ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް މާދަމާ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް މާދަމާ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވަނީ

ދިވެހިރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން ޑިސެންބަރު 11 ވާ ބުރާސްފަތި ދުވަހު (މާދަމާ) އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސް ކުރިޔަށްދާނީ ހެނދުނު 8:30 އިން ފެށިގެން ހަވީރު 17:00އަށް ކަމަށް އިންތިޒާމުކުރާ ފަރާތުން ހާމަކުރެއެވެ. މި އަހަރުގެ ކޮންފަރެންސް ބާއްވަނީ ޙައްޖާއި ޢުމްރާގެ ޚިދުމަތްތަކާ ގުޅޭ މައުރަޒަކާވެސް އެކުގައެވެ.

މި މައުރަޒުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކާއި، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ބައިވެރިވާނެއެވެ. މި ކުންފުނިތަކުންދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ޢާއްމުންނާ ޙިއްސާކޮށް އިސްތިހާރުކުރުމަށް ސްޓޯލުތައް ބެހެއްޓިފައި ހުންނާނެއެވެ. މިކަމުގެ މައިގަނޑު ބޭނުމަކީ، ޙައްޖާއި ޢުމްރާގެ ޚިދުމަތަކީ ނުހަނު މާތް އަޅުކަމަކާ ގުޅުން ހުރި ޚިދުމަތަކަށްވާތީ، ރައްޔިތުންނަށް ބޭނުންވާ ސާފު މަޢުލޫމާތު ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލުމެވެ. ސްޓޯލު ޙަރަކާތްތައް ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 ގެ ނިޔަލަށް އަދި ހުކުރުދުވަހު ހަވީރު 4:00 އިން ރޭގަނޑު 7:00 އާ ހަމައަށް ކުރިއަށް ގެންދެވޭނެއެވެ.

މި ކޮންފަރެންސުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ސަޢޫދީޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ ދީނީ ގޮތްޕެއް ކަމަށްވާ އައްޞަފްވާ ފައުންޑޭޝަނުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބޭފުޅުންގެ ފަރާތުންވެސް ޙައްޖު ޢުމްރާ ކޮންފަރެންސްގައި ޚާއްސަ ސެޝަންތައް ނަންގަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސުގެ ތެރެއިން، ޙައްޖާއި ޢުމްރާގެ ޚިދުމަތާގުޅުންހުރި އިދާރީ އިންތިޒާމްތައް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރާނެ ގޮތާއި، އެކަމާ ގުޅުންހުރި ދީނީ މުހިއްމު މަޢުލޫމާތުތައް ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް ލިބިގެންދާނެއެވެ. މި ސެޝަންތައް ނަންގަވައިދެއްވާނީ ޙައްޖާއި ޢުމްރާގެ ޚިދުމަތާ ގުޅުންހުރި އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅުންނާއި، ފުންނާބު އުސް ޢިލްމުވެރިންނެވެ. މިއީ ޙައްޖު ޢުމްރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަ ގޮތްތައް ހޯދައިދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން