ޢަލީ އިޙްޞާން ފިރާޤް
އަމީރުލް މުއުމިނީން ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހު ޝަހީދުވުމަށްފަހު، މުސްލިމުންގެ ޚަލީފާއަކަށް އިސްކުރެވުނީ އެކަލޭގެފާނުގެ ދަރިކަލުން ޙަސަންގެފާނެވެ. އެއަށްފަހު ޚަލީފާކަން ލިބިވަޑައިގަތީ އަމީރު މުޢާވިޔަތުގެފާނަށެވެ. މުޢާވިޔަތުގެފާނަކީ ޤުރައިޝުންގެ ސަރުދާރު އަބޫ ސުފްޔާނުގެ ދަރިކަލެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލެއްކަމުގައިވާ އުއްމުލް މުއުމިނީން އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާއަކީ މުޢާވިޔަތުގެފާނުގެ އެއްބައްޕާފުޅު ދައިތާފުޅެވެ.
މުޢާވިޔަތުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނު އެއްފަހަރަކު އުއްމުލް މުއުމިނީން ޢާއިޝަތުގެފާނަށް ލިޔުއްވި ސިޓީފުޅެއްގެ ވާހަކަ އިމާމު ތިރުމިޒީ ރިވާ ކުރައްވައިފައިވެއެވެ. މުޢާވިޔަތުގެފާނު އެކަލޭގެފާނުގެ ސިޓީފުޅުގައި ލިޔުއްވައިފައިވެއެވެ. [ތިމަންކަލޭގެފާނަށް ނަޞޭހަތެއް ލިޔުއްވައިފައި ފޮނުއްވައި ދެއްވާށެވެ. ނަމަވެސް އެހާ ދިގު ނުކުރައްވައްޗެވެ.]
ޢާއިޝަތުގެފާނު ލިޔުއްވިއެވެ.
[ކަލޭގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވި އަޑު ތިމަންކަމަނާ އެހީމެވެ. މީސްތަކުންގެ ނުހުރުމުގައިވެސް މާތްﷲ ގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާ މީހަކު ދަންނާށެވެ. މާތްﷲ އޭނާ މީސްތަކުންގެ ކިބައިން ރައްކާތެރި ކޮށްދެއްވާނެއެވެ. އަދި މާތްﷲ ރުހިވޮޑިނުގަންނަވާ ގޮތަށް އަމަލުކޮށް، މީސްތަކުންގެ ރުހުން ހޯދަން މަސައްކަތް ކުރާމީހަކު ދަންނާށެވެ. ފަހެ މާތްﷲ އޭނާ ކަންތައް އެމީސްތަކުންނާ ޙަވާލުކުރައްވާނެއެވެ.]
{جامع الترمذي،كتاب الزهد عن رسول الله صلى الله عليه وسلم،2414}
ޢާއިޝަތުގެފާނަކީ އެ ޒަމާނުގައި ތިއްބެވި ޢިލްމުވެރިންގެ ތެރެއިންވެސް އަރާ އިންނެވި ބޭކަނބަލެކެވެ. ޢިލްމުވެރިންނަށް އިޙްތިރާމު ކުރުމާއި، ކަންތައްތަކުގައި އެބޭފުޅުންގެ ލަފައާއި އިރުޝާދު ހޯދުމުގެ މުހިންމުކަން މިދެންނެވި ވާހަކައިން ދޭހަވެއެވެ. އިސްލާމީ ވެރިއެއްގައި ހުންނަން ޖެހޭނެ އެންމެ މުހިންމު އެއް ސިފައަކީ މީސްތަކުން ރުއްސުމުގެ ބަދަލުގައި މާތްﷲ ގެ ރުހިވޮޑިގަތުން ހާސިލުކުރުމެވެ. މާތްﷲ ގެ ރުހިވޮޑިގަތުން އެމީހަކަށް ލިބިއްޖެނަމަ، މީސްތަކުންގެ ފިތުނައާއި ދެކޮޅުވެރިކަމުން އެކަލާނގެ އެމީހަކު ރައްކާތެރިކޮށް ދެއްވާނެކަންވެސް މިދެންނެވުނު ޙަދީޘުން ދޭހަވެއެވެ.