ﷲ ތަޢާލާ ކަންކަން އަހުރެމެންނަށް މިހައި ފަސޭހަކޮށް ދެއްވަވާފައިވުމުން އަދާކުރަންޖެހޭ ވާޖިބު އެބަ އަދާކުރަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ﷲ ތަޢާލާ ކަންކަން އަހުރެމެންނަށް މިހައި ފަސޭހަކޮށް ދެއްވަވާފައިވުމުން އަދާކުރަންޖެހޭ ވާޖިބު އެބަ އަދާކުރަމުތަ؟

އިންސާނާ ދިރިހުރުމަށްޓަކައި ކާނާއަށް ބޭނުންވެގެންވެއެވެ. އަހުރެމެންނަށް ބޭނުންވާ ކާނާ ލައްވަވާފައިވަނީ ބިމުގެ ވަރަށް ފުނުގައިނަމަ ކާނާ ހޯދަން ކޮންނަން ކުރަންޖެހޭނެ މަސައްކަތަށް ވިސްނާށެވެ. އަދި ﷲ ތަޢާލާ ކާނާ ލައްވަވާފައިވަނީ ބިމުގައިވާ ބޮޑެތި ހިލައިގެ މެދުގައިނަމަ ކާނާ ހޯދަން ހިލަ ފަޅަން ކުރަންޖެހޭނެ މަސައްކަތަށް ވިސްނާށެވެ. 

އެހެނަސް ﷲ ތަޢާލާ ކާނާ ލައްވަވާފައިވަނީ ވަރަށް ފަސޭހައިން ލިބިގަނެވޭނެ ގޮތަށެވެ. ހަމައެއާއިއެކު އަބަދު އެއްބާވަތެއް ކާންޖެހިއްޖެނަމަ ފޫހިވާނެތީ ކާނާގެ ތަފާތު ބާވަތްތައް ވަނީ ލައްވަވައިފައެވެ. ތަރުކާރީ އާއި މޭވާގެ ތަފާތު ބާވަތްތަކެވެ. އަދި އެއިން ކޮންމެ ބާވަތެއްގެ ވެސް ތަފާތު ބާވަތްތައް ވަނީ ލައްވަވައިފައެވެ. ހަމަ އަހުރެމެންނަށްޓަކައެވެ.  

އަހުރެމެންނަށްޓަކައި ކަންކަން މިހައި ފަސޭހަކޮށްދެއްވަވާފައި މިވަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެންމެ ސަބަބަކަށްޓަކައެވެ. ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމަށެވެ. ޝުކުރުވެރިވުމަށެވެ. ސުވާލަކީ އަހުރެމެންނަށް އެކަންކަން ކުރެވޭހެއްޔެވެ؟  

ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކަށް ޝުކުރުވެރިނުވެވޭނަމަ އަބަދުވެސް ދާނީ ކަންބޮޑުވެ ޝަކުވާކުރަންޖެހޭ ކަންކަން ގިނަވަމުންނެވެ. އެއީ ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރުމާއި ޝުކުރުވެރި ނުވުމުގެ ޖަޒާއެއްގެ ގޮތުންނެވެ. އެފަދަ މީހުންނަށް އަބަދުވެސް އޮންނާނީ ކޮންމެވެސް ކަމެއް ކުރިމަތިވެ ކޮންމެވެސް ޝަކުވާތަކެއް ކުރަން ޖެހިފައެވެ.  

ވީމާ ބުނެލަން ބޭނުންވަނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމާއި ޝުކުރުވެރިވުން ގިނަކުރާށެވެ. ޝުކުރުވެރިވާ އަޅުންނަށް ނިޢުމަތްތައް އިތުރުކުރައްވަވައި ދެއްވަވާނެކަމަށް އޮތް ވަޙީބަސްފުޅުގެ ފައިދާ ލިބިގަންނަން މަސައްކަތްކުރާށެވެ! ނިޢުމަތްތައް އިތުރުކޮށް ދެއްވަވާ އަޅުންގެ ތެރޭގައި ހިމެނުމަށް މަސައްކަތްކުރާށެވެ. ކަންބޮޑުވުންތަކުން ސަލާމަތްވެވި އުފާވެރިކަމުގައި ދެމިހުރެވޭނީ އެއިރުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން