ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅައި، އެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ފަށައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓު ކޮމިޓީގެ ރިޕޯޓު ހުށަހަޅުއްވައިދެއްވީ އެ ކޮމިޓީގެ ނައިބު މުޤައްރިރު އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. ރިޕޯޓު ހުށަހެޅުއްވުމަށްފަހު، މަޖިލީހުގެ ރައީސް ވިދާޅުވީ ކޮމިޓީ ރިޕޯޓަށް 23 އިސްލާހެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އިސްލާހުތަކެއް ކަމުގެ ތަފުސީލެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ. މި ބަހުސް މަރުހަލާ ކުރިއަށްގެންދިއުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ ކޮންމެ މެންބަރަކަށް 7 މިނިޓުގެ ފުރުސަތެއް ދިނުމަށެވެ.
ބަޖެޓު ރިޕޯޓުގެ ބަހުސްގައި ވާހަކަދައްކަވަމުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވީ، މިއީ އެއްވެސް އަތޮޅެއް އަދި ރަށެއް ބާކީނުވާނޭހެން އެކުލަވާލާފައިވާ ކުރިމަގަށް އޮތް ވަރަށް އުންމީދީ ބަޖެޓެއް ކަމަށެވެ. ވަކިން ހާއްސަކޮށް ސިއްހީ ދާއިރާއާއި އިޖުތިމާއީ ރައްކާތެރިކަމަށް ބޮޑެތި އަދަދުތަކެއް ކަނޑައަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އިގްތިސާދީ އަދި ސިނާއީ ކުރިއެރުމަށް 9.6 ބިލިއަން ރުފިޔާ އަދި މަސްވެރިކަމުގެ ސިނާއަތަށް 657 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަކުރައްވައި މެންބަރު މުފީދު ވިދާޅުވީ، ދަތުރުފަތުރާއި ފަތުރުވެރިކަން ފަދަ އަސާސީ އެކި ދާއިރާތަކަށް މި ބަޖެޓުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
މި ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ، ހުށަހެޅިފައިވާ ބަޖެޓުން ގޯސް ކަމެއް ފެންނަން ނެތް ކަމަށާއި މިއީ ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ހިމެނޭ ބަޖެޓެއް ކަމަށެވެ. އަދި މި އަހަރަށް ވުރެ 2027 ވަނަ އަހަރު ރައްޔިތުންނަށް މި ބަޖެޓުގެ ސަބަބުން ލިބޭ މަންފާ އިތުރުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގައި، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.