މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ދޫކުރާ ލޮނުފެނުން މަސް ފިނިކުރާ ނިޒާމް (އާރްއެސްޑަބްލިޔު) ހަރުކުރުމުގެ ފެސިލިޓީގެ ދަށުން މިހާތަނަށް 40 އުޅަނދަކަށް 37.98 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
މި ސަރުކާރުން މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ފުރަތަމަ ހުޅުވާލި މި ފުރުޞަތަށް އިތުރު ލުއިތަކެއް ގެނެސްފައިވާއިރު، އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިންގ ލިމިޓް މިހާރު ވަނީ 4 މިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި އާރްއެސްޑަބްލިޔު ސިސްޓަމްގެ އިތުރުން އޮޑިދޯފަހަރުގައި އިންޖީނު އެޅުމަށާއި ބާޑް ރޭޑާ ހަރުކުރުމަށްވެސް މިހާރު ވަނީ ފުރުޞަތު ފަހިކޮށްދީފައެވެ.
މި ފެސިލިޓީގެ ދަށުން ދޫކުރާ ލޯނުގެ 35 އިންސައްތައަކީ ހިލޭ އެހީ އެވެ. އޭގެ ތެރެއިން މިހާތަނަށް 13 ފަރާތަކުން ސިސްޓަމް އިންސްޓޯލްކޮށް ނިންމާފައިވާއިރު، އިންސްޕެކްޓްކޮށް ނިމުނު 6 އުޅަނދެއްގެ ލޯނުން ވަނީ މި 35 އިންސައްތަ އުނިކޮށްދީފައެވެ. މި ނިޒާމް ހަރުކުރި އުޅަނދުފަހަރުގެ ހިންގުމުގެ ޚަރަދު 20 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުޑަވެފައިވާ ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
ސަރުކާރުގެ އަމާޒަކީ ޖުމްލަ 200 މަސްދޯނީގައި މި ސިސްޓަމް ހަރުކުރުމެވެ. މިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މިހާތަނަށް 12 އަތޮޅެއްގެ 22 ރަށެއްގައި ވަނީ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައެވެ.
މި ލޯނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އެކި އަތޮޅުތަކުގައި ހުރި އައިސް ޕްލާންޓްތަކުން މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް ނުލިބުމުގެ ދަތިކަން ޙައްލުކުރުމާއި، އައިސް ހޯދުމަށް ކުރަންޖެހޭ ޚަރަދު ކުޑަކޮށްދިނުމެވެ. އަދި ބާނާ މަސް ގިނަވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށްގެން ކަނޑުމަތީގައި ގިނަވަގުތު ހޭދަކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، މަސްވެރިކަމުގެ ޞިނާޢަތް އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވެދިނުމެވެ.