އެސްއީޒެޑް ޤާނޫނަށް ގެނައި ބަދަލުތަކާއެކު، ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫޢަށް ހުއްދަދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
އެސްއީޒެޑް ޤާނޫނަށް ގެނައި ބަދަލުތަކާއެކު، ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫޢަށް ހުއްދަދީފި

އެސްއީޒެޑް (ސްޕެޝަލް އިކޮނޮމިކް ޒޯން) ޤާނޫނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ރާއްޖޭގައި ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ހުއްދަ ދީފިއެވެ.

މިކަން ހާމަކުރެއްވީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވީ، މިކަމުން ދެމެހެއްޓެނިވި ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޚާއްސަ ސިޔާސަތު ރަމްޒުކޮށްދޭ ކަމަށެވެ.

އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި މަޝްރޫޢުގެ ހުއްދަ ދީފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖޭގައި ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެއް ކަމަށް ސަރުކާރުން ބެލެއެވެ.

މި ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫޢުތަކުގެ ދަށުން، ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، ތަޢުލީމީ ޚިދުމަތްފޯރުކޮށްދޭ މަރުކަޒުތައް ތަރައްޤީކުރެވޭނެއެވެ. މީގެ އިތުރުން، ތަރައްގީކުރެވޭ ތަންތަނުގައި މަދުވެގެން %60 އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނެ ކަމަށް އިޤްތިޞާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. މިއީ ދެމެހެއްޓެނިވި ތަރައްޤީއަށް ސަރުކާރުން ދޭ އަހަންމިއްޔަތު އަންގައިދޭ ކަމެކެވެ.

ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 2028 ވަނަ އަހަރުގެ ކުރިން އޮޕަރޭޝަނަށް ގެނައުމުގެ ޝަރުޠުގައެވެ. މި ބޮޑު މަޝްރޫޢަށް ޖުމްލަ 790 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރާނެ ކަމަށް ވުޒާރާއިން ބުނެއެވެ. އެސްއީޒެޑް ޤާނޫނެއް ފުރަތަމަ ފަހަރަށް އެކުލަވާލާ ޢަމަލުކުރަން ފެށީ 2014 ވަނަ އަހަރުއެވެ. އެ ޤާނޫނަށް ގެނެވުނު ބަދަލުތަކާއެކު މިފަދަ ބޮޑެތި އިންވެސްޓްމެންޓްތަކަށް މަގުފަހިވެގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މިއަދު އޮންލައިން