އަނިޔާވެރިވުމަކީ ހަމައެކަނި ތަދުވާނެ ކަމެއް ކުރުން، ލޭ އޮހޮރުވުން ފަދަ ކަމެއް ކުރުން ކަމަށް މާނަކޮށްގެން ނުފުދޭނެއެވެ! އެއީ މާގިނަ މާނަތައް ހިމެނޭ ބަހެކެވެ. ވީމާ އަނިޔާވެރިކަމުގެ ވާހަކަ ދެއްކުމުން އެއީ ހަމައެކަނި ހަށިގަނޑުގައި ތަޅާ އަނިޔާކުރުންކަމަށް މާނަނުކުރާށެވެ!
ބޭއިންޞާފުން ކަންކަން ކުރުމަކީވެސް އަނިޔާވެރިވުމެވެ. އަދި ހިތުގައި ޖައްސައި ރޮއްވުމާއި އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރުމަކީވެސް ހަމަ އަނިޔާވެރިވުމެވެ. އަދި ކީއްހެއްޔެވެ؟ ދެމަފިރިން އެކަކު އަނެކަކަށް މަކަރުހަދައި އޮޅުވާލުމަކީވެސް ހަމަ އަނިޔާވެރިވުމެވެ.
އަނިޔާވެރިންނަށް ޤިޔާމަތް ދުވަހުގައި އޮތީ ކަޅުއަނދިރިކަމެވެ.
Islam does not allow us to bully or oppress anyone. In a hadith we read that our beloved Prophet Muhammad (SAW) said:
“Beware of committing oppression, for oppression will be darkness on the Day of Resurrection. Beware of greed, for greed destroyed those before you. It caused them to shed blood and to make lawful what is unlawful.” (Hadith, Muslim)
ވީމާ ވިސްނައިލާށެވެ. މި ޙަދީޘްފުޅުން އެނގިގެން މިދަނީ އަނިޔާވެރިންނަށް ޤިޔާމަތް ދުވަހު ވަނީ ކަނު އަނދިރިކަން ކަމުގައެވެ. ދަހިވެތިވުމަކީ ކުރީގެ އުންމަތްތައް ހަލާކުވެގެން ދިއަ ސަބަބެއްކަމެވެ. އެކަމުގެ ސަބަބުން ލޭއޮހޮރުވުންތައް ހިނގިކަމެވެ. ޙަރާމްކަންކަން ޙަލާލްކުރަން މަސައްކަތްކުރެވުނުކަމެވެ.
ބައެއްގެ މެދުގައި އަނިޔާވެރިކަމާއި ދަހިވެތިކަން އުފެދިއްޖެނަމަ މިހުރިހާ މުޞީބާތްތައް ކުރިމަތިވާނެއެވެ. އެބައެއްގެ ތެރެއިން ޢަދުލު އިންޞާފު ގެއްލިގެންދާނެއެވެ. ލޯތްބާއި ކުލުނާއި އޯގާތެރިކަން ގެއްލިގެންދާނެއެވެ. ދިރިއުޅުމަކީ މުޞީބާތަކަށްވެގެންދާނެއެވެ. ވީމާ އަނިޔާވެރިވުމާއި ދަހިވެތިކަން އިޚްތިޔާރުނުކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން