ބައިވެރިޔާދެކެ އަންނަ ރުޅީގަ ގިނަ ބައަކަށް ހެދޭ އެންމެ ބޮޑު ގޯސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ބައިވެރިޔާދެކެ އަންނަ ރުޅީގަ ގިނަ ބައަކަށް ހެދޭ އެންމެ ބޮޑު ގޯސް!

 

އަޅުގަނޑުގެ ވަރަށް އެކުވެރިއަކަށް ދިމާވި ގޮތަކީ ކައިވެނިކޮށް ދުވަސްކޮޅެއްވީތަނާ ފިރިމީހާ އިތުރު 2 އަންހެނަކާއި ގުޅުންބާއްވާކަން އެނގުނީއެވެ. އެކަން ފަޅާއެރުމުން އޭނާ އެއްބަސްވިއެވެ. އެކަމާއިހުރެ ފިރިމީހާ ދެކެ އައިރުޅީގައި މިހާރު އުޅެނީ ފިރިމީހާއަށްވުރެ ގޯސްމީހަކަށްވާށެވެ. ބުނަނީ އެއީ ބަދަލުހިފުމަށް ކަމަށެވެ. އެހެންވެ ބޭނުންވަނީ އެކުވެރިޔާއަށް ދޭނެ ހެޔޮ ނަޞީޙަތެކެވެ.

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ ޙާލަތުގައި އޮތީ ބައިވެރިޔާއަށްވުރެ ގޯސްވުމެއް ނޫނެވެ. ފިރިމީހާ އެކަންކަން ނުހުއްޓާނަމަ އޭނާއާއި ވަކިވެ ހެޔޮލަފާ މީހަކާއިގުޅެން މަސައްކަތްކުރުމެވެ. ސަބަބުތައް ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.

 

"ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން އިމްތިހާން ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު،، ކަލޭގެފާނު ދެއްވާށެވެ!" (ބަޤަރާ: 155)

ވީމާ އެމީހަކު އިމްތިޙާން ކުރެއްވެވުމަށްޓަކައި އެމީހަކަށް މަދުކުރައްވަވާނީ ކޮން ނިޢްމަތެއްކަން ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ކެތްތެރިވެއްޖެ ނަމަ އޮތީ އުފާވެރިކަމުގެ ޚަބަރެވެ!

ތިމާ އެންމެ އެދޭ ގޮތަށް ޙަޔާތުގެ ބައިވެރިޔާގެ ކަންކަން ބަދަލުނުވުމުން ލިބޭ މާޔޫސްކަމުގައި އާޚިރަތް ނަގައިލާ މީހުންވެސް އެބަ އުޅެއެވެ. އެއީ މީހަކަށް ކުރެވޭނެ އެންމެ މޮޔަ ކަންތަކެވެ. އަދި އެންމެ ގެއްލުންހުރި ކަންތައްވެސް މެއެވެ. ވީމާ ކިތަންމެ ގިނަ ބައަކު ވަސްވާސް ދިން ނަމަވެސް އާޚިރަތް ގެއްލޭނެ އެއްވެސް ކަމެއް ނުކުރާށެވެ! ކެތްތެރިވާށެވެ! އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ފެންނާނެއެވެ! އިން ޝާ ﷲ

މިބުނާ ބަސް ތިލަކޮށްލާނަމެވެ. ބައިވެރިޔާ ބޭވަފާތެރިވާތީ، އަނިޔާވެރިވާތީ، އަޅައިނުލާތީ ބައިވެރިޔާ އާއިމެދު މާޔޫސްވުމުން ހިލޭ މީހުންނާއި ގުޅުން ހިންގާނަމަ އެއީ އާޚިރަތް ނަގައިލެވުމެވެ. އެފަދަ ކަމެއް ކޮށްފިނަމަ ފާފަވެރިވާނީ ތިމާއެވެ. ނަރަކައަށް ވަންނަން ޖެހޭނީ ތިމާއަށެވެ.

މިޘާލަކަށް މިޒަމާނުގައި ފެށޭނީ ސޯޝަލް މީޑިއާގައި ބުނެވޭ ބަހަކުންނެވެ. ދެން ފޯނުކާލެކެވެ. ދެން ކޮފީއެކެވެ. ނިމޭނީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރެވިގެންނެވެ.

ވީމާ ބައިވެރިޔާ ކުރާ ނުބައި ކަންކަން ބައިވެރިޔާއަށް ދޫކޮށްލާށެވެ! އެކުގައި ދިރިއުޅުން ކުރިއަށް ގެންދެވެން ނެތްކަމަށް ޔަޤީންކުރެވިއްޖެނަމަ ރިވެތިގޮތުގައި ވަކިވާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ. އެމީހަކަށް މާރަނގަޅު ގޮތްތައް ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން