ވިލުންތެރި އިޤުތިޞާދެއް ބިނާކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިޖުރާއަތްތަކަކީ ލުއިފަސޭހަ، އަވަސް އަދި ހާމަކަންބޮޑު އިޖުރާއަތްތަކަކަށްވުން ކޮންމެހެން މުހިންމު ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވެއްޖެއެވެ.
ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ވިދާޅުވީ، 1890 ވަނަ އަހަރު ރާއްޖޭގައި ކަސްޓަމްސް މުއައްސަސާއެއްގެ ގޮތުގައި ޤާއިމުކުރެވުނީއްސުރެ އަދާކުރަމުން އައި ބޯޑަރު ބެލެހެއްޓުމާއި އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި ޒިންމާތައް މިއަދު އިތުރަށް ފުޅާވެފައިވާ ކަމަށެވެ. އެގޮތުން، ރާއްޖެ އެތެރެކުރާ މުދަލަށް ބަރޯސާވާ މި ޖަޒީރާ ޤައުމުގައި ދިވެހިންގެ ދިރިއުޅުމާއި އިޤުތިޞާދާއި އިޖުތިމާޢީ ހަމަޖެހުން ކަސްޓަމްސްގެ ޚިދުމަތާ ގުޅި ލާމެހިފައިވާ ކަމަށާއި، މި ޚިދުމަތުގެ އަސަރު ރާއްޖޭގެ ކޮންމެ ރައްޔިތަކަށާއި ވިޔަފާރިއަކަށް ކުރާ ކަމަށް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދިޔާނާ ވިދާޅުވީ، ސަޕްލައި ޗެއިންގެ ރައްކާތެރިކަން ކަށަވަރު ކުރުމާއެކު، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ޢަމަލުކުރާ ފަރާތްތަކަށް ޚާއްޞަ ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަކީ ކަސްޓަމްސްގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.
ރާއްޖެއަށް ޤާނޫނާ ޚިލާފު ތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ކޮމިޝަނަރ ޖެނެރަލް ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 168 ކިލޯގެ މަސްތުވާތަކެތި އަދި ޤަވާޢިދާ ޚިލާފަށް އެތެރެކުރަން އުޅުނު 47 މިލިޔަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގަނެފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުން މަނާކުރި ތާރީޚުން ފެށިގެން މިހާތަނަށް 121،000 އަށްވުރެ ގިނަ ވޭޕާއި އެއާ ގުޅުންހުރި ތަކެތި ހިފަހައްޓާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމިޝަނަރ ޖެނެރަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކަސްޓަމްސްގެ މަސައްކަތުގެ ޙަޤީޤީ ކާމިޔާބީ ވަޒަންކުރެވެނީ ހަމައެކަނި އަތުލައިގަނެވޭ ތަކެތީގެ އަދަދަކުން ނޫނެވެ. އޭގެ ބަދަލުގައި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި، މަނާ ތަކެތި ރާއްޖެއަށް އެތެރެނުވާކަން ކަށަވަރު ކުރުމަކީ އެންމެ އިސް ކާމިޔާބީ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.