ނެސްކެފޭ ބޯ މީހުންނަށް އުފާވެރި ޚަބަރެއް!: ކޮފީ އަކީ މުސްކުޅިވުން ދުރުކޮށްދޭ އެއްޗަކަށްވުން ގާތްކަމަށް އައު ދިރާސާއަކުން ދައްކައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ނެސްކެފޭ ބޯ މީހުންނަށް އުފާވެރި ޚަބަރެއް!: ކޮފީ އަކީ މުސްކުޅިވުން ދުރުކޮށްދޭ އެއްޗަކަށްވުން ގާތްކަމަށް އައު ދިރާސާއަކުން ދައްކައިފި!

- ކުރީގެ ރިސަރޗް ތަކުން ހާމަވެފައިވާ ގޮތުގައި ޕޮލީފެނޯލްސް ކިޔާ މައިކްރޯ ނިއުޓްރިއަންޓް އަކީ މުސްކުޅިވުން ދުރުކޮށްދީފާނެ މާއްދާއެކެވެ.  

- ޕޮލީފެނޯލްސް ވަރަށް ގިނަ ކާބޯތަކެތީގައި އެކުލެވޭއިރު، ކޮފީ ގައިވެސް އެމާއްދާ ހިމެނެއެވެ.    

އައު ދރިރާސާއަކުން މިހާރު ހާމަވެފައިވާ ގޮތުގައި ކޮފީގައި ހިމެނޭ ޕޮލީފެނޯލް އަދި އެހެން ބައެއް މާއްދާގެ ސަބަބުން ހަށިގަނޑުގައި ވަކި ޕްރޯޓީން އެއް ހަރަކާތްތެރި ކުރުވައެވެ. މި ޕްރޯޓީން އަކީ ހަށިގަނޑުން އިންފްލެމޭޝަން ދުރުކޮށްދީ، ސްޓްރެސް ވުމާއި ކްރޯނިކް ބަލިތަކުން ދުރުކޮށްދޭ މާއްދާ އެކެވެ. ނަތީޖާއެއްގެ ގޮތުން ސިއްހަތު ރަގަޅު ކޮށްހުރެ އުމުރުން ދުވަސް ވުމުގެ ފުރުސަތު ލިބިދެއެވެ.  

އުމުރުން ދުވަސްވުމަކީ ހުއްޓުވޭނެ ކަމަކަށް ނުވިނަމަވެސް ބައެއްކަހަލަ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން މީހާ ބަލިތަކާ ދުރުކޮށްދީ މުސްކުޅިވުން ދުރުކޮށްދޭ ކަންކަން ހުރެއެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން،ކަސްރަތުކޮށް ހަރަކާތްތެރިވެ އުޅުން އަދި ސިއްހީގޮތުން ރަގަޅު ކާބޯތަކެތި ބޭނުން ކުރުން ހިމެނެއެވެ.  

ކާބޯތަކެއްޗަށް ބަލާއިރު ބައެއް ބާވަތްތަކުގައި ހިމެނޭ ނިއުޓްރިއަންޓް ގެ ސަބަބުން މުސްކުޅިވުން ދުރުކޮށްދެއެވެ. އެފަދަ އެކައްޗަކީ ޕޮލިފެނޯލް އެވެ. ޕޮލިފެނޯލް ހިމެނޭ ކާބޯތަކެތީގެ ތެރޭގައި ބެރީ، އަންނާރު، ސްޕިނެޗް، ޑާކް ޗޮކްލެޓް، އެކްސްޓްރާ ވަރޖިން އޮލިވް އޮއިލް، ވޯލްނަޓްސް، ކަޅުސައި އަދި ގްރީން ޓީ ހިމެނެއެވެ.

މިކަމާބެހޭ ގޮތުން ތަހުލީލުތައް ހައްދަވާފައިވާ އެއްބޭފުޅެއް ކަމަށްވާ ޓެކްސަސް ޔުނިވަރސިޓީ ގެ ޕްރޮފެސަރ ސްޓެފަން ސޭފް ވިދާޅުވެފައިވާ ގޮތުގައި އާންމުކޮށް ކޮފީބޯ މީހުންނަށް އުމުރުން ދުވަސް ވުމުން ދިމާވާ ސިއްހީމައްސަލަތައް ކުރިމަތިވާލެއް މަދެވެ. 

ސޭފް އިސް ލިއުންތެރިއަކަށް ހުންނަވައިގެން މިމައުލޫއު ގައި ވަނީ ނިއުޓްރިއަންޓް މަޖައްލާގައި ޚާއްސަ އާޓިކަލް އެއް ޝާއިއުކޮށްފައެވެ. 

މިލިއުމަށް ސައިންޓިސްޓުން ތަހްލީލްތައް ކޮށްފައިވަނީ ސެލިއުލަރ މޮޑެލް ތަކެއް ބޭނުން ކޮށްގެން ކަމަށް ވެއެވެ. އެހެން ކަމުން މިކަމުގައި ކްލިނިކަލް ފެންވަރުގައި އިތުރު ޓްރަޔަލް ތައް ފުރިހަމަ ކުރަން ޖެހޭ ކަމަށް ސައިންސްވެރިން ވިދާޅުވެފައި ވެއެވެ. 

އަޅުގަނޑުމެންގެ އަމާޒަކަށް ވާންވީ މުސްކުޅިވުން ހުއްޓުވުން ނުވަތަ އުމުރު ދިގުކުރުން ނޫންކަމަށާ ނަމަވެސް ފުރިހަމަ ސިއްހަތެއްގައި ހުރެގެން ހަރަކާތްތެރި ކަމާއެކު އުމުރުން ދުވަސްވަމުން ދިއުން ކަމަށް ވިދާޅުވެފައި ވެއެވެ. 

މިބޭފުޅުން ވިދާޅުވާ ގޮތުގައި ކޮފީނުބޯ މީހުންވެސް،ރަގަޅު ސިއްހަތެއްގައި ހުރެ ހަރަކާތްތެރި ދިރިއުޅުމެއް އުޅެވިދާނެ ގޮތްތައް އެބަހުރިކަން ފާހަގަ ކުރައްވާފައެވެ. މިގޮތުން :

ޕްލާންޓް ރިޗް ޑައެޓް ކެއުން

ގަވާއިދުން ކަސްރަތު ކުރުން

ނިދި ފުރިހަމަ ކުރުން

ދުންފަތުގެ އިސްތިއުމާލު ނުކުރުން ، އަދި

ބްލަޑް ޕްރެޝަރ،ކޮލެސްޓްރޯލް އަދި ބްލަޑް ޝުގަރ ކޮންޓްރޯލް ކުރުން ހިމެނެއެވެ. 

ކެއުމުގެ ވަކިއެއްބާވަތެއް ނުވަތަ ވަކި ސަޕްލިމަންޓެއް ބޭނުން ކޮށްގެން އުމުރު ދިގުކުރަން އުޅުމަށްވުރެ މިކަންކަމަށް ސަމާލުކަން ދިނުން މާ މުހިންމު ކަމަށް އެބޭފުޅުން ވިދާޅުވެފައި ވެއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން