ދެމަފިރިންގެ ދިރިއުޅުމުގަ ކަމަށްވިޔަސް ކުރިމަތިވާ ކަންކަން އަމިއްލައަށް ޙައްލުކުރީމާ ކުރާނެ އެންމެ ބޮޑުފައިދާ އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދެމަފިރިންގެ ދިރިއުޅުމުގަ ކަމަށްވިޔަސް ކުރިމަތިވާ ކަންކަން އަމިއްލައަށް ޙައްލުކުރީމާ ކުރާނެ އެންމެ ބޮޑުފައިދާ އެނގޭތަ؟

ފުރަތަމަ ކަމަކަށް ބުނެލަން އޮތީ މައްސަލަތަކާއި ދުނިޔޭގެ ދިރިއުޅުމާއި ދެކަމަކީ ގުޅި ލާމެހިފައިވާ ދެކަންތައް ކަމަށެވެ. ދުނިޔެއަށް އައުދެވުމަށްފަހު ދާނީ މައްސަލަތައް ކުރިމަތިވަމުންނެވެ. އެއީ ދުނިޔޭގެ ޤާނޫނެވެ. ދިރިއުޅުމުގައި ކަންކަން ހިނގާނެ މަގެވެ.

ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ މައްސަލަތައް އަމިއްލައަށް ޙައްލުކުރުމަކީ ސުންނަތް ނަމާދާއި ސުންނަތް ރޯދައަށްވުރެ ފައިދާހުރި ކަމެއް ކަމަށެވެ. ވީމާ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައްވެސް ބޮޑުނުކޮށް އަވަސް އަވަހަށް އަމިއްލައަށް ޙަލުކޮށްލައި އެކަމުން ލިބެންހުރި މަތިވެރި ޘަވާބު ލިބިގަންނާށެވެ.

ހަމައެކަނި ދެމަފިރިންގެ މައްސަލަތަކެއް ނޫނެވެ. ޢާއިލާގެ އެންމެންގެ މައްސަލަތަކާއި ދުރު މީހުންގެ މައްސަލަތައްވެސް ވީހައި އަވަހަކަށް މަޝްވަރާކޮށް ޙައްލުކުރާށެވެ. މެދުވެރިއަކު ބައިވެރިކޮށްގެން ޙައްލުކުރަން ޖެހޭ މައްސަލަތައް މެދުވެރިއަކު ބައިވެރިކޮށްގެންވެސް ޙައްލުކުރުން އަވަސްކުރާށެވެ! ފިތުނައަކަށް އެއްވެސް ކަމެއް ވިއަ ނިދޭށެވެ! ﷲ ތަޢާލާ ރުހިިވޮޑިގަންނަވާ ގޮތަކީ އެއީއެވެ.

މައްސަލަތައް ހައްލު ނުކުރުމަކީ އެކަމުގެ ފިތުނަ ދަރިފަސްކޮޅަށް ވާރުތަވެގެންދާ ކަމެކެވެ. ދެބެއިންގެ މެދުގައި ޖެހޭ މައްސަލަތައް ދެބެއިން ޙައްލު ނުކުރުމުން އެކަން ދެބެއިންގެ ދަރިންނާއި ހަމައަށް ވާރުތަކުރެއެވެ. މައްސަލަ ހައްލުކުރެވެންދެން ދާނީ ވާރުތަވަމުންނެވެ. ދެބެއިންގެ ދަރިންނާއި ހަމައަށް ހިނގައްޖެނަމަ މައްސަލަ ވާނީ އިތުރަށް ގޯހެވެ. އުފެދޭ ފިތުނަ މާބޮޑުވާނެއެވެ.ވީމާ ކޮންމެ މައްސަލައެއްވެސް ވީހައި އަވަހަކަށް ޙައްލުކޮށް އެކަމުގެ ފައިދާ ލިބިގަންނާށެވެ!

އެއްވެސް މައްސަލައެއް ކުރިމަތިވެއްޖެނަމަ އެންމެ ރަނގަޅު ގޮތަކީ ވީހައި އަވަހަކަށް އެކަމަށް މަޝްވަރާކޮށް ޙައްލު ކުރުމެވެ. ލަސްކުރިވަރަކަށް މައްސލަ ދާނީ އިތުރަށް ބޮޑުވަމުންނެވެ. ފުފެމުންނެވެ. އުމަގުވަމުންނެވެ. ކެންސަރަށް ބަދަލުވަމުންނެވެ. އެންމެ ފަހުން ކަންކަން ދާނީ ޙައްލެއް އަދި ޝިފާއެއް ނެތް މިނަށް ބޮޑުވެގެންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން