ވަޒީފާއަދާކުރަން އޮފީހަކަށް ނުދެވޭތީ އެއްވެސް ކަނބަލަކު ކަންބޮޑުވުމެއް ނެތް! ގޭގަހުރެގެން ކުރާ މަސައްކަތަކީ އެންމެ ބުރަ މަސައްކަތް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ވަޒީފާއަދާކުރަން އޮފީހަކަށް ނުދެވޭތީ އެއްވެސް ކަނބަލަކު ކަންބޮޑުވުމެއް ނެތް! ގޭގަހުރެގެން ކުރާ މަސައްކަތަކީ އެންމެ ބުރަ މަސައްކަތް-!

"އަޅުގަނޑުގެ ތަޢުލީމީ ފެންވަރަށް ބަލައިފިނަމަ ފިރިމީހާއަށްވުރެ މައްޗެވެ. އެކަމަކު ފިރިމިހާ ބުނަނީ ވަޒީފާއަށް ނުގޮސް ދަރިންނާ ގޭގެ ކަންކަން ބަލަހައްޓަން ގޭގައި މަޑުކުރުމަށެވެ. އެކަން ޤަބޫލުކުރަންޖެހޭނެތޯ؟" މިއީވެސް ކުރެވޭ ސުވާލެކެވެ. މިސުވާލުގެ ޖަވާބަކަށް އެންމެން ރުހޭނެ ޖަވާބެއް ނުދެވިދާނެއެވެ. ނަމަވެސް މިބަޔާންކުރަނީ ކަން އޮތްގޮތެވެ. އިން ޝާ ﷲ 

ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު ކަންކަން ދިމާވާގޮތަކުން ކިޔަވައިގެން ތިބޭ އަންހެނުންނަށްވެސް ވަޒީފާއަދާކުރަން ނުދެވި ގޭގައި މަޑުކުރަންޖެހެއެވެ. ދަރިން ލިބުމުން ގޭގައި މަޑުކުރަންޖެހޭ އަންހެނުން ގިނަވެއެވެ.  

މިފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ބައެއް އަންހެނުން ވަރަށް ދެރަވެއެވެ. ގޭގައި މަޑުކުރަން ބޭނުމެއް ނުވެއެވެ. އެހެންވެ އެކަމަށް ވިސްނައިގެން ގޭތެރޭގައި ކުރަންޖެހޭ މަސައްކަތް ރަނގަޅަށް ނުކުރެވިވެސް ދެއެވެ.

ލޮބުވެތި ކަނބަލުންނޭވެ! ތިއަކަނބަލުންނަށް އޮފީހަކަށް ދެވެނީވެސް ﷲ ތަޢާލާ އެކަމަށް އިރާދަކުރެއްވެވުމުންނެވެ. ގޭގައި މަޑުކުރަންޖެހެނީވެސް ބަދިގޭގައި ހުރެ ކައްކަން ޖެހެނީވެސް ހަމަ ﷲ ތަޢާލާ އިރާދަކުރެއްވެވުމުންނެވެ. އަދި އަނބިންނަކީ ކޮންމެހެން އޮފީހެއްގައި ވަޒީފާއަދާކުރަންޖެހޭ ބައެއްވެސް ނޫނެވެ. ގޭގައި ހުރެގެން ކުރާ ގޭގެ މަސައްކަތަކީވެސް ހަމަ ވަޒީފާއެވެ. އެންމެ ބުރަ ވަޒީފާއަކީވެސް އެއީއެވެ.

ވީމާ ކޮންމެ ގޮތެއް މެދުވެރިވިނަމަވެސް މާޔޫސްނުވާށެވެ! މިއީ އެވަޤުތައް ﷲ ތަޢާލާ ތިމާއާއިމެދު ނިންމެވިނިންމެވުންކަން ޤަބޫލުކުރާށެވެ! އަދި އަންހެނުންނަށް އެންމެ މުހިންމު ވަޒީފާއަކީ ގޭތެރޭގެ ކަންކަން ބެލެހެއްޓުންކަމާއި ދަރިން ބަލައި ތަރުބިއްޔަތުކުރުންކަން ޤަބޫލުކުރާށެވެ.  

ޚާއްޞަކޮށް ފިރިމީހާ އަޅާލައި ގޭގެ ޚަރަދުތައް ބަލަހައްޓާނަމަ އެއްވެސް އަންތބަކު އިތުރަށް ކަންބޮޑުވެގެން ނުވާނެއެވެ. އޮތީ އުފާކުރުމެވެ. އެއީ ޢާއިލާއަށް ޚަރަދުނުކުރާ ފިރިން ގިނަވަމުން އަންނައިރު ޚަރަދުކޮށް އަޅައިލާ ފިރިއަކު ދެއްވެވިކަމަށްޓަކައެވެ.  

ބޭނުންނަމަ ގޭގައި ހުރެގެންވެސް އާމްދަނީ ހޯދަން މަސައްކަތްކުރެވިދާނެއެވެ. މިއަދު ގޭގައި ތިބެގެން ބޮޑެތި މަސައްކަތްތައްކޮށް، ބޮޑެތި ވިޔަފާރިކުރުމުގެ ފުރުޞަތުވެސް އެބައޮތެވެ. ޤާބިލްކަން ހުރެފައި ވަސީލަތް ހުރިނަމަ ގޭގައި ހުރެގެން އާމްދަނީ ހޯދަން މަސައްކަތްކުރެވިދާނެއެވެ. އެފަދަ ފުރުޞަތެއް އޮތްނަމަ އެފަދަ މަސައްކަތެއް ކުރާށެވެ. ނެތްނަމަ ކުރިން މިބުނި ފަދައިން ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކޮށް ގޭގައި އިންނާށެވެ.  

ﷲ ތަޢާލާ އަންގަވާފައިވަނީ ﷲ ތަޢާލާއަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައިވެސް ފިރިމީހާއަށް ކިޔަމަންތެރިވުމަށެވެ. ވީމާ އެކަމުން ލިބޭނެ ޙަޤީޤީ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން 

 

 

މިއަދު އޮންލައިން