ދިވެހިރާއްޖޭގެ ތާރީޚުގައި ތަރައްޤީގެ ބޮޑެތި މަސައްކަތްތަކަށް މަދު ބައެއްގެ ފަރާތުން ފާޑުކިޔުންތަކާއި ޝައްކުތައް ކުރިމަތިވި ނަމަވެސް، ދިވެހި ރައްޔިތުން އަބަދުވެސް އިސްކޮށްފައިވަނީ ޤައުމީ ވިސްނުމާއި ޒަމާނީ ކުރިއެރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އަންހެން ކުދީންނަށް ތަޢުލީމު ދިނުމާއި، ރަށްރަށުގައި މަގުކެނޑުމާއި، މަސްދޯނިފަހަރުގައި އިންޖީނު އެޅުމުގެ އިތުރުން ފަތުރުވެރިކަމުގެ ޞިނާޢަތް އުފެއްދުމުގައި ދިވެހީން ހޯދި ކާމިޔާބީތަކަކީ އެކަމުގެ އަލިގަދަ މިސާލުތަކެއްކަމަށެވެ.
ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޚިދުމަތްތައް ހަނދާންކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންހެން ކުދީންނަށް ތަޢުލީމު ދިނުމަށް އެމަނިކުފާނު ވަކާލާތުކުރައްވަން ފެށްޓެވުމުން، އެއީ ކުރަން ހެޔޮނުވާވަރުގެ ކަމެއްކަމަށް ބައެއް މީހުން ވިސްނައިދޭން މަސައްކަތްކުރިކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައި، ޤާނޫނީ ބާރުވެރިކަން ހޯއްދަވައިދެއްވައިގެން ގެންނެވި އެ ބަދަލުގެ މަންފާ މިއަދު މުޅި ޤައުމަށް ލިބެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެފަދައިން، ރަށްރަށުގެ ހަނި ގޯޅިތައް، ފުޅާ ތަނަވަސް މަގުތަކަށް ބަދަލުކުރެއްވުމަށް ފެށްޓެވި މަސައްކަތްޕުޅަށްވެސް ދެކޮޅުވެރިކަން އަމާޒުވި ނަމަވެސް، ވިސްނޭ ދިވެހި ރައްޔިތުން އެ މަދަނީ ތަހުޒީބަށް މަރުޙަބާ ކިޔާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ޒަޢާމަތުގައި، މަސްދޯނިފަހަރުގައި އިންޖީނު އަޅަން ފެށުމުން، އިންޖީނުގެ އަޑަށް މަސްތައް ފިލައިގެންދާނެކަމަށް ބުނެ މަދު ބަޔަކު އެކަމަށް އިންކާރުކުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ޅ. ނައިފަރު "އުންމީދު" ދޯންޏާއި އެ ނޫން ވެސް އޮޑިވެރީންގެ އިސްނެގުމާއެކު، އެ ކުށްހީތައް ނައްތާލައި އެކަމުގެ ސަބަބުން މަސްވެރިކަމަށް ބޮޑު ކުރިއެރުމެއް ގެނައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ރަށްތައް ދުރުދުރުގައި އެތުރިފައިވާތީ ފަތުރުވެރިކަމަކީ ރާއްޖޭގައި ކުރިއެރުވިދާނެ ޞިނާޢަތެއް ނޫންކަމަށް ބޭރުގެ ތަޖުރިބާކާރުންގެ ދިރާސާތަކުން ނިންމި ނަމަވެސް، ދިވެހި ދެތިން ބޭފުޅެއްގެ ބުރަ މަސައްކަތުން އެ ޞިނާޢަތް އުފައްދައި، މިއަދު ދިވެހި އިޤުތިޞާދުގެ އެންމެ އުސް ތަނބަށް ޞިނާޢަތް ހެއްދެވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ތާރީޚީ ޙާދިސާތަކުން ސާފުވަނީ ދިވެހި ރައްޔިތުން ބޭނުންވަނީ ހޭލުންތެރި، މަދަނިއްޔަތެއް ލިބިފައިވާ ދިވެހިރާއްޖެއެއްކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާ ބާއްވަވާފައިވަނީ، ޒުވާނުންގެ މަރުކަޒުގެ ހޯލުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ. ދިވެހިރާއްޖޭގައި ޖުމްހޫރީ ދުވަސް ނޮވެންބަރު 11 ގައި ފާހަގަކުރަނީ، 1968 ގައި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤާއިމުވި ތާރީޚާ ގުޅުވައިގެންނެވެ.