ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަމަށް ވިސްނައިގެން ހުންނަ މީހާ ވިސްނައި ޢަމަލުކުރަންޖެހޭނެ ކަންކަމުގެ ތަރުތީބު އޮޅުވައިނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަމަށް ވިސްނައިގެން ހުންނަ މީހާ ވިސްނައި ޢަމަލުކުރަންޖެހޭނެ ކަންކަމުގެ ތަރުތީބު އޮޅުވައިނުލާށެވެ!

ދިރިއުޅެން ކުރާ ކަންކަމަށް ބެލިނަމަވެސް ބުއްދިވެރިން ކަންކަން ކުރާނީ ތަރުތީބަކުންނެވެ. އެކަންކަން ތަރުތީބުކުރާނީ އެންމެ މުހިންމު ކަންކަމަށް އިސްކަންދީގެންނެވެ. އަދި އެކަންކަމުގައި ފޭލްނުވުމަށް ގަދައަޅައި މަސައްކަތްވެސް ކުރާނެއެވެ.

އެންމެ ބޮޑު ބުއްދިވެރިއަކީ ތިމާގެ ޢަމަލުތައް ތަރުތީބުކުރާއިރު މަރަށް ތައްޔާރުވެގެން ހުންނަން އެންމެ ބޮޑަށް އިސްކަންދީގެން ދިރިއުޅެމުން އަންނަ މީހެކެވެ. އެހެނީ ދުނިޔޭގައި ހޭދަކުރަން ލިބޭ ވަޤުތުކޮޅަކީ ދާދި ކުޑަކުޑަ ވަޤުތުކޮޅެއްކަމާއި ދާއިމީ މަންޒިލަކީ މަރުވުމުން ފެށިގެންދާ ޙަޔާތްކަމަށްވާތީއެވެ. ވީމާ މަރުވުމުން ދެން ކުރިމަތިވާނެ ކަންކަމަށް ތައްޔާރުވެގެން ހުރުމަށްވުރެ މުހިންމު އެއްވެސް ކަމެއް ނެތެވެ.

މަރަށް ތައްޔާރުވުމަށް އެއްބައަކުކުރާކަމަކީ ސަންދޯއްޖަހާނެ ތަކެއްޗާއި އަގު ބޮޑު ހުވަނދުފަދަ ތަކެތި އެއްކުރުމެވެ. ނަމަވެސް އެއިން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

މަރުވުމުން ވަޅުލަން ސަންދޯކަކަށް ލުމެއްވެސް ނެތެވެ. ސަންދޯކަކީ ދާދިއަވަހަށް ފަނާވެގެންދާނެ އެއްޗެކެވެ. ތިމާލީ ސަންދޯކަކަށްކަން ނުވަތަ ނޫންކަންވެސް މައްޔިތާއަކަށް ނުއެނގޭނެއެވެ. ވީމާ ކިތަންމެ އަގުބޮޑު ސަންދޯކަކަށްްލިއްޔާ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟

މައްޔިތާގެ ގައިން ފައިދާހުރި މީރުވަހެއް ދުވާނީ މަރުހިއްޕަވަން ސުވަރުގޭގެ މަލާއިކަތުން ފައިބާ ވަޑައިގެންފިނަމައެވެ. އެބޭކަލުން ގެންނަވާ ސުވަރުގޭގެ ހުވަނދުން ހުވަނދުލައްވަވާނެ މީހަކަށް ވެވިއްޖެނަމައެވެ.

މިވަގުތުވެސް އަދި ކޮންމެ ވަގުތަކުވެސް މަރުވެދާނެ ކަމަށް ޤަބޫލުކުރުމަކީ ސަންދޯއް ޖަހާނެ ތަކެއްޗާއި ޖަނާޒާ ފުރިހަމަކުރާނެ ފައިސާ އެއްކޮށްގެން ހުރުމެއް ނޫނެވެ. އެކަންކަމަކީ ވިސްނަންވެސް ޖެހޭ ކަމެއް ނޫނެވެ. އެކަން ދިރިތިބި ބައެއްގެ އަތްމައްޗަށް ދޫކޮށްލާށެވެ! އެހެނީ މަރުވުމުން ވަޅުލި ނަމަވެސް ވަޅު ނުލި ނަމަވެސް އެމީހަކަށް އެއްވެސް ތަފާތެއް ނެތެވެ.

ތަފާތު އޮތީ ދުނިޔޭގައި ހުރިއިރު ކުޅަ އަމަލުތަކުގައެވެ. ހެޔޮ އަމަލުކޮށްފައިވާނަމަ ފުރާނަ ހިއްޕަވާ ވަގުތުން ފެށިގެން ދާނީ ﷲ ތަޢާލާގެ ރަޙްމަތްފުޅު އޮހެމުންނެވެ. ހެޔޮ އަމަލު ނުކުރެވި ހުރި ނަމަ ދާނީ ޢަޛާބް ލިބެމުންނެވެ. ވީމާ މަރަށް ތައްޔާރުވުމަކީ އަބަދުވެސް ތައުބާވެ ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރުމެވެ. ގިނަގިނައިން ތައުބާވަމުން ގެންދިއުމެވެ.

ގިނަ މީހުންނަކީ ކަމަކާއިމެދު ސުވާލެއް ކޮށްފިނަމަ ވަގުތުން ޖަވާބުދޭ ބައެކެވެ. އެމީހަކަށް ނުވެސް އެނގޭ ކަންކަން އެނގޭ ކަމަށް ހަދައިގެން ވެސް ޖަވާބުދެއެވެ. ކޮންމެވެސް ވާހަކަތަކެއް ހަދައިގެންވެސް ޖަވާބުދެއެވެ. އެހެންކަމާއިއެކުވެސް "ތިބާ ތިހިރީ މަރަށް ތައްޔާރުވެގެން ހެއްޔެވެ؟" މި ސުވާލު ކޮށްފިނަމަ ގިނަ ބައަކަށް އޮންނަނީ އެއްވެސް ޖަވާބެއް ނުދެވިފައެވެ. އިސްދަށަށް ޖަހަން ޖެހިފައެވެ.

މީސްތަކުންނޭވެ! ދުނިޔެއަށް އުފަންވުމަށްފަހު އެންމެ ގާތުގައިވަނީ މަރެވެ. ހަމަ މިރޭ މިވަގުތުވެސް މަރުވެދާނެއެވެ. ނޫން ނަމަ މާދަމާވެސް މަރުވެދާނެއެވެ. މިހެން ބުނުމުން ބައެއް މީހުންނަށް ހައިރާންކަމެއް ވެސް ލިބިދާނެއެވެ. އެއީ މިބުނަނީ މާދަމާ މަރުވެދާނެ ވާހަކަ ކަމަށް ހީކޮށެވެ!

އަހަރެން މިރޭވެސް މަރުވެދާނެއެވެ. މާދަމާވެސް މަރުވެދާނެއެވެ. މިބުނާ ބަހުގެ މާނައަކީ ނަޞީބުހުރި ނަމަ މަރުވުން ތަންކޮޅެއް ލަސްވެދާނެ ވާހަކައެވެ. ވީމާ ބުއްދިވެރިންނަކީ މަރުވުން ތަންކޮޅެއް ލަސް ނުވެދާނެ ކަމަށް ޤަބޫލުކުރާ މީހުންނެވެ. މިވަގުތުވެސް މަރުވެދާނެ ކަމަށް ޤަބޫލުކުރާ މީހުންނެވެ. މިވަގުތު މަރުވާން ޖެހުނު ނަމަވެސް އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ތިބޭ މީހުންނެވެ.

މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން