މާނަވީ އިންސާނީ ބިނާކުރުމާއި ޢުމްރާނީ ތަރައްޤީ ހާސިލުވެފައިވާ ތަހުޒީބު މުޖުތަމަޢެއްގެ ތަޞައްވުރު ޙަޤީޤަތަކަށް ހެއްުމަށް ގޮވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 40ސ
މާނަވީ އިންސާނީ ބިނާކުރުމާއި ޢުމްރާނީ ތަރައްޤީ ހާސިލުވެފައިވާ ތަހުޒީބު މުޖުތަމަޢެއްގެ ތަޞައްވުރު ޙަޤީޤަތަކަށް ހެއްުމަށް ގޮވާލައްވައިފި

މާނަވީ އިންސާނީ ބިނާކުރުމާއި ޢުމްރާނީ ތަރައްޤީ ހާސިލުވެފައިވާ ތަހުޒީބު މުޖުތަމަޢެއްގެ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ، ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވެވި، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވަމުންނެވެ. ޖުމްހޫރީ ދުވަހެއްގައި ޝިޢާރަކަށްވާންވީ، "ދިވެހީންގެ ރާއްޖެ – ތަހުޒީބު މުޖުތަމަޢު" ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު، ސަރުކާރުގެ ތަރައްޤީގެ ސިޔާސަތު ބައްޓަންކުރައްވާފައިވަނީ އިސްލާމްދީނުގެ މައްޗަށް ބިނާވެފައިވާ، މާނަވީ އިންސާނީ ބިނާކުރުމާއި، މާއްދީ ޢުމްރާނީ ބިނާކުރުމުގެ މައްޗަށްކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤައުމެއްގެ ކުރިއެރުމުގެ ފުރާނައަކީ އުންމީދީ ވިސްނުމާއި ހަމަޖެހުމާއި އެއްބައިވަންތަކަންކަމުގައި ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ތަޞައްވުރަކީ ދިވެހި ޤައުމިއްޔަތުގެ ތަރަހައިގެ މަތީގައި ދިވެހިރާއްޖެ އާ ޒަމާނަކަށް ހިނިތުންކުރުމެވެ. އެގޮތުން އިސްލާމްދީނުގެ ވަރުގަދަ ބިންގަލުގެ މަތީގައި މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރެވިފައިވާ، ފަރުދީ އަދި ޤައުމީ ފާގަތިކަން ކަށަވަރުވެފައިވާ، މޫސުމީ އަދި ދުނިޔަވީ އަސަރުތަކަށް ވިލުންތެރި ޤައުމެއް ބިނާކުރުމަކީ އެމަނިކުފާނުގެ އަމާޒުކަމުގައި ވިދާޅުވިއެވެ. އަދި ހުރިހާ މާނައެއްގައި ޝާމިލު، ގުޅުންތެރިކަން ޤާއިމުކުރެވިފައިވާ، އީޖާދީ އަދި އުފެއްދުންތެރި އިޤުތިޞާދެއްގެ ވެރި، ދުޅަހެޔޮ ތަޢުލީމީ ހުނަރުވެރި ރައްޔިތެއް ދިރިއުޅޭ، އިތުބާރު ލިބިގެންވާ ތަހުޒީބު މުޖުތަމަޢަކަށް ރާއްޖެ ހެއްދެވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މި ރޫޙުގައި، ޤައުމީ އެއްބައިވަންތަކަމުގެ މުހިންމުކަމަށް އަލިއަޅުއްވައިލައްވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހީންނާ ހަމައަށް މި ޤައުމު ވާރުތަވެފައިވަނީ އެއް ބަހަކުން ވާހަކަދައްކާ، އެއް ދީނަކަށް ތަބާވާ، އެއް ސަގާފަތެއް ޙިއްޞާކުރާ، އަމާން ރައްކާތެރި ޤައުމެއްގެ ގޮތުގައިކަމަށެވެ. އަދި ދިވެހިރާއްޖެ ހޯދާފައިވާ ހުރިހާ ކުރިއެރުމެއްގެ އަސްލަކީ ދިވެހީންގެ އުންމީދީ ވިސްނުމާއި، އަޚްވަންތަ އެކުވެރިކަމާއި، ޤައުމީ ސަފުތަކުގެ ބަދަހިކަންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅު ނިންމަވައިލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޖުމްހޫރީ ދުވަހު ދިރުވަންވީ ދިވެހި ރައްޔިތުންގެ މުސްތަޤުބަލުގެ އަމާންކަމަށް އާނއެކޭ ބުނުމުގެ ރޫޙުކަމަށެވެ. އަދި ދިވެހި ޤައުމުގެ އަމާންކަމަށް ހުރަސްއަޅައި، މުސްތަޤުބަލުގެ ކުރިއެރުމަށް ލޮޅުންއަރުވަން މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ހެޔޮވިސްނުން ދެއްވުން އެދި އެމަނިކުފާނު ދުޢާކުރެއްވިއެވެ.

ރަސްކަމަކުން އިންތިޚާބީ ރަސްކަމަކަށް، އިންތިޚާބީ ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް، އަދި އެއަށްފަހު ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކަށް ވާސިލުވި ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ނޮވެންބަރު 11 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ، 1968 ގައި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ޤާއިމުވި ތާރީޚީ ދުވަހާއި ގުޅުވައިގެންނެވެ.

މިއަދު އޮންލައިން