ތަފާތު ސަބަބުތައް މެދުވެރިވެ މައިންބަފައިންގެ ފުށުން އަނިޔާ ލިބެމުންދާ ކުދިންނަށް މުފްތީ މެންކުގެ އިލްތިމާސެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ތަފާތު ސަބަބުތައް މެދުވެރިވެ މައިންބަފައިންގެ ފުށުން އަނިޔާ ލިބެމުންދާ ކުދިންނަށް މުފްތީ މެންކުގެ އިލްތިމާސެއް!

އެއްވެސް ކުއްޖަކު ދުނިޔެއަށް އުފަންވާނީ އެހެން ބައަކު އެކުއްޖާދެކެ ރުޅިއަންނަން ޖެހޭނެ ޙާލަތެއްގައެއް ނޫނެވެ. އެހެނީ އެކުއްޖާ އެއްވެސް ކުށެއް ކުރީއެއް ނޫނެވެ. ކުށެއް ކުރެވޭނީއެއްވެސް ނޫނެވެ. ކުށެއް ކަމަށް ތިއަ ބަލަނީ އެކުއްޖާ އުފަންވުން ކަމަށް ބަލައިފިނަމަ އެކަމުގައި ކުއްޖާ ކުރީ ކޮން ކުށެއް ހެއްޔެވެ؟  

ބުނަން ހެއްޔެވެ؟ އިންސާނުންނަށް ﷲ ތަޢާލާ ބައެއް ކަންކަމުގައި އެކި މިންވަރަށް އިޚްތިޔާރުތައް ދެއްވަވައެވެ. ނަމަވެސް މައިންބަފައިން ކަނޑައެޅުމާއި އުފަންވާނެ ވަޤުތާއި ތަން ކަނޑައެޅުން ފަދަ ކަންކަމުގައި އެއްވެސް މީހަކަށް އެއްވެސް އިކްތިޔާރެއް ނުދެއްވަވައެވެ. އެކަންކަން ކަނޑައަޅުއްވަވަނީ ﷲ ތަޢާލާއެވެ.  

މިއީ އެއްވެސް މުސްލިމަކަށް އޮޅިފައިވާނެ ކަންކަމެއް ނޫނެވެ. އެހެންކަމަށްވާއިރުވެސް ބައެއް ކުދިން އުފަންވުމުން އެހެން މީހުންނަށް އަޑުއިވޭވަރަށް ދުލުން ނުބުނި ނަމަވެސް ހިތުން ނުބައިބަސްތައް ބުނެ ކުއްޖާއަށް އިންޒާރުދޭ ބައަކުވެސް އުޅެއެވެ. "ނިކަންހުރެބަލާށެވެ! ނިކަމެތިކޮށްލާނަމެވެ! ނޯށުން ރޯން ޖައްސުވާނަމެވެ." ބުނާ ބައަކުވެސް އުޅެއެވެ.  

އަދި އެގޮތަށް އެކަންތައް ކުރަން މަސައްކަތްކުރާ ބައަކުވެސް އުޅެއެވެ. ނަތީޖާއެއްގެ ގޮތުން އެންމެ ކުޑައިރުންސުރެ ހިތާމައާއި ހިތްދަތިކަމުގައި ވަރަށް ނިކަމެތި ޙާލުގައި އުޅެންޖެހި، ބޮޑެތިވާ ކުދިންވެސް އުޅެއެވެ.  

ގިނައިން މިފަދަ ޙާލުގައި އުޅެންޖެހެނީ ކައިވެނީގެ ބޭރުން ލިބޭ ކުދިންނަށާއި ވަރިކުރުމަށްފަހު ބައްޕަ ޚަރަދުނުކުރާ ކުދިންނަށެވެ. އަނބިމީހާ ދެވަނަ ކައިވެނިކޮށް ދަރިން ލިބުމުން ދޮށީ ކުދިން ބެލުމަކީ ބުރައެއްކަމަށް ވިސްނޭތީއެވެ. އެފަދަ ކުދިންނަށް އެލިބޭ އަނިޔާގެ ޒިންމާ ނައްޕައިންނަށް އުފުލަން ނުޖެހިނުދާނެއެވެ.  

ތިބާއަކީ ބޮޑުވެ އަމއްލަ ދިރިއުޅުމެއް އަދިވެސް ނުފެށި، މިފަދަ ނިކަމެތި ޙާލެއްގައިވާ ކުއްޖަކުނަމަ ހިތްވަރުކުރާށެވެ! ކިތަންމެ ހިތްދަތިޙާލުގައި އުޅެންޖެހުނަސް އެއްވެސް މީހަކާއި އެއްވެސް ޝަކުވާއެއް ނުކުރާށެވެ! ހިތުގެ އުދާސްތައް ﷲ ތަޢާލާއަށް ދަންނަވަމުން ގެންދާށެވެ!  

ﷲ ތަޢާލާއަށް ދަންނަވަމުން ގެންދަން ޖެހެނީ ތިބާގެ ޙާލު ﷲ ތަޢާލާ ދެނެވޮޑިގެން ނުވާތީއެއް ނޫނެވެ. ތިމާއަށް އަމިއްލައަށް ނުކުރެވޭ (ކުރުމުގެ އިޚްތިޔާރު ދެއްވަވާފައިނުވާ) ކޮންމެ ކަމެއްގައިވެސް ގިނަގިނައިން ﷲ ތަޢާލާއަށް ދެންނެވުމަށް އެކަލާނގެ ލޯބިވެވޮޑިގެންވާތީއެވެ.  

އަދި ކީއްހެއްޔެވެ؟ ތިބާ ހަމައެކަނި ﷲ ތަޢާލާއަށް ދެންނެވުމުގައި ޘާބިތުވެ ހުރެއްޖެނަމަ ތިބާއަށް ދެދުނިޔޭގައިވެސް އުފާވެރިކަން ދެއްވަވާނެތެވެ. ހަމައެކަނި ކޮށްލަން ޖެހޭނެ ކަމަކީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެލުމެވެ. ވީމާ މިފަދަ ހިތްދަތިކަމުގައިވާ ހުރިހާކުދިންވެސް މާޔޫސްނުވެ އުފާކުރާށެވެ! ކުރިމަތިވެފައި ތިއަވަނީ ވަރުގަދަ އިމްތިޙާނެއްކަން ޔަޤީންކުރާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން