ބަނީ އިސްރާއީލުން ހިފައި ހައްޔަރުކޮށް އަނިޔާވެރިވި ނަބީބޭކަލުންގެތެރެއިން އަރްމިޔާގެފާނުގެ ވާހަކަ-

ކިޔުމަށް ހޭދަވާނީ 9މ 13ސ
ބަނީ އިސްރާއީލުން ހިފައި ހައްޔަރުކޮށް އަނިޔާވެރިވި ނަބީބޭކަލުންގެތެރެއިން އަރްމިޔާގެފާނުގެ ވާހަކަ-

ޢަލީ އިޙްޞާން ފިރާޤް

 

أَرْمِيَا عَلَيْهِ السَّلامُ

 

أَرْمِيَا عَلَيْهِ السَّلامُ އަކީ ބަނީއިސްރާއީލުންގެ ތެރެއަށް ފޮނުއްވުނު ނަބީބޭކަލެއްކަމުގައި އެއްޢިލްމުވެރިވެރިއަކަށް ވުރެ ގިނަ ޢިލްމުވެރިން ލިޔުއްވައިފައިވެއެވެ. އިބްނު ކަޘީރުގެ އަލްބިދާޔަތު ވައްނިހާޔަތުގައިވެސް އެކަލޭގެފާނުގެ ވާހަކަ ގެންނަވައިފައިވެއެވެ. ނަމަވެސް ارميا عليه السّلام އަކީ ނަބީބޭކަލެއްކަން ނުވަތަ ނޫންކަމަށް ދަލީލު ލިބޭ އެއްވެސް ޤުރްއާނުގެ އާޔަތެއް ނުވަތަ ޞައްޙަ ޙަދީޘެއްނެތެވެ. އިސްލާމީ ތާރީޚު ލިޔުއްވި ބޭކަލުން އެބޭކަލުންގެ ފޮތްފޮތުގައި ارميا عليه السّلام ގެ ވާހަކަ ބަޔާން ކުރައްވައިފައިވެއެވެ.   

الحافظ ابن عساكر رحمه الله އޭނާގެ ތާރީޚު ފޮތްކަމުގައިވާ تاريخ دمشق ގައި ލިޔުއްވައިފައިވެއެވެ. ارميا عليه السّلام އަކީ ބަނީއިސްރާއީލުންގެ ގާތަށް ފޮނުއްވުނު ނަބީބޭކަލެކެވެ. އެކަލޭގެފާނަކީ ޔަޢުޤޫބުގެފާނުގެ ލާވީއޭ ކިޔުނު ދަރިކަލުންގެ ދަރިކޮޅުން ވަޑައިގެންނެވި ނަބީބޭކަލެކެވެ. ފުރިހަމަ ނަންފުޅަކީ أَرْمِيَا بْنُ حَلْقِيَا އެވެ. 

ابن كثير رحمه الله އޭނާގެ އަލްބިދާޔަތު ވައްނިހާޔަތު އޭ ކިޔުނު ތާރީޚު ފޮތުގައި ލިޔުއްވައިފައިވެއެވެ. ضَّحَّاكُ، އިބްނުޢައްބާސްގެފާނުގެ އަރިހުން ރިވާ ކުރައްވައިފައިވާ ގޮތުގައި ارميا عليه السّلام އަކީ الْخَضِرُ ގެފާނެވެ. ނަމަވެސް މިއީ ޞައްޙަ ބަހެއްނޫނެވެ. 

ތާރީޚު ޢިލްމުވެރިން ލިޔުއްވައިފައިވެއެވެ. ބަނީއިސްރާއީލުންގެ މީސްތަކުންގެ ތެރޭގައި ފާފަކުރުން ޢާންމުވެ، އެބައިމީހުންގެ ގާތަށް ފޮނުއްވޭ ނަބީބޭކަލުން ޤަތުލުކުރާން ފެށުމުން ارميا عليه السّلام އަށް މާތްﷲ ވަޙީ ކުރައްވައި އެންގެވިއެވެ. 

[އެބައިމީހުންގެ ގާތަށް ވަޑައިގެން އެބައިމީހުންނަށް ނަސޭހަތް ދެއްވާށެވެ. އެބައިމީހުންނަށް މާތްﷲ ދެއްވި ނިޢުމަތްތައް ހަނދުމަކޮށްދެއްވާށެވެ. އެބައިމީހުން ކުރަމުން ގެންދާ ފާފަތަކުގެ ވާހަކަ ބަޔާންކޮށްދެއްވާށެވެ. މާތް ގެ ޢަޛާބުގެ ވާހަކައިން އެބައިމީހުންނަށް އިންޒާރު ދެއްވާށެވެ.] ދެންފަހެ، ارميا عليه السّلام އެބައިމީހުންގެ ގާތަށް ވަޑައިގެން މިވާހަކަތައް ދައްކަވާ ނަސޭހަތް ދެއްވުމުން އެބައިމީހުން އެކަލޭގެފާނު ދޮގުކޮށްފިއެވެ. އެބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. 

[ޒާތްޒާތުގެ ވާހަކައެއް ދައްކަވާނެކަމެއްނެތެވެ. ތިޔައީ ހުސްދޮގެވެ. މާތްއަށް ނިސްބަތްކުރައްވައިގެން އިތުރުފުޅު ހައްދަވައިގެން ވާހަކަފުޅު ދައްކަވަނީއެވެ.[ 

އަދި މިނޫންވެސް އެތައް ޒުވާބަކާއި ޖަދަލެއްކޮށް އެވަރުން ނުވެގެން އެކަލޭގެފާނު ބަނދެ ހައްޔަރުކޮށްފައި ބަހައްޓައިފިއެވެ. ދެން އަރަހުށި މާތް އެބައިމީހުންގެ މައްޗަށް بُخْتُ نَصَّر ފާކުރައްވައިފިއެވެ. އޭނާ އޭނާގެ ސިފައިންނާއެކު އައިސް އެރަށް ޙިޞާރުކޮށްފިއެވެ. ޙިޞާރު ދިގުލައިގެން ދާންފެށުމުން އެބައިމީހުންނަށް ދަތިބޮޑުވެގެން بُخْتُ نَصَّر ގެ ޝަރުތުތައް ޤަބޫލުކޮށް އެރަށުގެ ދޮރާށި ހުޅުވައިލައިފިއެވެ. އެއާއެކު އޭނާގެ ސިފައިން ދެމިގަތް ސާލެއްގެ ބީދައިން އެރަށައް ވަދެގެންފިއެވެ. 

بُخْتُ نَصَّر އާއި އޭނާގެ ސިފައިން އެރަށުގެ މީސްތަކުންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކު ޤަތުލުކޮށް، ތިންބައިކުޅަ އެއްބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރުކުރިއެވެ. ދެން ބާކީތިބީ ބަލިހާލެއްނެތިފައިތިބި މީހުންނާއި މުސްކުޅިންނާއި އަންހެނުންނެވެ. އޭނާ އެބައިމީހުންނަށް އެތައް އަނިޔާއެއްދީ އެބައިމީހުންގެ ހަށިތަކުގެ މަތީގައި އަސްދުއްވާ ހެދިއެވެ. ބައިތުލްމަޤުދިސް ހަލާކުކޮށްލިއެވެ. ޅަފިރިހެން ކުދީން އަސީރުންގެ ގޮތުގައި ހައްޔަރުކުރިއެވެ. އަންހެނުންގެ އިސްތަށިގަނޑު ކަޝްފުކޮށްފައި ބާޒާރުމަތީގައި ސަފުސަފަށް ބޭތިއްބުވިއެވެ. ހަނގުރާމަ ކުރެވޭ އުމުރަށް އަޅައިފައިވާ ފިރިހެނުން ޤަތުލުކުރިއެވެ. އަޅުކަން ކުރާ އެންމެހައި ތަންތަން ހަލާކުކޮށްލިއެވެ. ތައުރާތު އަންދާލިއެވެ. 

