ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ބަންދަށް މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުގައި ރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޕީޖީގެ ވަކީލުން ވަނީ ވަކާލާތު ކުރުމުގައި ވަރަށް ބޮޑަށް އިހްމާލްވެފައި ކަމަށާއި ޒިންމާ އަދާ ނުކުރެވޭނަމަ މަޤާމްތަކުން އިސްތިއުފާދިނުމަށް މަޖިލީހުގެ ބައެއް މެންބަރުން މިއަދު ގޮވާލައްވައިފިއެވެ.
މިކަމާއި ގުޅިގެން މިއަދު މަޖިލީހުގައި ކުރިއަށް ގެންދިއަ ބަހުސްގައި މެންބަރުން ވިދާޅުވީ އެންމެ ފުރަތަމަ ބަލަން ޖެހޭނީ އަދީބް ހައްޔަރުކުރި ސަރަހައްދު ނޫން ކަމަށެވެ. ފުރަތަމަ ބަލަން ޖެހޭނީ އެއްވެސް ޓްރެވަލް ޑޮކިޔުމަންޓެއް ނެތި ޤާނޫނުތަކާއި ޚިލާފަށް އަދީބް ރާއްޖެއިން ފުރި މައްސަލަކަމަށެވެ. "އެހެން ނަމަވެސް ދައުމަތުގެ ވަކީލުން ކޯޓުގައި އެކަށީގެންވާ ވަރަށް ވަކާލާތުކޮށްފައެއް ނުވޭ."
ބައެއް މެންބަރުން ފާހަގަކުރެއްވި ގޮތުގައި ހުރިހާ ބަންދަކުން އަދީބް މިނިވަންވެ މިނިވަންކަން މަތީގައި ދިރިއުޅެމުންވެސް ޤާނޫނުތަކާއި ރާއްޖެއިން ފިލަން މަސައްކަތްކުރުމުގެ ފަހަތުގައިވާ މައްސަލަތައް ވަރަށް ފުރިހަމައަށް ބަލަން ޖެހޭނެ ކަމަށެވެ.