ރާއްޖޭގެ ޖައްވުގެ ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު (ވިސިބިލިޓީ) ދަށަށް ގޮސްފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓު އޮފީސް) އިން ވިދާޅުވެއްޖެއެވެ. ވައި ނުސާފުވެފައިވަނީ އިރުވައި މޫސުން ގާތްވަމުންދާއިރު، ރާއްޖެއާއި ކައިރި ސަރަޙައްދުތަކުގެ ވައިގެ ދައުރުވުމަށް އަންނަމުންދާ ބަދަލެއްގެ ސަބަބުން ކަމަށް އެ އިދާރާއިން ހާމަކުރައްވައެވެ.
މެޓު އޮފީހުން ބަޔާންކުރެއްވި ގޮތުގައި، ވައިގެ މިސްރާބަށް އަންނަ ބަދަލުގެ ސަބަބުން އިންޑިއަން ސަބް ކޮންޓިނެންޓުގެ މަތީގައި އުފެދިފައިވާ ދުން (ހޭޒް) ރާއްޖެ ސަރަޙައްދަށް ދަތުރުކުރެއެވެ. ވައިގެ ތެރޭގައި މި ޒައްރާތައް ގިނަވުމަކީ ދުރު ފެނުމުގެ މިންވަރު ދަށްކޮށްލާ ކަމެކެވެ.
މިވަގުތު ރާއްޖޭގެ ޖައްވުގައި ދުރު ފެންނަ މިންވަރު ހުރީ 7000 މީޓަރުގައެވެ. މެޓު އޮފީހުން ފާހަގަކުރައްވާ ގޮތުގައި، މިކަން މިހެން ދިމާވާ ބައެއް އަހަރުތަކުގައި ވިސިބިލިޓީ 5000 މީޓަރަށް އަދި ބައެއް ފަހަރު 4000 މީޓަރަށްވެސް ދަށަށް ގޮސްފައި އެބަހުއްޓެވެ. އެހެންކަމުން މިހާރުގެ ޙާލަތަކީ ކުރިންވެސް ދިމާވެފައިވާ ކަމެކެވެ.
މި ބަދަލުގެ އަސަރު މިވަގުތު އެންމެ ބޮޑަށް ފެންނަނީ ހުޅުލެއާއި އުތުރުން ހަނިމާދޫގެ ރެކޯޑްތަކުންނެވެ. މި ދެ ސަރަޙައްދުގައިވެސް ދުރު ފެންނަ މިންވަރު ދަށަށް ގޮސްފައިވީ ނަމަވެސް، މެޓު އޮފީހުން ވިދާޅުވަނީ މިހާރުގެ ޙާލަތު ވަރަށް ބޮޑަށް ގޯސް ނޫން ކަމަށެވެ. ވައިގެ ދައުރުވުމަށް އަންނަ ބަދަލާއެކު މި ޙާލަތު ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.