ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފައިވާ ކަންނެލީގެ ފައިސާ ނުލިބި ލަސްވުމުގެ ދިގުލާދާ މައްސަލައާއި، މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދަށްކުރާ މައްސަލަ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މި މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން އިސްނަގައި، މަސްވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ސަރުކާރުގެ ދައުރު ފުޅާކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށްޓަކައި، ބޮޑުކަންނެލި މަސްވެރިން ވަނީ ސަރުކާރުން މިކަމަށް އިންޓަވީންކޮށް، ކަންނެލި މަހުގެ ވިޔަފާރީގައި ސަރުކާރުގެ ދައުރު ފުޅާކުރުމަށް ހުށަހަޅާފައެވެ. އަދި ސަރުކާރުން ބޮޑުކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދުތައް ވީހާވެސް އަވަހަށް ތަންފީޒުކޮށްދިނުމަށްވެސް މަސްވެރިން ދަނީ އެދެމުންނެވެ. ވަޒީރު ޝިޔާމް ވިދާޅުވީ، ސަރުކާރަކީ ރާއްޖޭގެ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް މާނަވީ ޙައްލެއް ހޯދައިދޭނެ ސަރުކާރުކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސްކުރުމަށް ޤާއިމުކުރާ ފެސިލިޓީގެ ޢަމަލީ މަސައްކަތް ޖަނަވަރީ މަސްތެރޭ ފެށުމަށްޓަކައި ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ދަނީ ވަމުންނެވެ. މީގެ އިތުރުން ސިނާއަތުގެ ތަރައްޤީއަށް އިތުރު ގިނަ ކަންކަން ކުރަންޖެހޭކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުންދިޔަ ގޮތަށް، ރައީސްގެ ޚާއްޞަ އިރުޝާދުގެ ދަށުން މާލެ ސަރަޙައްދުން ވަނީ ތެލަށް ހެޔޮ ބަދަލެއް ގެނެސް، ބޭސް ރޭޓެއްގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު އެސްޓީއޯ މެދުވެރިކޮށް ހަމަޖައްސާފައެވެ. އަދި ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ހަމަޖެހޭނެ ކަމުގެ އުފާވެރި ޚަބަރުވެސް ރައީސް ވަނީ މީގެ ކުރިން ބައެއް ރަސްމިއްޔާތުތަކުގައި ޙިއްސާކުރައްވާފައެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ކުރިއަށް އޮތީ މަސްވެރި ޢާއިލާތަކަށް އުފާވެރި ދުވަސްތަކެއް ކަމަށާއި، މި ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަށް ޙައްލު ހޯދައިދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އިން ޝާ ﷲ މި ސަރުކާރުން ހުރިހާ މަސްވެރިންގެ ކަންބޮޑުވުންތަކަށް މާނަވީ ޙައްލެއް ހޯދައިދޭނެއެވެ.