މިއަހަރުގެ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ހަދިޔާ ދިނުމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތައް އިންތިޒާމުކޮށްފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިސްނަގައިގެނެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 9:30އިން ފެށިގެން 11:30އަށެވެ. އެޗްއާރުސީއެމްއިން ވަނީ މަރުކަޒަށް ބޭނުންތެރި އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އަވަނަކާއި، ފެން ސާފު ކުރާ ދެ މެޝިން ހަދިޔާކޮށްފައެވެ. މީގެ އިތުރުން މުނިފޫހިފިލުވުމަށް ކިޔޭނެ ބައެއް ފޮތްތައްވެސް ވަނީ ހަދިޔާކޮށްފައެވެ. އެންމެ ޚާއްސަ ގޮތެއްގައި، މަރުކަޒުގައި ފަރުވާ ހޯދާ ކޮންމެ މީހަކަށް ވަކިން ހަދިޔާއެއް ދިނުމުގެ ކަންތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ހަދިޔާ ދިނުމުގެ އިތުރުން، އެޗްއާރުސީއެމްއިން ވަނީ މަރުކަޒުގެ ބައިވެރިންނަށް ޚާއްޞަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއްވެސް ހިންގާފައެވެ. މިގޮތުން، ބޮޑުބެރު ޝޯވއަކާއި، ޓެލެންޓް ޝޯވއެއްގެ އިތުރުން ކުރެހުމުގެ ފުރުޞަތުތައްވެސް ވަނީ ފަހިކޮށްދީފައެވެ. މި ހަރަކާތްތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ޢާއިލާގެ ބައެއް މެންބަރުންވެސް ބައިވެރިވެފައިވެއެވެ. އިންސާނީ ޙައްޤުތަކުގެ ދުވަސް ކޮންމެ އަހަރެއްގައިވެސް ފާހަގަކުރަމުން ދަނީ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
ގުރައިދޫ މަރުކަޒުގައި ބޭއްވި މި ހަރަކާތުގެ އިތުރުން އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެޗްއާރުސީއެމްއިން ވިދާޅުވާ ގޮތުގައި، ގުރައިދޫގައި ބާއްވާ މި ހަވީރުގައި ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުން ބައިވެރިވާނެއެވެ. އަދި މި ހަރަކާތްތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކަށް މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަން އެ ކޮމިޝަނުން ފާހަގަކުރައްވައެވެ.