އަހުރެން މިބަސް މިބުނަނީ ދެމަފިރިންނެވެ. ބައިވެރިޔާގެ ކިބައިން ފެންނަ ކަމަކަށް ރުޅިއަންނަންވާނީ ވަރަށް ބޮޑަށް ވިސްނައިފައެވެ. ތިމާއަށް ބައިވެރިޔާއާއިމެދު ކަންކަން ކުރެވޭގޮތާއިމެދު ވިސްނައިފައެވެ. މައްސަލައަކީ ތިމާއާއިމެދު ވިސްނާނުލެވި އަނެކާގެ ކަންކަމަށް ވިސްނޭކަމެވެ.
ތިމާ އެންމެ އެދޭ ގޮތަށް ހަޔާތުގެ ބައިވެރިޔާ ބަދަލުނުވުމަކީ ކައިވެނި ރޫޅައިލަން ޖެހޭ ސަބަބެއް ކަމަށް ނުހަދާށެވެ! ސަބަބުގައި ހިފައި މަސައްކަތްކުރަމުން ދުޢާކުރުންމަތީގައި ދެމިހުންނާށެވެ! އެދޭ ގޮތަށް ކަންކަން ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކުގައެވެ.
އެހެނަސް ވިސްނައިލަން ޖެހޭނެ ކަމެއް އެބަ އޮތެވެ! އެއީ ޚުދު ތިމާ އަމިއްލައަށް ކުރަން ބޭނުންވާކަންކަންވެސް ތިމާ އެންމެ ބޭނުންވާ ގޮތަށް ނުކުރެވިދާކަމެވެ. ކުރާ މަސައްކަތް ތަކުރާރުވެސް ކުރަން ޖެހޭ ކަމެވެ.
ހަމައެއާއިއެކު ވިސްނާލަންޖެހޭނެ އެންމެ މުހިންމު އެއްކަމަކީ ޚުދު ތިމާއަށް ބައިވެރިޔާއާއިމެދު ކަންކަން ކުރެވެނީ ބައިވެރިޔާގެ ހުރި މައްސަލަތަކަށް މާކްސްދިނުމުގެ ކުރިން ތިމާގެ އަމިއްލަޙާލަތަށް މާކްސްދެޏްވާނެއެވެ. އެއަށްފަހު ދެމީހުންގެ މާކްސްގެ ފުރިހަމަ އަނަލިސިސްއެއް ހަދަންޖެހޭނެއެވެ. ރަނގަޅު ނަތީޖާ އެނގޭނީ އެއިރުންނެވެ.
ހަމައެއާއިއެކު ޙަޔާތުގެ ބައިވެރިޔާގެ ކިބައިން ތިމާ އެދޭ ހުރިހާ ކަންކަން އެންމެ ފުރިހަމައަށް ޙާޞިލު ނުކުރެވިދާނެކަން އަބަދުވެސް ޤަބޫލުކުރަންވާނެއެވެ. ވީމާ ކިރިޔާވެސް ދެމީހުންނަށް އެކުގައި ދިރިއުޅެވޭނެ ޙާލަތުގައި ކަންކަން ހުރިނަމަ ކައިވެނި ރޫޅާލުމަށް ނުވިސްނާށެވެ! އެހެނީ އެއީ އެންމެ ފަހު ގޮތެވެ!
އެމީހާ އެދޭ ކަންތައް ﷲ ތަޢާލާ ޙާޞިލުކޮށްދެއްވަވާނެ ކަމުގެ އުންމީދު ކަނޑާނުލައި މަސައްކަތްކުރަމުން ގެންދާ މީހާއަށް ނިޢްމަތްތައް ލިބެން ފަށާ ގޮތް ނުވެސް އެނގޭނެއެވެ. ފެންނާނީ ވަށައިގެންނާއި މަތިން އަދި އަޑިން އެމީހަކަށް ނިޢްމަތްތައް ލިބެން ފަށާތަނެވެ.
އެއްވެސް މީހަކީ އެއްވެސް ކަމެއް ޙާޞިލު ނުކުރެވޭނެ މީހެއްގެ ގޮތުގައި ދުނިޔެއަށް ފޮނުއްވަވާފައިވާ މީހެއް ނޫނެވެ. އޮތީ އެކަމެއް ޙާޞިލުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުންމަތީގައި ދެމިހުރުމެވެ. އެގޮތުގައި ދެމިހުންނަ މީހަކަށް ޙާޞިލު ނުކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
މި ނަޞޭޙަތަކީ ތަކުރާރުކޮށް ދެވެމުންދާ ނަޞޭޙަތެކެވެ. ނަޞޭޙަތް ގިނަގިނައިން ތަކުރާރުކުރަން ޖެހެނީ ގިނަ ބައަކު ކުޑަ ދުވަސްކޮޅަކު ކަންކަމަށް އެދި މަސައްކަތް ކުރުމަށްފަހު މާޔޫސްވެ އުންމީދު ކަނޑައިލާތީއެވެ. އަދި އެހާލަތުގައި އަޅުކަން ކުރުމާއި ވެސް ދުރަށް ޖެހެވޭތީއެވެ. އެގޮތަށް ކަންތައް އެކުރެވެނީ އެއްވެސް ދެވަނަ ސަބަބެއް އޮވެގެނެއް ނޫނެވެ. ޝައިޠާނާގެ ބަހަށް ހެއްލެވޭތީއެވެ.
އިސްލާމީ ތިލަފަތުގެ ދަރުސަކުން