެކަލޭގެފާނު އަވަހާރަވެއްޖެކަމަށް ނޭންގިއެވެ. އެ ކަތުރުފަނި އެކަލޭގެފާނުގެ އަސާކޮޅު ކަމުންގެންދިޔައެވެ. ދެންފަހެ، އެކަލޭގެފާނު ވެއްޓިވަޑައިގަތުމުން، ޖިންނީންނަށް އެނގިއްޖައޫއެވެ. ހަމަކަށަވަރުން، އެއުރެންނަށް غيب އެނގޭނަމަ، އިހާނަތްތެރިކަން ދެނިވި عذاب ގައި (އެބަހީ: ގަދަ މަސައްކަތުގައި) އެއުރެން ނުތިބީހެވެ.]

ޢަބްދު ބިން ޢައްބާސް ރަޟިޔަޢަންހު ވިދާޅުވެފައިވެއެވެ. މާތް ނަބިއްޔާ ޙަދީޘު ކުރެއްވިއެވެ. [މާތްالله ގެ ނަބިއްޔާ ސުލައިމާނުގެފާނު ނަމާދު ކުރައްވަން ހުންނަވަނިކޮށް އެކަލޭގެފާނުގެ ކައިރިން ގަހެއް ފަޅައިގެން ހެދެންފަށައިފައިވާތަން ދެކެވަޑައިގަތެވެ. ދެން އެކަލޭގެފާނު އެގަސްކުރެން އެގަސް ހެއްދެވިފައިވާ ބޭނުމަކާ ބެހޭގޮތުން ސުވާލުކުރައްވައި އޮޅުން ފިލުއްވެވިއެވެ. 

އޭގެ ދުވަސްކޮޅެއްފަހުން އެކަލޭގެފާނު ނަމާދުފުޅަށް ހުންނަވަނިކޮށް އަލުން އެކަލޭގެފާނުގެ ކައިރިން ގަހެއް ފެނިވަޑައިގެން ވިދާޅުވިއެވެ. [ތިބާގެ ނަމަކީ ކޮބައިހެއްޔެވެ؟] އެ ގަސް ދެންނެވިއެވެ. [ތިމަންގެ ނަމަކީ الْخَرُّوب އެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [ތިބާ އުފެއްދެވީ ކީއްކުރައް ހެއްޔެވެ؟] އެ ގަސް ދެންނެވިއެވެ. [މި ގެކޮޅު ޚަރާބު ކުރުމަށްޓަކައެވެ.] މިއަޑު އައްސަވައި، ސުލައިމާނުގެފާނު މާތްالله އަށް ދުޢާ ކުރެއްވިއެވެ. [ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! މިއަޅާގެ މަރު އިންސީންނާއި ޖިންނީންނަށް ވަންހަނާ ކޮށްދެއްވާނދޭވެ! އެއީ އެމީހުންނަށް ޣައިބުގައިވާ ކަންކަން ނޭނގޭކަން ހާމަކޮށް ދެއްވުމަށްޓަކައެވެ.]

އެކަލޭގެފާނު އަވަހާރަވުމަށް ނިޔާކުރެއްވިހިނދު، ކަތުރުފަނި ނޫންއެއްޗެއް އެއުރެންނަށް އެކަލޭގެފާނު އަވަހާރަވެއްޖެކަމަށް ނޭންގިއެވެ. އެ ކަތުރުފަނި އެކަލޭގެފާނުގެ އަސާކޮޅު ކަމުންގެންދިޔައެވެ. އެކަލޭގެފާނު ވެއްޓިވަޑައިގަތުމުން، ޖިންނީންނަށް ސުލައިމާނުގެފާނު އަވަހާރަ ވެއްޖެކަން އެނގުނެވެ. އެއުރެންނަށް ޣައިބު އެނގޭނަމަ، އިހާނަތްތެރިކަން ދެނިވި ޢަޛާބުގައި (އެބަހީ: ގަދަ މަސައްކަތުގައި) އެއުރެން ނުތިބީހެވެ. ޖިންނިން ކަތުރުފަންޏަށް ޝުކުރުވެރިވެ އެ ސޮރަށް ފެންގެނެސްދީ ހެއްޖެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 352} 

ޒައިދު ބިން އަސްލަމު ވިދާޅުވެފައިވެއެވެ. سليمان عليه السّلام މަލަކުލް މައުތުގެފާނަށް ވިދާޅުވިއެވެ. [މާތް ކަލޭގެފާނަށް އަޅުގަނޑުގެ މަރުހިއްޕެވުމަށް އަމުރުކުރައްވައިފިނަމަ، މަރުހިއްޕެވުމުގެ ކުރީން ތިމަންކަލޭގެފާނަށް އެކަމުގެ ޚަބަރު ދެއްވާށެވެ.] މަލަކުލް މައުތުގެފާނު ވިދާޅުވިއެވެ. [ދާދި ދެންމެއަކު ތިމަންކަލޭގެފާނަށް ކަލޭގެފާނުގެ މަރުހިއްޕަވަން އަމުރުކުރައްވައިފިއެވެ. މިހާރު ބާކީ އޮތީ ގަޑިއެއްހާ މިންވަރެވެ.] މި އަޑުފުޅު އައްސަވައި سليمان عليه السّلام، ޖިންނީންނަށް އަމުރުކުރައްވައިގެން ބިއްލޫރިން ގަނޑުވަރެއް ތައްޔާރުކުރެއްވިއެވެ. އެކަލޭގެފާނު އަވަހާރަވީ އެގަނޑުވަރުގައި އިށީންގެވަޑައިގެން އަސާކޮޅުގެ މައްޗަށް ބުރަވެވަޑައިގެން އިންނަވަނިކޮށެވެ. ދެން ޖިންނީ އެބައިމީހުންނަށް ސުލައިމާނުގެފާނު އަމުރުކުރައްވައިފައިވާ ގޮތަށް ބުރަ މަސައްކަތްކުރަމުން ގެންދިޔައެވެ. އެއީ އެކަލޭގެފާނު ބިއްލޫރި ގަނޑުވަރުގައި ދިރިހުންނެވި ކަމަށް ހީކޮށްގެނެވެ. 

ދެން އަރަހުށި މާތްއެތަނަށް ކަތުރުފަނިތަކެއް ފޮނުއްވިއެވެ. އެތަކެތި އެތަނަށްވަދެ އެކަލޭގެފާނު އޭގެ މައްޗަށް ބުރަވެވަޑައިގެން އިންނެވި އަސާކޮޅު ކަމުން ގެންދިޔައެވެ. އެގޮތުން އެކަލޭގެފާނު އެ އަސާކޮޅާއެކު ބިންމައްޗަށް ވެއްޓިވަޑައިގެންފިއެވެ. ދެން ޖިންނީންނަށް އެކަލޭގެފާނު އަވަހާރަވެއްޖެކަން އެނގިއްޖެއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 355}

އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. ޒުހުރީ ވިދާޅުވެފައިވެއެވެ. [سليمان عليه السلام ދުނިޔޭގައި ހުންނެވީ ފަންސާސް ފަސް އަހަރުއެވެ. އެކަލޭގެފާނު ރަސްކަމުގައި ޤާއިމުވެހުންނެވީ ހަތަރު އަހަރެވެ.] سليمان عليه السلام އަށްފަހު ރަސްކަމަށް ވަޑައިގެންނެވީ އެކަލޭގެފާނުގެ ދަރިކަލުން رحبعام އެވެ. އޭނާ ސަތާރަ އަހަރުވަންދެން ބަނީއިސްރާއީލުންގެ މައްޗަށް ރަސްކަންކުރެއްވިއެވެ. އޭނާ އަވަހާރަވުމަށްފަހު ބަނީއިސްރާއީލުންގެ ރަސްކަން ބައިބައިވެގެން ދިޔައެވެ.{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 356-355}

 

މިއަދު އޮންލައިން