ގިނަބައެއްގެ ފަރާތުން އެންމެ ގިނައިން އަޑުއިވޭ އެއް ޝަކުވާއަކީ އެމީހުން ކިތަންމެ ރަނގަޅަށް އުޅުނަސް އެހެން މީހުންގެ ތަޢްރީފް ނުލިބޭ ކަމުގެ ޝަކުވާއެވެ. އެހެން މީހުން ނުބައިބަސްތައް ބުނާ ކަމުގެ ޝަކުވާއެވެ.
އެހެންކަމުން ބުނެލަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ކަންބޮޑުވުންތައް ފިލާނެއެވެ. އިން ޝާ ﷲ
ގިނަ މީހުން އެންމެ ބޮޑަށް ކަންބޮޑުވަނީ އެހެން މީހުން ކިޔައިފާނެ އެއްޗަކަށެވެ. އެހެންވެ އަބަދުވެސް މަސައްކަތްކުރަނީ އެހެން މީހުން ބުނެފާނެ ބަސްތަކުން ސަލާމަތްވުމަށެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ ވަރަށް ދެރަކަމެކެވެ.
އެގޮތަށް ވިސްނާ މީހަކަށް އަބަދުވެސް އެހުރެވެނީ އެހެން މީހެއްގެ އަޅަކަށް ވެވިފައެވެ. އަމިއްލަ މިނިވަންކަން ގެއްލިފައެވެ.
އެޙާލަތުން ސަލާމަތްވެވޭނީ އެހެން މީހުން ދައްކައިފާނެ ވާހަކައަކަށް ނުވިސްނައި އަމިއްލައަށް ކުރިއަށްދާން މަސައްކަތްކުރުމުންނެވެ. ދިރިއުޅެންވީ އެހެން މީހުން ޤަބޫލުކުރާނެ ގޮތަކަށް ނޫނެވެ. އެހެން މީހުން ރުހޭނެ ގޮތަކަށްވެސް ނޫނެވެ. ކުރަންވީ އެހެން މީހުން ތާއީދުކުރާނެ ކަންކަމެއް ނޫނެވެ.
އަބަދުވެސް ވިސްނަންވީ ތިމާއަށް މިކުރެވޭ ކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެއްތޯއެވެ. މިކަން މިކުރެވެނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ މަގުންތޯއެވެ؟ އެކަންކަން ޔަޤީންކުރެވުމުން އެއޮތީ ހުރިހާ ކަމެއް ފުރިހަމަކުރެވިފައެވެ. އިތުރު އެއްވެސް ކަމަކަށް ވިސްނާކަށް ނުޖެހޭނެއެވެ.
ކަންކަން ކުރާއިރު ބަލަން ޖެހޭނީ އެކަމެއް ކުރުމުން އެއްވެސް މީހަކަށް އުނދަގޫވާނެތޯއެވެ. ނުވަތަ އެއްވެސް މީހަކަށް އެއްވެސް ވަރެއްގެ ދެރައެއް ލިބޭނެތޯއެވެ! އެފަދަ އެއްވެސް ކަމެއް ނުކުރާށެވެ! އެފަދަ އެއްވެސް ކަމެއް ކުރުން ދީނުގައި ހުއްދައެއް ނޫނެވެ. އެފަދަ ކަމެއް ކުރެވިއްޖެނަމަ އެކަން އެކުރެވެނީ ދީނުގެ އިމުން ބޭރުންނެވެ.
--ސަހުލާ ޢުމަރު