ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ އާއި އިންޑިއާ އާއި ދެޤައުމުގެ އިޤްތިޞާދީ، ސިޔާސީ އަދި ޘަޤާފީ ގޮތުން ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިމޭރުމުން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރާ އިންޑިއާގެ ޖުމްހޫރީދުވަހުގެ މުނާސަބަތުގައި، އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދަށާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖްގައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ޖުމްހޫރީދުވަހުގެ ހެޔޮއެދުންތައް ވަނީ ފޮނުއްވައިފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެ މެސެޖުގައި ރާއްޖެއާއި އިންޑިއާ އާއި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން އެމަނިކުފާނު ވަނީ އިންޑިއާއިން ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ކޮށްދެއްވާ އަގުހުރި މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަސެޖް ނިންމަވާލައްވަމުން އިންޑިއާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް ވަނީ އެދިވަޑައިގެންފައެވެ.