ބޮޑު ކަންނެލީގެ މަސްވެރިން ފާޅުކުރަމުންދާ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ހޯދައިދޭނަން: ވަޒީރު ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ބޮޑު ކަންނެލީގެ މަސްވެރިން ފާޅުކުރަމުންދާ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ހޯދައިދޭނަން: ވަޒީރު ޝިޔާމް

ބޮޑު ކަންނެލީގެ މަސްވެރިން ފާޅުކުރަމުންދާ ހުރިހާ ކަންބޮޑުވުމަކަށް މި ސަރުކާރުން ހައްލު ހޯދައިދޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިން އިއްޔެއިން ފެށިގެން ކުރަމުންދާ އިހުތިޖާޖުތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. މި ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ބޮޑު ކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުން ފާހަގަކުރާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޮޑު ކަންނެލި ވިއްކުމަށްފަހު ފައިސާ ލިބުމުގައި ލަސްވުމެވެ. މިހާރު ބޮޑު ކަންނެލި ގަންނަނީ އަމިއްލަ ކުންފުނިތަކުން ކަމަށާއި، ބައެއް ކުންފުނިތަކުން މަސް ގަތުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު 1.5 މިލިޔަން ރުފިޔާއަށް އަރާކަމަށް ވަޒީރު ވިދާޅުވިއެވެ. މަސްވެރިން ބޭނުންވަނީ ސަރުކާރުން މަސް ގަތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަސްވެރިންގެ މި ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގައި މަސް ޕްރޮސެސިން ފެސިލިޓީއެއް އެޅުމުގެ ޢަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ވަޒީރު ޝިޔާމް ވިދާޅުވީ މި މަސައްކަތް އަވަސްކުރުމަށްޓަކައި ޕީއެސްއައިޕީ މޮޑެލްއަށް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ކުރިއެރުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ހުޅުމާލޭ ބަނދަރުން 25 ހާސް އަކަފޫޓު ޖާގަ ހޯދާފައިވާ ކަމަށާއި، އެޗްޑީސީން ބިން ލިބުނީ އިއްޔެ ކަމަށެވެ. މީގެ އިތުރުން، އައިއެސްޖީބީއާ މަޝްވަރާކޮށް ފަންޑު ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން