ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހާދިސާއަކާ ގުޅިގެން ފަރުވާދެމުންދަނިކޮށް ސްޓެލްކޯގެ މުވައްޒަފެއް ކަމުގައިވާ އަޙްމަދު އަޒްމީލް ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
އަޒްމީލް ނިޔާވީ، މިދިޔަ މަހު ހުޅުމާލޭ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި އަނިޔާތައް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމާ ގުޅިގެން ސޯޝަލް މީޑީއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ޙާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފު އަޙްމަދު އަޒްމީލް ނިޔާވި ޚަބަރު އަޑުއެހީ ނުހަނު އަސަރާއި ހިތާމައާ އެކުކަމަށެވެ. ރައީސް ވަނީ މި ހިތާމައިގައި އަޒްމީލްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، އެމީހުންނަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޓެލްކޯގެ ވެރީންނާއި މުވައްޒަފުންނަށް ވެސް ތަޢުޒިޔާ ދަންނަވައި، މަރްޙޫމް އަޙްމަދު އަޒްމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރައްވާފައެވެ. އަޙްމަދު އަޒްމީލް ނިޔާވިއިރު އޭނާ ހުންނެވީ ސްޓެލްކޯގައި ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.
އުމުރުން 43 އަހަރުގެ އަޙްމަދު އަޒްމީލް ނިޔާވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ހާލަތުގައި ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ވަކިވުމަކީ ސްޓެލްކޯގެ މުވައްޒަފުންނާއި، އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.