بُخْتُ نَصَّر އެކުރި ކަމެއް ކުރުމަށްފަހު އޭނާ އަށް ޚަބަރު ލިބުނެވެ. އެބައިމީހުންގެ ތެރޭގައި ފިރިހެނަކު ވެއެވެ. އެފިރިހެންމީހާ ވަނީ އެބައިމީހުންނަށް އެ ޖެހުނު މުޞީބާތުގެ ކަންތައް ޖެހޭނެކަން މާކުރިން އެބައިމީހުންނަށް ޚަބަރު ދީފައެވެ. އެފިރިހެންމީހާ ވަނީ بُخْتُ نَصَّر ސިފަތަކާއި އޭނާ އެބައިމީހުންނަށް ކުޅަ އަނިޔާތަކުގެ ފުރިހަމަ ތަފްޞީލު އެރަށުގެ މީސްތަކުންނަށް ކިޔައިދީފައެވެ. ނަމަވެސް އެރަށުގެ މީސްތަކުން އެފިރިހެން މީހާގެ ބަސް ޤަބޫލެއްނުކުރިއެވެ. އޭނާގެ ބަސް ދޮގުކުރިއެވެ. އޭނާއަށް އަނިޔާކޮށް ހިފާ ހައްޔަރުކުރިއެވެ. އެފިރިހެން މީހަކީ ارميا عليه السّلام އެވެ.  ދެން بُخْتُ نَصَّر އޭނާގެ ގާތަށް ارميا عليه السّلام ގެންނެވުމަށް އެންގިއެވެ.  ارميا عليه السّلام ވަޑައިގެންނެވުމުން بُخْتُ نَصَّر ބުންޏެވެ. 

بُخْتُ نَصَّر: [އެބައިމީހުންނަށް އެޖެހުނު ކަންތަކާމެދު ކަލޭގެފާނު އެބައިމީހުންނަށް އިންޒާރު ކުރެއްވިން ހެއްޔެވެ؟]

ارميا عليه السّلام: [އާނއެކެވެ. އިންޒާރު ކުރެއްވީމެވެ.]

بُخْتُ نَصَّر: [ތިޔަކަން އަހަރެންވެސް ދެނެހުރީމެވެ.]

ارميا عليه السّلام: [މާތް، ތިމަންކަލޭގެފާނު (ނަބީކަމާއިގެން) ފޮނުއްވީ އެބައިމީހުންގެ ގާތަށެވެ. ނަމަވެސް އެބައިމީން ތިމަންކަލޭގެފާނު ދޮގުކުރިއެވެ.]

بُخْتُ نَصَّر: [އެބައިމީހުން ކަލޭގެފާނު ދޮގުކޮށް، އަދި އެވަރުން ނުވެގެން ތަޅައި ޖަލަށްލާ ހެދި ހެއްޔެވެ؟]

ارميا عليه السّلام: [އާނއެކެވެ. އެބައިމީހުން އެގޮތަށް ކަންތައް ކުރިއެވެ.]

بُخْتُ نَصَّر: [އެއީ ހާދަ ނުބައި ބަޔެކެވެ. އެބައިމީހުން އެބައިމީހުންގެ ނަބިއްޔާ ދޮގުކޮށްފިއެވެ. އެބައިމީހުންގެ ވެރިރަސްކަލާނގެ ރިސާލަތު ދޮގުކޮށްފިއެވެ. ކަލޭގެފާނު އަޅުގަނޑާއެކު ވަޑައިގަންނަވާށެވެ. ކަލޭގެފާނަށް ހެޔޮކޮށް ހިއްތަވާނަމެވެ. ކަލޭގެފާނު ބޭނުންފުޅުވަނީ ރަށުގައި ހުންނެވުންކަމުގައިވާނަމަ ކަލޭގެފާނަށް އަހަރެން ޙިމާޔަތްދީ ރައްކާތެރިކަން ދޭނަމެވެ.] 

ارميا عليه السّلام: [ތިމަންކަލޭގެފާނުގެ މުޅިއުމުރުގައި މިހުންނެވީ މާތްﷲ ގެ ޙިމާޔަތާއި ރައްކައުތެރިކަމުގެ ދަށުގައެވެ. އެކަލާނގެ ރައްކައުތެރިކަމާއި ޙިމާޔަތުގެ ދަށުގައި މެނުވީ އެންމެ ހިނދުކޮށްޅެއްވެސް ތިމަންކަލޭގެފާނު ވޭތު ނުކުރައްވަމުއެވެ. ބަނީއިސްރާއީލުބާގައިގެ މީސްތަކުން މާތްﷲ ގެ ރައްކައުތެރިކަމަށް ފުރަގަސް ނުދިންނަމަ، ތިޔަބައިމީހުންނަށްވެސް އަދި އެހެން ބަޔަކަށްވެސް އެބައިމީހުންނަށް ބިރެ ނުދެއްކޭނެއެވެ. ތިޔަބައިމީހުންނަށްވެސް އަދި އެހެން ބަޔަކަށްވެސް އެބައިމީހުންގެ މައްޗަށް ވެރިވެގަނެ ބާރެއް ނުހިންގޭނެއެވެ.] 

ارميا عليه السّلام ގެ ވާހަކަފުޅުތައް އަޑު އަހައިފައި بُخْتُ نَصَّر އެއްޗެއް ނުބުނެ އެކަލޭގެފާނު އެތަނަށް ދޫކޮށްފައި ހިނގައްޖެއެވެ. ارميا عليه السّلام، إِيلِيَاء ނުވަތަ بيت المقدس ގައި މަޑު ކުރެއްވީއެވެ. 

މިދެންނެވީ ތާރީޚުގައި ވާރިދުވެގެން އައިސްފައިވާ ވާހަކައެކެވެ. ކިހާ ޞައްޙަ ވާހަކައެއް ކަމެއް ނޭނގެއެވެ. ނަމަވެސް ވާހަކައަކީ ޢިބްރަތްތެރި ވާހަކައެކެވެ. މިވާހަކަ تاريخ الطبري އާއި تاريخ دمشق އާއި البداية والنهاية ގައި ރިވާވެގެންވެއެވެ.

الحافظ ابن عساكر رحمه الله ވިދާޅުވެފައިވާކަމަށް ابن كثير رحمه الله އޭނާގެ އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. ބައެއް ފަތްފުއްތަކުގައި ވާރިދުވެގެން އައިސްފައިވެއެވެ. ބަނީއިސްރާއީލުންގެ މީސްތަކުން ޔަޙްޔާގެފާނު ޝަހީދުކޮށް އެކަލޭގެފާނުގެ ލޭފޮދު އޮހޮރުވައިލުމުން ارميا عليه السّلام ވަޑައިގެން އެ ލެޔާ މުޚާތަބު ކުރައްވާ ވިދާޅުވިއެވެ. [އޭ ލެޔާއެވެ. ތިބާ މީސްތަކުން އިމްތިޙާނު ކުރައްވައިފީމުއެވެ. ދެން ތިބާ އޮހޮރުން ހުއްޓޭށެވެ.] އެކަލޭގެފާނު އެހެން ވިދާޅުވުމުން ލޭއޮހޮރުން ހުއްޓިއްޖެއެވެ. 

މިއީ އެއްވެސް ދަލީލެއްގެ މައްޗަށް ބިނާވެގެންވާ ވާހަކައެއްނޫނެވެ. ނަމަވެސް ބަނީއިސްރާއީލުން ނަބީބޭކަލުން ޤަތުލުކުރި ވާހަކައަކީ ޤުރްއާނުގެ ނައްޞުން ސާބިތުވާ ކަމެކެވެ. ابن كثير رحمه الله އޭނާގެ އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. އެއްފަހަރަކު ارميا عليه السّلام، މާތްﷲ ގެ ޙަޟުރަތުގައި ދެންނެވިއެވެ. 

[ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. އިބަރަސްކަލާނގެ އަޅުތަކުންގެ ތެރެއިން އިބަރަސްކަލާނގެ އެންމެ ލޯބިވެވޮޑިގެންވާ އަޅަކީ ކޮބައިތޯއެވެ؟] 

މާތްﷲ ވަޙީ ކުރައްވާ އެންގެވިއެވެ.

[ތިމަންރަސްކަލާނގެ މަޚުލޫޤުން މަތީން ހަނދާން ކުރުން އެއްކިބައިގައި ބާއްވައިފައި އެންމެ ބޮޑަށް ތިމަންރަސްކަލާނގެ ހަނދުމަ ކުރާ މީހާއެވެ. އަބަދަށް ދުނިޔޭގައި ދިރިއުޅެން ނޭދޭ މީހާއެވެ. ދުނިޔޭގެ މުއްސަނދިކަން އެބައިމީހުންނަށް ދެއްކިއްޖެނަމަ އެތަކެއްޗަށް ޝައުޤުވެރިނުވާ މީހާއެވެ. އަދި ދުނިޔޭގެ މުއްސަނދިކަމުން އެބައިމީހުން މަޙްރޫމްކުރައްވައިފިނަމަ އެކަމަށް އުފާކުރާ މީހާއެވެ. ތިމަންރަސްކަލާނގެ ލޯބި ލިބިފައިވާ މީހުންނަކީ އެއީއެވެ. ތިމަންރަސްކަލާނގެ އެބައިމީހުން އެދޭ މިންވަރަށް ވުރެ ބޮޑަށް އެބައިމީހުން ސަވާބާ ހެޔޮ ދަރުމަ ދެއްވާނަމެވެ.]

މިއަދު އޮންލައިން