މިހާތަނަށް ރާއްޖޭގައި 322 ހާފިޡުން ތިބި އިރު، މި ދައުރުގެ ތެރޭގައި އެ އަދަދު 500 އަށް އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ހާމަކޮށްފިއެވެ. މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ކީރިތި ޤުރްއާން ހިތުދަސްކުރަމުން އަންނައިރު، ކުރިއަށް އޮތް ރޯދަމަހު ގިނަ އަދަދެއްގެ ހާފިޡުން ދަސްވެނިވާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރާ ފަރާތްތަކަށާއި ހާފިޡުންނަށް ހިތްވަރު ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުން އެ ފަރާތްތަކަށް ދޭ އިނާޔަތް އިތުރުކުރައްވާފައެވެ. މީގެއިތުރުން ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިތުރަށް ފުޅާކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.
އެގޮތުން މިހާރުވެސް ރާއްޖޭގެ 30 ރަށެއްގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކޮށް ހިންގަން ފަށާފައިވެއެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް މި މަޝްރޫޢު ފުޅާކުރުމަށް ރޭވިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޤުރުއާން މުބާރާތެއް ބޭއްވުމަށްޓަކައި ސައުދީ ސަރުކާރުގެ އެހީތެރިކަމަށް މިހާރު ވަނީ އެދިފައެވެ. އަދި ހަމައެއާއެކު މި ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ޒަކާތު ފަންޑުންވެސް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.