ދަރިންދެކެ ލޯބިވާކަމާ ލޯބިވާނެކަމުގެ ޔަޤީންކަން މައިންބަފައިންގެ ޢަމަލުތަކުން އެކުދިންނަށް ނުދީ ލޯބިވެރިންގެ މަޅީގަ ޖެހި އާޚިރަތް ގެއްލުވާލުން ނުހުއްޓުވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ދަރިންދެކެ ލޯބިވާކަމާ ލޯބިވާނެކަމުގެ ޔަޤީންކަން މައިންބަފައިންގެ ޢަމަލުތަކުން އެކުދިންނަށް ނުދީ ލޯބިވެރިންގެ މަޅީގަ ޖެހި އާޚިރަތް ގެއްލުވާލުން ނުހުއްޓުވޭނެ!

ﷲ ތަޢަލާއަށް ބިރުވެތިވާ ކޮންމެ މައަކުވެސް އަދި ބަފައަކުވެސް އެންމެ ބޮޑަށް ދެރަވާނެ އެއްކަމަކީ އެމީޙުންގެ ދަރިން ކައިވެނިނުކޮށް ތިބެގެން ޖިންސީ ގުޅުން ހިންގާނަމައެވެ. ކައިވެނިކޮށްގެން ފިރިމީހާއާއިއެކު ކުރުން ހުއްދަވާ ކަންކަން ކައިވެނިނުކޮށް ހުރެގެން ލޯބިވެރިޔާ އާއިއެކު ކުރާނަމައެވެ. 

އެޙާލަތުގައި މައިންބަފައިން ދަރިންދެކެ ރުޅި އައުދެއެވެ. ނަފްރަތުވެސް ކުރެއެވެ. ހަރުކަށިބަސްތައް ބުނެ ކުށްވެރިވެސް ކުރެއެވެ. ނަމަވެސް ދަރިން އެފަދަ ޢަމަލުކުރާކަން ގިނަފަހަރު މައިންބަފައިންނަށް އެނގެނީވެސް ލިބެންހުރި ދެރަ ލިބި ނިމޭފަހުންނެވެ.  

މިފަދަ ޙާލަތުގައި ދެން ކަންކަން ކުރަންވީ ގޮތް އޮޅުންފިލުވަން ގިނަ ބައަކު މަސައްކަތްކުރެއެވެ. އަހުރެންގެ ވިސްނުމުގައި މުހިންމީ ފުރަތަމަ ކުރަންޖެހޭ ކަންތައް ކުރުމެވެ. އެއީ އެފަދަ ޙާލަތަކަށް ދަރިން ދިއުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކެވެ.  

ވިސްނައިލާށެވެ! ކުރީ ޒަމާނުގައި ނުބައި ޢަމަލުތައް ކުރަން ހިތްވަރުދިނީ ޝައިޠޯނުންނެވެ. ލޮލަށް ނުފެނިތިބެގެންނެވެ. ނަމަވެސް މިއަދު އެކަން މިވަނީ ބަދަލުވެފައެވެ. ޝައިޠޯނުންގެ ލަޝްކަރުތަކުގައި ގިނަ ޢަދަދެއްގެ އިންސާނުން އެބަ ހިމެނެއެވެ. ވަސްވާސްދެނީ އެކުވެރިންނާއި ލޯބިވެރިންގެ ގޮތުގައި ގާތުގައި ތިބެގެންނެވެ.  

ޝައިޠޯނާ ވަސްވާސްދެނީ ހިތަށެވެ. އިންސާނުންގެ ތެރޭގައި ތިބޭ ޝައިޠޯނުން މަންޒަރުވެސް ދައްކައެވެ. ވީމާ މަޅީގައި ޖެހެން މާބޮޑުތަނުން ފަސޭހަވެގެންދެއެވެ. އެހެންވީމާ ކުރިއަށްވުރެ މާފަސޭހައިން މިހާރު ފާފަތައް ކުރެވޭނެއެވެ.  

ދެން އޮތީ ޙައްލަކާއިމެދު ވިސްނައިލުމެވެ. ފުރަތަމަކަމަކަށްވެސް ކުރަން އޮތް ކަމަކީ ދަރިންގެ ގާތުގައި އެކުދިން ދެކެ މައިންބަފައިން ވަރަށް ބޮޑަށް ލޯބިވާކަމަށްބުނެ ޢަމަލުން އެކަން ދަރިންނަށް ދެއްކުމެވެ. ހަށިގަނޑުގެ އަގު ދަރިންނަށް އަންގައިދިނުމެވެ. ހަށިގަނޑުގައި އެއްވެސް މީހަކަށް (ކައިވެންނާއި ނުލައި) އަތްލެވިގެން ނުވާނެކަން އަންގައިދިނުމެވެ. ކިތަންމެ ލޯބިވާ މީހާއަށްވެސް ރަތްކާޑޫ ދައްކަންޖެހޭނެ ހިސާބު އަންގައިދިނުމެވެ.  

ތަކުރާރުކޮށްލާނަމެވެ. ދަރިންދެކެ ލޯބިވާކަމާއި ލޯބިވާނެކަމުގެ ޔަޤީންކަން އެކުދިންނަށް ލިބޭނެ ވަރަށް އެކަން ޢަމަލުން ދައްކާށެވެ. ތަކުރާރު މިކުރީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ގިނަ ކުދިން މަގުފުރެދިގެންދަނީ ގޭތެރެއިން ލިބެންޖެހޭ ލޯބިން މަޙްރޫމްވެގެންތިބޭތީއެވެ. އެހެން މީހެއްގެ ކިބައިން ލޯތްބާއި އަޅައިލުން ލިބެން ފެށުމުން އޭނާ ރުހޭނެ ހުރިހާ ކަންކަން ކުރަނީއެވެ. މިކުރެވެނީ ކިހައިވަރެއްގެ ނުބައިކަމެއް ކަމަށް ގަންނަ ބިރަށްވުރެ އެކުދިން ޖެހިލުންވަނީ ލޯބިވެރިޔާ ގެއްލިދާނެތީއެވެ. އެހެންވެ ލޯބިވެރިޔާ ބުނީމާ ބުނާހައި ކަންކަން ކުރެވެނީއެވެ.  

ދަރިން ކުޑައިރުންސުރެ މިކަންކަމަށް ވިސްނައިގެން ތަރުބިއްޔަތުކުރެވިއްޖެނަމަ ބޮޑުވުމުން އެދަރިންގެ ޢަމަލުތަކުން ރަނގަޅު ސިފަތައް ފެންނާނެއެވެ. ލޯބިވެރިޔާ ބުނާހައި ކަމެއް ނުކުރާނެއެވެ. ފާތަކަށް އަރައެއް ނުގަންނާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން