ކޮންމެ ދެމަފިރިއަކަށްވެސް އުފަލުގައި ދިރިއުޅެވޭނީ ދެމީހުންނަކީވެސް އަނެކާ އެދޭނެ، ރުހޭނެ ގޮތަށް ކަންކަން ކުރަން މަސައްކަތްކުރާ މީހަކަށް ވެގެންނެވެ. އެކަން އެގޮތަށް ޙާޞިލްކުރެވޭނީ ދެމީހުންވެސް އެކަމަށް އެދިގެން މަސައްކަތްތަކެއް ކޮށްގެންނެވެ.
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއް ކަމަކީ ބައިވެރިޔާއަކީ ތިމާ ބޭނުންވާ ގޮތަށް ކަންކަންކުރާ މީހަކަށްވުމެވެ. ބައިވެރިޔާގެ ކަންކަމަކީ ހަމައެކަނި އަމުރުކޮށްގެން ނުވަތަ ރުޅިވެރިކަން ދައްކައިގެން ބަދަލުކުރެވޭނެ ކަންކަމެއް ނޫނެވެ. އެކަން ކުރަން ދެކަމެއް ބޭނުންވާނެއެވެ.
"ޢުމަރުގެފާނު ވިދާޅުވިއެވެ. ދުލުން ބުނުމަކާއި ނުލައި މީސްތަކުންނަށް އިސްލާމް ދީނަށް ދައުވަތުދޭށެވެ! އެކަން ކުރާނީ ކިހިނަކުންތޯ ސުވާލު ދެންނެވުމުން ވިދާޅުވިއެވެ. ތިއަބައިމީހުންގެ އަޚްލާޤުންނެވެ."
މީސްތަކުންނޭވެ! ޢުމަރުގެފާނުގެ މި ބަސްފުޅާއިމެދު ކުޑަކޮށް ނަމަވެސް ވިސްނައިލަމު ހެއްޔެވެ؟ މިއީ ވަރަށް ޙިކުމަތްތެރި ބަސްފުޅެކެވެ. ވަރަށް މާނަފުން ބަސްފުޅެކެވެ.
މިބަސްފުޅުގެ މާނައަކީ ހަމައެކަނި އެހެން ދީންތަކުގެ މީހުންނަށް ރިވެތި އަޚްލާޤް ދެއްކުމެއް ވެސް ނޫނެވެ. މުސްލިމުން މުސްލިމުންނަށްވެސް ދައްކަން ޖެހޭނީ ރިވެތި އަޚްލާޤެވެ. ދެމަފިރިން އެކަކު އަނެކަކަށްވެސް ދައްކަން ޖެހޭނީ ރިވެތި އަޚްލާޤެވެ. މައިންބަފައިން ދަރިންނަށްވެސް ދައްކަން ޖެހޭނީ ރިވެތި އަޚްލާޤެވެ. އަދި އެކުވެރިން އެކުވެރިންނަށްވެސް ދައްކަން ޖެހޭނީ ރިވެތި އަޚްލާޤެވެ.
ރިވެތި އަޚްލާޤަކީ ތިމާ އެދޭ ގޮތަށް އަނެކާ ބަދަލުކޮށްލުމުގެ ތަޅުދަނޑިއެވެ. އެންމެ ބޮޑުބާރެވެ! ބައިވެރިޔާ ތިމާ ބޭނުންވާ ގޮތަށް ބަދަލުކުރަން ދެކަމެއް ބޭނުންވާނެ ކަމަށް ބުނީމެއް ނޫން ހެއްޔެވެ؟ އެއީ ރިވެތި އަޚްލާޤްގެ އިތުރުން ކެތްތެރިކަމެވެ. މި ދެކަންތަކުގައި ސާބިތުވެއްޖެ ނަމަ ބައިވެރިޔާގެ ކަންކަން ތިމާއެދޭގޮތަށް ބަދަލުކުރެވޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން